އަންހެނުން

ބޭނުންވީ އިތުރަށް ހިކޭކަށް ނޫން، ފިޓުވާން!

"ފުރަތަމަ ޖިމަށް ގޮސް ކަސްރަތު ކުރަން ފެށުމާއެކުވެސް މީހުން ބުނި ކީއްކުރަންހޭ ކަސްރަތު ކުރަނީ، މިހާރުވެސް ހިއްކެއް ނޫންހޭ؟"

އުމުރުން 27 އަހަރުގެ އަފްޒާ ހަސަން (އަފޫ) އެ ވާހަކައަކީ ވަރަށް ގިނައިން މީހުން ބުނާ ވާހަކައެކެވެ. ގިނަ މީހުންނަށް ހީވެފައި އޮންނަނީ ކަސްރަތުކޮށް ހަށިގަނޑަށް ބަަަލައިގެން އުޅެންޖެހޭނީ ފަލަމީހުން އެކަނި ކަމަށެވެ. އެކަމަކު އެއީ އެހެންވާ ކަމެއް ނޫނެވެ. ކިތަންމެ ހިއްކަސް ގައިގައި ބުންވަރު ނުހުންނަ ނަމަ އެއީ ފިޓް މީހެއް ކަމަކަށް ނުބެލެވެ އެވެ.


"ހިކި ކޮށް ހުރުމާ ފިޓް ކޮށް ހުރުމަކީ ވަރަށް ތަފާތު ދެ ކަމެއް، އަފޫ ބޭނުންވީ ފިޓް ކޮށް ހުންނަން." ކަސްރަތުގެ ދުނިޔެއަށް ވަދެ ހުސްވެފައިވާ އުފޫ ބުންޏެވެ.

ކަސްރަތުގައި މިހާރު ހިނގަ ހިނގާ ހުރި އަފޫއަލީ އާންމުންނާ ހަމައިން ދެކެފަރިތަ މޫނެކެވެ. އަފްޒާ ނުވަތަ އަފޫއަކީ ރާއްޖޭގެ މަގުބޫލު ޕްރެޒެންޓަރު ނަމްޒާގެ ކޮއްކޮ އެވެ. ދައްތަ ފަދައިން އަފޫއަކީ އެއް އިރެއްގައި ޓީވީ ހޯސްޓެކެވެ. އެކަމަކު މިހާރު އެއީ އެތައް ބަޔަކަށް އެމީހުންގެ ހުވަފެން ހާސިލުތައް ކޮށްދިނުމަށް އެ މީހުންގެ އަތުގައި ހިފައިގެން ކުރިއަށް ހިނގަ ހިނގާ ހުރި ޒުބވާން ޖިމް އިންސްޓްރަކްޓަރެވެ.

ޓީވީ ޕްރެޒެންޓަރަކަށް އުޅުނު އިރުން ފެށިގެން ވެސް އަފޫއަކީ ކަސްރަތު ކުރުމާއި ބަރު އުފުއްލުމަށް ފޯރި ހުރި ޒުވާނެއް ނޫނެވެ. އަދި ގަޑިން ގަޑިއަށް ގަވައިދުން ކެއުމުގައި ވެސް އެއްވެސް ފަރުވާލެއް ނޯވެ އެވެ. ކާންވީމާ ބޭނުން އެއްޗެއް ބޭނުން ގޮތަކަށް ކަނީ އެވެ. ނުކައިވެސް އުޅެނީ އެވެ. އެކަމަކު އޭރުވެސް ފިޓު ކޮށް ހުންނަން ބޭނުންވެ އެވެ. ހަށިގަނޑުގައި ބޭކާރު މަސްޖަހައި ބައްޓަން ގެއްލިފައި ހުންނާކަށް ނޭދެ އެވެ.

ޓުއަރިޒަމް ދާއިރާއިން ފެއަށް ޖެހިލައި ކަސްރަތުގެ ތެރެެއަށް އަފޫ ވަންނަން ޖެހުނީ ލޯތްބެއްގެ ތެރެއިންނެވެ. އެހިސާބުން ފެށިގެން އަދި ކަސްރަތާ ބެހޭ ކޯސްތައް ހަދައި، އިތުރަށް ކިޔެވީ އެވެ. އެހިސާބުން އެކަން ބަދަލުވީ އޭނާއަށް ދެން ދޫކޮށް ނުލެވޭނެ ކެރިއާއަކަށެވެ.

