ހަބަރު

އަތުލި ލަންކާގެ ބޯޓް ފުލުހުންނާ ހަވާލުކޮށްފި

މިމަހުގެ ނާވާރަ ވަނަ ދުވަހު ރާއްޖޭގެ ސަރަހައްދަށް ވަދެ، ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ސްރީލަންކާގެ މަސްބޯޓު ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށަށް ގެނެސް، އެމައްސަލަ ތަހުގީގުކުރުމަށް ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް އެމްއެންޑިއެފް އިން ހާމަކޮށްފި އެވެ.

ލަންކާގެ "އޮޝާދީ 1" ނަމަކަށް ކިޔާ އެ ބޯޓް ސިފައިންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ގދ ގައްދޫގެ ބޭރުން މަސްވެރިކަން ކުރަމުން ދަނިކޮށް ހުއްޓުވައިގެންނެވެ.

ކޯސްޓްގާޑުން ނޫސްވެރިންނާ ބައްދަލުކޮށް، ކޮމާންޑާ ބްރިޖޭޑިއާ ޖެނަރަލް އަލީ ޒުހައިރް މިއަދު ވިދާޅުވީ، އެ ބޯޓަކީ މިހާތަނަށް ބެލި ބެލުމުން ހަމަ އެކަނި މަސްވެރިކަން ކުރުމުގެ ބޭނުމުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ބޯތެއް ކަމަށެވެ. އެގޮތުން ބޯޓު ބަލައި ފާސްކުރި އިރު ގިނަ ގާތްގަނޑަކަށް ޓަނެއްގެ މަސް އެ އުޅަނދުން ފެނިފައިވާ ކަމަށާއި އޭގެ ތެރޭގައި ގިނަ އަދަދެއްގެ އަދަދެއްގެ މިޔަރާއި އެހެން ބާވަތްތަކުގެ މަސް ވެސް ހިމެނޭ ކަމަށެވެ. އަދި ވިދާޅުވީ ބޯޓު ހިފެހެއްޓުމުގައި އެއްވެސް ހަމަނުޖެހުމެއް ހިނގާފައިނުވާ ކަމަށެވެ.

"ބޯޓުގެ އާލާތްތަކާއި ބާނާފައިވާ މަހަށް ބަލާއިރު އެއީ މަސްވެރި އުޅަނދެއް ކަމަށް އަޅުގަނޑުމެންނަށް ފާހަގަކުރެވެނީ. މަސް ބާނާ، ދާއެޅުމުގެ އާލާތްތަކެއް ވެސް އޭގަ ހުރި. އަދި މަސް ވެސް އެބަހުރި. އެހެންވީމަ އެއީ މަސްވެރި އުޅަނދެއް ކަމަށް ބެލެވެނީ،"

އެ ބޯޓު ރާއްޖޭގައި މަސްބާނަން ހަރަކާތްތެރިވަމުންދިޔައީ ކިހާ ދުވަހެއް ވަންދެން ކަމެއް ސިފައިންނަކަށް ވެސް ނޭނގެ އެވެ. އެހެން ނަމަވެސް ބޯތު އަތުލައިގަތީ ރާއްޖޭގެ ރަށްތަކާއި ވަރަށް ގާތުން ކަމަށް ވުމުން ބޯޓު އޮތީ ރާއްޖޭގެ ވަރަށް އެތެރެއަށް ވަދެފައިކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ޒުހައިރް ވިދާޅުވި އެވެ.

ޒުހައިރް ވިދާޅުވީ، ރޭގެ ވަގުތެއްގައި އެ ބޯޓު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. އެހެކަމުން އެބޯޓުގެ ފޮރުވިފައިވާ އިތުރު ހަގީގަތެއް އޮތްނަމަ އެނގޭނީ ފުލުހުން އެކަން ތަހުގީގުކުރުމުން ކަމަށެވެ. އެހެން ނަމަވެސް ބޮޑަށް ލަފާވަނި އެއީ މަސްވެރި އުޅަނދެއްގެ ގޮތު ކަމަށެވެ.

ބޭރުގެ މަސްބޯޓްތަކުން ދޭތެރެ ދޭތެރެއިން ރާއްޖޭގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރުމުގެ މައްސަލަތައް ފެންމަތިވެ އެވެ.