ހަބަރު

ރޯގާ އިތުރުވެފައި ވާތީ ސަމާލުވާން އިލްތިމާސްކޮށްފި

މި ދުވަސްވަރު އެކި ބާވަތްތަކުގެ ރޯގާ ފެތުރޭ މިންވަރު އިތުރުވެފައިވާތީ އެކަމަށް ސަމާލުވެ އަމިއްލަ ރައްކަލަށް ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން އިލްތިމާސްކޮށްފި އެވެ.

މިއަދު ނެރުނު ނޫސް ބަޔާނެއް މެދުވެރިކޮށް އެޗްޕީއޭއިން ބުނީ، ބޭރަށް ހިންގުމާއި ހޮޑުލުން، ވައިރަލް ހުމާއި އަރިދަފުސް ރޯގާ އަދި ޑެންގީ ހުން މިދިޔަ ދެ ހަފްތާ ތެރޭ އިތުރުވެފައިވާ ކަމަށެވެ. އެގޮތުން، ވޭތުވެދިޔަ ދެ ހަަފްތާގައި 3261 މީހުންނަށް މިފަދަ ރޯގާތައް ޖެހިގެން ރިޕޯޓް ކުރި ކަމަށް އެޗްޕީއޭއިން ބުންޏެވެ. އަދި އެންމެ ގިނައިން ރިޕޯޓު ކޮށްފައިވަނީ މާލެ، ހުޅުމާލެ ހދ، ބ އަދި ލ އަތޮޅުގެ ރަށްތަކުން އެވެ.

މީގެ އިތުރުން، ޑެންގީ ހުމުގެ ރިޕޯޓުތަކަށް ބަލާއިރު، 230 މީހުންނަށް ޑެންގީ ޖެހިގެން ރިޕޯޓު ކޮށްފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ. އަދި ދެ ހަފްތާ ތެރޭ 3418 މީހުން ވައިރަލް ހުންޖެހިގެންނާއި 4367 މީހުންނަށް އަރިދަފުސް ރޯގާ ޖެހިގެން ވަނީ ރިޕޯޓު ކޮށްފަ އެވެ. މި ދުވަސްވަރަކީ ސްކޫލުތަކުގެ ބޮޑު ޗުއްޓީ ކަމުން ދަތުރުފަތުރު ކުރުމާއި މީހުން އެއްވެ އުޅުން ގިނަވުމުގެ ސަބަބުން މި ފަދަ ބަލިތައް އިތުރުވާނެ ކަމަށް ވަނީ ބުނެފަ އެވެ.

ސަމާލުވާންވީ ކަންކަން:

  • ކާބޯތަކެތި ތަައްޔާރު ކުރުމުގައި ސާފުތާހިރުކަަމަށް އިސްކަން ދިނުން. ބޭރަށް ހިންގާނަމަ ކެއްކުމުގައި ޝާމިލު ނުވުން.
  • ކާބޯތަކެތި ރަނގަޅަށް ރޯފިލުވުން އަދި ބާކީ ވާތަކެތި ފަހުން ކާނަމަ ރަނގަޅަށް ހޫނުކޮށްގެން ކެއުން.
  • ކާބޯތަކެތި ތައްޔާރު ކުރުމާއި ކެއުމުގެ ކުރިން ރަނގަޅަށް ސައިބޯނިލައިގެން އޮތް ދޮވެ ސާފުކުރުން
  • ކުނިވާ ޒާތުގެ ކާނާ އާއި އެހެނިހެން ތަކެތި ރައްކާތެރި ގޮތުގައި ނައްތާލުން
  • ބޭރުން ކައިބޮއި ހެދުމުގައިވެސް، އާއްމު ސާފުތާހިރު ކަމަށް ހާއްސަ ސަމާލުކަމެއް ދިނުން
  • ރޯގާ ޖެހި ކެއްސާނަމަ މީހުން އާންމުކޮށް އެއްވެ އުޅޭ ތަންތަނަށް ނުދިޔުން
  • ބަލިވެގެން ޑޮކްޓަރަށް ދައްކާނަމަ ބަލި މީހާ އާއެކު ވީހާވެސް މަދު ބަޔަކު ޑޮކްޓަރަށް ދިއުން
  • ފަތިސް ގަޑީގައި އަދި ހަވީރު އިރު އޮއްސޭ ވަގުތު ގޭގެ ދޮރުތަކާއި ކުޑަ ދޮރުތައް ލައްޕާފައި ބެހެއްޓުން
  • ފެން ހެދޭ ތަކެތި ގޭތެރެ އާއި އާންމު ތަންތަނުގައި ނުބެހެއްޓުން

މި ދިޔަ ދެ ހަފްތާގެ ތެރޭގައިވެސް ރޯގާގެ ގޮތުގައި ފެތުރޭ ބަލިތައް އިތުރުވަމުންދާތީ، މިފަދަ ކަންކަމަށް އާއްމުން ސަމާލުކަން ދިނުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ވަނީ އިލްތިމާސް ކޮށްފަ އެވެ.