ފިނިޕޭޖް

އިނގިލިތަކުން ކަށިގޮއްވަންތަ؟

ފޫހިވެފައި އިންނައިރު އަތުގެ އިނގިލިތަކުން ކަށިގޮއްވަން ހެއްޔެވެ؟ އަތުގެ އިތުރުން ބައެއް މީހުންނަކީ ބުރަކަށްޓާއި ކަރުން ވެސް ކަށިގޮއްވާ މީހުންނެވެ. މިއީ ކަންފަތަށް ފަސޭހަ އަރާމު އަޑަކަށްވެފައި، އެ ވަގުތު ކޮޅު ކިތަންމެ ހިތްހަމަ ޖެހުނަސް ކަށިގޮއްވުމަކީ ސިއްހަތަށް ނުރައްކާތެރި ކަމެއްތޯ ނޫންތޯ ބަލައި ވިސްނާލިން ހެއްޔެވެ؟

ހުސް ވަގުތުގައި އަތުގެ ފަސް އިނގިލީގެ ހުރިހާ ބަދަތަކެއް ގޮއްވަނީ އެހެން ހެދުމުން ނުކުންނަ ތަފާތު އަޑެއްގެ ސަބަބުންނާއި ކޮންމެވެސް އަރާމެއް ވެސް އޭގެ ސަބަބު ލިބޭތީ އެވެ. ކުޑަ ކުޑަ ކުދިންނަށްވެސް އިނގިލީގެ ބަދަ ތަކުން ކަށިގޮއްވަން ކިތަންމެ ފަސޭހަ ވިޔަސް ބުރަކައްޓާއި ކަރުގެ ކަށްޓަކީ، އިނގިލީގެ ކައްޓާ ވަރަށް ތަފާތު ކައްޓެކެވެ. މިއީ ގިނަ މީހުން ހިތްހަމަ ޖައްސައިލުމަށް ކުރާ ކަމެއް ނަމަވެސް ބުރަކަށީގެ ކަށި ގޮއްވާ މީހުންނަކީ އާދަޔާ ހިލާފު ކުޅަދާނަކަމެއް ވެސް ލިބިގެންވާ ބައެކެވެ.

ކަށިގޮއްވުމަށް ބަދަތަކަށް ބާރު ދިނުމުން އެ ބަދައިގެ ވަށައިގެން ހުންނަ ކެޕްސިއުލްތައް ފުޅާވެ އެވެ. އަދި އޭގެ ތެރޭގައި ހިމެނޭ ފުލުއިޑްތައް ވަޔަށް ބަދަލުވެ ކަށިގޮއްވުމުން އެ ނިކުންނަ "ޓޮއް" އަޑަށް ބަދަލުވެ އެވެ. އިނގިލީގެ ބަދަ ތަކަށް ބާރުދީ، އިނގިލި އަނބުރާލާ ކަށިގޮއްވަން ކިތަންމެ ފަރިތަވެފައި އަވަސް ވިޔަސް، ބުރަކައްޓާއި ކަރުގެ ކައްޓަކީ، އިނގިލީގެ ކަައްޓަށްވުރެ މާ ބޮޑެތި ވަރުގަދަ ކައްޓެކެވެ. ބުރަކައްޓާއި ކަރުގެ ކަށިތައް ގޮއްވާނަމަ މައްސަލަތަކެއް ދިމާވުން އެކަށީގެންވެ އެވެ.

ބުރަކައްޓާއި ކަރުގެ ކަށިގޮއްވާ ވަގުތު، އެ ހިސާބުގައި ހުންނަ މަސްތަކަށް އަސަރު ކުރާނެ ކަމަށް ސިއްހީ މާހިރުން ބުނެ އެވެ. އެއީ ގަދަކަމުން ބާރުލައިގެން ކުރާ ކަމެއް ކަމުން ކަށި ފީވެ، ދެ ބަދަ ދޭތެރޭ ހުންނަ ޑިސްކް ގުޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެ އެވެ. އަދި ކަށީގެ މައްސަލަ ޖެހި، ކަށި ފީ މީހެއްކަމުގައި ވާނަމަ މިފަދަ ކަންކަމުން ނިކުންނަ ދާއިމީ އަސަރު މާ ގޯސްވާނެ އެވެ.

ފަހަރަކު އިނގިއްޔެއްގެ ކަށިގޮއްވުމުން އެ ގޮވާ މަޖާ އަޑުގެ ސަބަބުން ވަގުތީ ގޮތުން ހިތްހަމަ ޖައްސާލިއަސް މިއީ ގަވާއިދުން ކުރާ ކަމަކަށް ހެދުން ރަނގަޅު ނޫން ކަމަށް އެކި ފަރާތްތަކުން ބުނަނީ މި ސަބަބުތަކާ ހުރެ އެވެ.