ހޮލީވުޑް

މައިލީއާ ލިއަމް ސިއްރުން ކައިވެނި ކުރީތަ؟

ހޮލީވުޑްގެ އެންމެ މަޝްހޫރު "އޮން އެންޑް އޮފް" ޖޯޑު ކަމަށްވާ މައިލީ ސައިރަސް އާއި ލިއަމް ހެމްސްވޯތު ކައިވެނި ކޮށްފި ކަމަށް ރިޕޯޓުތައް ބުނަން ފަށައިފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މި ޖޯޑު ކައިވެނި ކޮށްފައިވަނީ މިދިޔަ ހަފްތާ ބަންދުގައި ސިއްރު ހަފްލާ އެއް ބާއްވައިގެނެވެ. އަދި ކައިވެނީގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ފެތުރެން ފެށުމުގެ ސަބަބުން ސިއްރުން ކުރި ކައިވެނި ފަޅާ އެރީ ކަމަށް ބުނެ އެވެ. މި ދެ ތަރިންގެ ވެސް ރައްޓެއްސެއް ކަމަށްވާ ކޮންރެޑް ޖެކް ކާ އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާ ކުރި ފޮޓޯއެއްގެ ފަހަތުގައި ހުރި ޑެކަރޭޝަންސް އިން "މިސްޓާ އެންޑް މިސިޒް" ޖަހާފައި ވުމުން މިކަން ޔަގީންވީ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މީގެ އިތުރުން، މައިލީ ހުދު ހެދުމެއްގައި އަދި ލިއަމް ކޯޓު ފަޓުލޫނު ލައިގެން ގޭތެރޭގައި ހުރި ފޮޓޯއެއް ވެސް ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. މި ފޮޓޯގައި މައިލީގެ މަންމަ އަދި ޕާޓީ ކަޕްކޭކުތަކެއް ވެސް ހުރިކަމަށް މި ދެތަރިންގެ ފޭނުން ދަނީ ބުނަމުންނެވެ.

ހޮލީވުޑްގެ މި ދެ ތަރިން ލޯބީގެ ގޮތުން ގުޅުނީ 2009 ވަނަ އަހަރު ނެރުނު "ދަ ލާސްޓް ސޯންގް" އިންނެވެ. އެއަށްފަހު އެކި ފަހަރު މަތިން ރުޅިވުމަށްފަހު އަލުން ގުޅުން ވަރުގަދަ ކޮށްލީ 2016 ވަނަ އަހަރު އެވެ. މުޅި ހޮލީވުޑްގައި ވެސް ލޯބި ލިބިފައިވާ މި ޖޯޑު ކައިވެނި ކުރި ކަމަށް އަދި އެއްވެސް ގޮތަކަށް ޔަގީން ކޮށްދީފަ އެއް ނުވެ އެވެ.