މިދިޔަ އަހަރު އޮގަސްޓު މަހު ފިޓްނަސް އިނޮވޭޝަންސް މެލޭޝިއާގެ ކޯސް ނިންމައި ޖިމަށް ޖޮއިން ކުރި އަފޫ މިހާރު ވެސް އެއްފަހަރާ 15 ކްލައިންޓުންނަށް ހިދުމަތް ދެއެވެ. ހެނދުނު ހެނދުނާ ޖިމަށް ވަންނަ ގޮތަށް މީހުނަށް އެ މީހުންގެ "ޑްރީމް ބޮޑީ" ހާސިލް ކޮށްދޭން އެހީވެ އެވެ.

"ކިޔަވައިގެން އައިމަ އެނގޭ އެކި ބޮޑީ ޓައިޕްސްއާ ގުޅޭނީ ކޮން ކޮން ގޮތަކަށް ޓްރެއިން ކުރުމުން ކަން. އެމީހުންގެ ޑައިޓް ބަލަހައްޓަން ޖެހޭނެ ގޮތް. އެމީހެއްގެ ހަށިގަނޑާ އެންމެ ގުޅޭ ކަސްރަތުތައް ކުރާނެ ގޮތްތައް އެޕްލައި ކުރެވޭ މިހާރު". މާލޭގެ "ރޭޖް" އާއި "ބޮޑީ ޓެކް" ގައި އެއްފަހަރާ މަސައްކަތް ކުރަމުން އަންނަ އަފޫ ބުންޏެވެ.

" މީގެ ތެރެއަށް ވަދެ ކްލައިންޓުން ނަގަން ފެށިއިރު ނޭނގޭ މިއީ ކިހާވަރެއްގެ ކަމެއް ކަން. އެންމެ އުނދަގޫ ވަނީ ކްލައިންޓްސް ގޮވައިގެން އުޅެމުން އަމިއްލަ ވޯކް އައުޓްތައް ކުރުމަށް ވަގުތު ހޯދަން. އެންމެ ދެ ގަޑިއިރުގެ ބްރޭކެއް ލިބޭ ދުވަސް ދުވަސް ވެސް ދާނެ. އެކަމަކުވެސް އެހެން ދެ ކްލައިންޓުން ބަދަލުވާ ގަޑީގަ އާއި ހެނދުނު ޖިމްގައި މީހުން މަދުކޮށް ހުހަށް އޮންނަ އިރު ބަލަން އާ އެއްޗެހި ޓްރައި ކޮށްލެވޭތޯ. ބޮޑަށް ބަލަނީ ލޯވާ ބޮޑީގެ އެކްސަޒައިސަސް ޖެއްސޭތޯ. ދެން އަނެއް ދުވަހު ހޭލާއިރު މަސްގުޅަ ކައިފަ ހުރިއްޔާ ވަރަށް އުފާވޭ އަސްލު. އެއީ މަސްގުޅަ ކޭމަ އެއިން އެ އެނގެނީ އެ ކަސްރަތު ވޯކް ކުރާކަން،"

ހެނދުނު 9:00 އިން ރޭގަނޑުގެ އެގަޑިއަށް ކްލައިންޓުން ގޮވައިގެން ދުވަސް ޖިމްގައި ހޭދަކޮށްލާ ގޮތް އަފޫ ކިޔައިދެނީ އުފަލާއެކު އެވެ.

ކަސްރަތު ކުރުމާއި ކަސްރަތުތައް ކިޔައިދިނުމުގައި ދުވަހުގެ ބޮޑު ބައެއް ހޭދަ ކުރަމުން އަންނަ އަފޫ ބުނި ގޮތުގައި ދިވެހިން މިހާރު ކަސްރަތަށް ކުރާ ލޯބި ބޮޑުތަނުން އިތުރުވެއްޖެ އެވެ. ހިކި މީހުންވެސް އަދި ފަލަ މީހުންވެސް ކަސްރަތު ކުރަނީ މިހާރު ހަށިގަނޑު ބަދަލުކޮށްލައި ރީތި ކޮށްލުމަށެވެ. އެމީހަކު އެންމެ ހިތްހަމަ ޖެހޭ ގޮތަކަށް ހަށިގަނޑު ބަހައްޓާށެވެ. މީހުނަށް އެހީތެރިކަން ދެމުން އަފޫވެސް ވަނީ ކުރިއަރައި ގޮސްފައެވެ.