ދުނިޔެ

އިންޑޮނޭޝިއާ ސުނާމީގައި މަރުވި މީހުންގެ އަދަދު މައްޗަށް

Dec 25, 2018
1

ޖަކާޓާ (ޑިސެމްބަރު 24) - އިންޑޮނީޝިއާގައި އަލިފާން ފަރުބަދައެއް ގޮވުމުގެ ސަބަބުން އުފެދުނު ސުނާމީގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 373 އަށް އަރާފައިވާކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާއިން ބުނެފި އެވެ.

ސުންޑާ ސްޓްރެއިޓްގައި ހޮނިހިރު ދުވަހު ހިނގި އެ ހާދިސާގައި އެތަކެއް ހާސް މީހުން ޒަހަމްވެފައިވާއިރު، 128 މީހުން ގެއްލިފައިވާ ކަމަށް ވެސް އިދާރާތަކުން ވަނީ ބުނެފަ އެވެ.

ސުނާމީ އަރަން މެދުވެރިވީ، އެ ސަރަހައްދުގައި އޮންނަ ކްރަކަޓާއޯ އަލިފަން ފަރުބަދަ ގޮވައިގެން ކަމަށްވާއިރު، އެ ފަރުބަދާގައި އިތުރު ގޮވުންތަކެއް މެދުވެރިވެ، އިތުރު ސުނާމީއެއް އުފެދިދާނެކަމަށް ބުނެ، އައްސޭރި ފަށުގައި ދިރިއުޅޭ މީހުން ސަމާލުވާން ވަނީ އަންގައިފަ އެވެ.

ގަސްތަކާއި އިމާރާތްތައް ވެއްޓި، މަގުތައް ބްލޮކްވުމުގެ ސަބަބުން، ގެއްލިފައިވާ މީހުން ހޯދުމާއި ހާލުގައި ޖެހިފައިވާ ސަރަހައްދުތަކަށް އެހީ ފޯރުކޮށްދިނުމަށް ވަނީ ހުރަސްއެޅިފަ އެވެ.

ސުންޑާއަކީ އިންޑޮނީޝިއާގެ ދެ ރަށެއް ކަމުގައިވާ ސުމާޓްރާ އާއި ޖާވާ އާ ދެމެދު އޮންނަ ހަނި ސަރަހައްދެކެވެ.

ބިންހެލުން އާންމުކޮށް އަންނަ ސަރަހައްދަކަށް ނިސްބަތްވާ އިންޑޮނީޝިއާ އަށް މިދިޔަ އޯގަސްޓް މަހު އައި ބިންހެލުމެއްގައި 505 މީހުން މަރުވެފައިވާއިރު، ސެޕްޓެމްބަރު އައި ބިންހެލުމަކަށްފަހު އެރި ސުނާމީއެއްގައި 2،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

އަދި 2004 ވަނަ އަހަރު އައި ބާރުގަދަ ބިންހެލުމަކީ ފަހުގެ ތާރީހެއްގައި ރިކޯޑްކުރެވިފައިވާ އެންމެ ނުރައްކާ ބޮޑު ބިންހެލުމެވެ. އެ ބިންހެލުމަށް ފަހު އިރުމަތީ އޭޝިއާގެ ގައުމުތަކަށާއި ދެކުނު އޭޝިއާގެ ގައުމުތަކަށް ސުނާމީ އަރައި އެތައް ހާސް ބަޔަކު މަރުވެފައިވާއިރު އެ ޕްރޮވިންސުން އެކަނި ވެސް 120،000 މީހުން މަރުވެފައިވެ އެވެ.