ބޮލީވުޑް

"ޗިޗޯރު" ގައި ޝްރައްދާއަށް އެއްފަހަރާ ދެ ރޯލު

ބަތަލާ ޝްރައްދާ ކަޕޫރު އެންމެ ފަހުން ފެނުނު ފިލްމު "ސްޓްރީ" އަށްފަހު ދެން ސްކްރީނުތަކަށް އަންނާނީ "ޗިޗޯރު"ގަ އެވެ. އެ ފިލްމުގައި ފެންނާނީ އެއްފަހަރާ ދެ ރޯލެއް ކުޅޭ ތަނެވެ. ނުވަދިހައިގެ އަހަރުތަކުގެ ކުލަވަރު ފެންނަ ގޮތަށް ހެދުން އަޅައިގެން ހުންނަ ޒުވާން އަންހެން ކުއްޖަކާއި، މެދު އުމުރު ފުރައިގެ އަންހެނެއްގެ ރޯލު އެއް ފިލުމަކުން ޝްރައްދާ ކުޅޭ މިއީ ފުރަތަމަ ފަހަރެވެ.

މީގެ ކުރިން ނެރެފައިވާ ފިލްމުތަކާ ހިލާފަށް "ޗިޗޯރު" ގައި ޝްރައްދާ ފެންނާނީ ތަފާތު ގޮތަކަށެވެ. ހެއްވާ މަޖާ ޖޯންރާއަށް އުފައްދާ މި ފިލްމުގެ ޕޯސްޓަރު ރިލީޒް ކުރި އިރު ޒުވާން ކުއްޖެއްގެ ގޮތުގައި އޭނާ ފެންނަނީ ކުރު އިސްތަށިގަނޑަކާ އެކު އެވެ. އަދި އޭނާގެ ކުރިމަތީ އިން ގޮނޑީގައި އޭނާ ފެންނަނީ މެދު އުމުރުގެ އަންހެނެއް، އިންޑިއާގެ ތަގާފީ ސާރީ އަޅައިގެން އިންދަ އެވެ. ތަފާތު ދެ ރޯލެއްގައި މި ފިލްމުން ފެންނަ އިރު މިއީ ނިތޭޝް ތިވާރީގެ "ދަންގަލް' އަށްފަހު ދެން އެންމެ އަވަހަށް ރިލީޒް ކުރާނެ ފިލްމެވެ.

ފިލްމީ އާއިލާ އަކަށް އުފަން، ޝަކްތީ ކަޕޫރުގެ ތަރި ޝްރައްދާ ބޮލީވުޑްގައި ވިދަން ފެށީ އޭނާ ކުޅުނު އާޝިގީ2 އިންނެވެ. މި ފިލްމަށް ފަހު ޝްރައްދާ އަންނަނީ ތަފާތު ބްލޮކްބަސްޓާ ފިލްމުތައް ކުޅެމުންނެވެ. "އެކް ވިލަން"، "އޯކޭ ޖާނޫ" އާއި "ހާފް ގާލްފްރެންޑު" ފަދަ ފިލްމުތަކުން އޭނާގެ ކުޅަދާނަ ހުނަރުވަނީ ސްކްރީނުގައި ދައްކާފަ އެވެ.

އަންނަ އަހަރުގެ އޮގަސްޓު 30 ގައި ރިލީޒް ކުރަން ހަމަޖެހިފައިވާ ފިލްމު "ޗިޗޯރު" އަކީ ނިތޭޝް ތިވާރީ ޑައިރެކްޓުކޮށް، ސާޖިދު ނަޑިއާވަލާ ޕްރޮޑިއުސްކުރާ ފިލްމެކެވެ. ޝްރައްދާ އާއެކު މި ފިލްމުގައި ސުޝާން ސިން ރާޖްޕުޓް ފެންނާނެ އެވެ.