ބޮލީވުޑް

ޖޫހީ ޗަވްލާވެސް ރާއްޖޭގައި!

މިދުވަސްވަރަކީ ރާއްޖެއަށް ބޮލީވުޑްގެ ގިނަ ފަންނާނުންތަކެއް އަންނަ ދުވަސްވަރެކެވެ. ނުވަދިހައިގެ އަހަރުތަކުގައި ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އެންމެ މަގުބޫލު ބަތަލާ ޖޫހީ ޗަވްލާ ވެސް ހުރީ ރާއްޖޭގެ ރިސޯޓެއްގަ އެވެ.

މިދިޔަ އޮކްޓޯބަރު މަހުވެސް އާއިލާ އެކު ރާއްޖެ އައިސްފައިވާ ޖޫހީ ޗަވްލާ މިފަހަރު ހުރީ ފޯސީޒަންގެ ލަނޑާ ގިރާވަރު ރިސޯޓުގަ އެވެ. ރިސޯޓުގައި އާއިލާއާއެކު ވަގުތު ހޭދަ ކުރަމުން ނަގާ ފޮޓޯތައް ދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ފޭނުންނަށް ހިއްސާ ވެސް ކުރަމުންނެވެ.

ޖޫހީ އަކީ ބޮލީވުޑްގެ ބްލޮކްބަސްޓާ ގިނަ ފިލްމުތަކެއް ކުޅެފައިވާ ބަތަލާއެކެވެ. "ޔެސް ބޮސް" އާއި "ގަޔާމަތު ސޭ ގަޔާމަތު ތަކް" ފަދަ ސުޕަހިޓު ފިލްމުތަކުން އޭނާ ދިޔައީ ނުވަދިހައިގެ އަހަރުތަކުގައި ރަނިކަން ކުރަމުންނެވެ. ލީޑު ރޯލުތަކުން މިހާރު ނުފެނުނު ކަމުގައި ވިޔަސް ފިލްމުތަކުގެ ހާއްސަ ފެނިލުންތަކުން އަދިވެސް ފެނެ އެވެ.

ޖޫގީ ދެން އެންމެ އަވަހަށް ފެންނާނީ އަންނަ ފެބުރުއަރީ މަހުގެ 1 ގައި ރިލީޒް ކުރާ "އޭކް ލަޅްކީ ކޮ ދޭކާ ތޮ އޭސާ ލަގާ" އިންނެވެ. މި ފިލްމުގައި ޖޫހީ ފެންނާނީ އަނިލް ކަޕޫރާއި އޭނާގެ ދަރިފުޅު ސޯނަމް ކަޕޫރާ އެކީގަ އެވެ.