ދުނިޔެ

ނޭޓޯ ސިފައިން އަފްޣާނިސްތާނު ހަނގުރާމަ ނިންމާލައިފި

Dec 28, 2014

އުސާމާ ބިން ލާދިންގެ އަލްގާއިދާ ޖަމާއަތާއި ތާލިބާނުންނާ ދެކޮޅަށް އަފްޣާނިސްތާނުގައި މީގެ 13 އަހަރު ކުރިން ފެށި ހަނގުރާމައިގެ ހަރަކާތްތައް ނޭޓޯ ސިފައިން މިއަދު ރަސްމީކޮށް ނިންމާލައިފި އެވެ.

އެކި ގައުމުތަކުގެ ސިފައިންގެ މައްޗަށް އެކުލެވޭ ނޭޓޯގެ ލަޝްކަރުގެ ކޮމާންޑަރުން ދިދަ ތިރިކުރުމަށް ފަހު މިއަދު ވަނީ އަފްޣާނިސްތާނަށް އެހީތެރިކަން ދިނުމަށް އަލަށް އެކުލަވާލި "ރެޒޮލިއުޓް ސަޕޯޓް"ގެ ދިދަ ނަގައިފަ އެވެ.

"އަހަރެމެން މި ވަނީ އަފްޣާނިސްތާނު ރައްޔިތުން އަނދިރިން ނެރެ، ކުރިމަގާ މެދު އުންމީދު އާކޮށްދީފައި،" ހަނގުރާމަ ނިންމާލުމަށް ބޭއްވި ރަސްމިއްޔާތުގައި މިޝަން ކޮމާންޑަރު ޖެނެރަލް ޖޯން ކޭމްޕްބެލް ވިދާޅުވި އެވެ.

ނޭޓޯ ސިފައިން އަފްޣާނިސްތާނަށް އެރީ 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުުވަހު އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރަށް ދިން ހަމަލާ އަށް ފަހު ޓެރަރިޒަމާ ދެކޮޅަށް ފެށި ހަނގުރާމައިގަ އެވެ.

ނޭޓޯގެ އަސްކަރީ މިޝަން ނިންމާލާފައި ވާއިރު އަންނަ ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން އެ މިޝަންގެ މައިގަނޑު މަސައްކަތަކަށް ވާނީ އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތައް ތަމްރީންކޮށް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މި ރަސްމިއްޔާތުގައި ކޭމްޕްބެލް ވިދާޅުވީ މިދިޔަ 13 އަހަރު ތެރޭ އެތައް ބައެއްގެ ފުރާނަ އަފްޣާނިސްތާނުގައި ގެއްލިގެން ގޮސްފައިވާ ކަމަށާއި އޭގެ ތެރޭގައި އަފްޣާނިސްތާނުގެ މިނިވަންކަމަށް ގުރުބާންވި އެތައް ބަޔަކު ހިމެނޭ ކަމަށެވެ. އަދި ކުރިއަށް އޮތީ ވެސް ގޮންޖެހުން ބޮޑު ދުވަސްތަކެއް ކަމަށް ވިދާޅުވި އެވެ.

"އަފްޣާނިސްތާނުގެ ސަލާމަތީ ކަންތައް އޮންނާނީ ގައުމުގެ 350000 ސިފައިންނާއި ފުލުހުންގެ އަތްމަތީގައި. އެކަމަކު ނޭޓޯގެ އިއްތިހާދު އޮންނާނީ ސަލާމަތީ ބާރުތަކަށް އަބަދުވެސް އެހީތެރިވުމުގައި،" ކޭމްޕްބެލް ވިދާޅުވި އެވެ.

ނޭޓޯގެ ފައުޖު އަފްޣާނިސްތާނުގައި އެންމެ ބޮޑަށް އިތުރުވެގެން ދިޔައިރު 50 ގައުމަކުން 130000 ސިފައިން ހިމެނުނެވެ. ނަމަވެސް ޖެނުއަރީ 1 އިން ފެށިގެން ތިބޭނީ 14 ގައުމަކުން ގާތްގަނޑަކަށް 12000 ސިފައިންނެވެ.

ނޭޓޯގެ ހަނގުރާމަ ނިންމާލި އިރު މި އަހަރު ވެފައި ވަނީ އަފްޣާނިސްތާނުގައި އެންމެ ލޭ އޮހޮރުވުން ބޮޑު އަހަރަށެވެ. އެގޮތުން އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކުގެ 4600 މީހަކު މަރުވެފައިވެ އެވެ. ނޭޓޯ ސިފައިން އަފްޣާނިސްތާނުގައި ހަރަކާތްތެރިވާން ފެށީންސުރެ މިހާތަނަށް އޭގެ 3500 މީހަކު މަރުވެފައިވެ އެވެ. -- ބީބީސީ