ދުނިޔެ

އިންޑޮނީޝިއާ ސުނާމީ: ފަރުބަދަ އަލުން ގޮވާފާނެކަމުގެ ބިރު ބޮޑުވެ، އެލާޓް ލެވެލް މަތިކޮށްފި

Dec 27, 2018

ޖަކާޓާ (ޑިސެމްބަރު 26) - އިންޑޮނީޝިއާގައި އަލިފާން ފަރުބަދައެއް ގޮވުމުގެ ސަބަބުން އުފެދުނު ސުނާމީގައި މުޅި ސަރަހައްދު ސުންނާފަތިވެފައިވާއިރު، އެ ފަރުބަދަ އަލުން ގޮވާފާނެކަމުގެ ބިރު ބޮޑުވެ، އެލާޓް ލެވެލް މަތިކޮށްފި އެވެ.

ސުނާމީ އަރަން މެދުވެރިވީ، އެ ސަރަހައްދުގައި އޮންނަ ކްރަކަޓާއޯ އަލިފަން ފަރުބަދަ ގޮވައިގެން ކަމަށްވާއިރު، އެ ފަރުބަދަ އަދިވެސް އަދަމުންދާތީ، ފަރުބަދަ ވަށައިގެން ދުމާއި އަޅި ބޯވެ، އެ ސަރަހައްދުން ދަތުރުކުރާ ފްލައިޓުތައް ވަނީ އެހެން ދިމަ ދިމާލަށް ޑައިވާޓްކޮށްފަ އެވެ.

އެކަމުގެ ސަބަބުން، އެ ގައުމުގެ ކަމާބެހޭ އިދާރާއިން ވަނީ އެލާޓް ލެވެލް ވެސް ދެވަނައަށް އެންމެ މަތީ ދަރަޖައަށް މަތިކޮށްފަ އެވެ.

ގަސްތަކާއި އިމާރާތްތައް ވެއްޓި، މަގުތައް ބްލޮކްވުމުގެ ސަބަބުން، ގެއްލިފައިވާ މީހުން ހޯދުމާއި ހާލުގައި ޖެހިފައިވާ ސަރަހައްދުތަކަށް އެހީ ފޯރުކޮށްދިނުމަށް ވަނީ ދަތިވެފަ އެވެ.

އެ ހާދިސާގައި ހާލުގައިޖެހިފައިތިބި އެތަކެއް ހާސް މީހުން ވަނީ ސްކޫލްތަކާއި މިސްކިތްތަކުގައި ގާއިމުކޮށްފައިވާ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފަ އެވެ.

އެ ހާދިސާގައި މިހާތަނަށް 430 މީހުން މަރުވެފައިވާއިރު، 150 އަށް ވުރެ ގިނަ މީހުން ވަނީ ގެއްލިފަ އެވެ.

ސުންޑާއަކީ އިންޑޮނީޝިއާގެ ދެ ރަށެއް ކަމުގައިވާ ސުމާޓްރާ އާއި ޖާވާ އާ ދެމެދު އޮންނަ ހަނި ސަރަހައްދެކެވެ.

ބިންހެލުން އާންމުކޮށް އަންނަ ސަރަހައްދަކަށް ނިސްބަތްވާ އިންޑޮނީޝިއާ އަށް މިދިޔަ އޯގަސްޓް މަހު އައި ބިންހެލުމެއްގައި 505 މީހުން މަރުވެފައިވާއިރު، ސެޕްޓެމްބަރު އައި ބިންހެލުމަކަށްފަހު އެރި ސުނާމީއެއްގައި 2،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

އަދި 2004 ވަނަ އަހަރު އައި ބާރުގަދަ ބިންހެލުމަކީ ފަހުގެ ތާރީހެއްގައި ރިކޯޑްކުރެވިފައިވާ އެންމެ ނުރައްކާ ބޮޑު ބިންހެލުމެވެ. އެ ބިންހެލުމަށް ފަހު އިރުމަތީ އޭޝިއާގެ ގައުމުތަކަށާއި ދެކުނު އޭޝިއާގެ ގައުމުތަކަށް ސުނާމީ އަރައި އެތައް ހާސް ބަޔަކު މަރުވެފައިވާއިރު އެ ޕްރޮވިންސުން އެކަނި ވެސް 120،000 މީހުން މަރުވެފައިވެ އެވެ.