ދުނިޔެ

ޓައިވާނަށް އެތެރެވި ވިއެޓްނާމްގެ 152 ޓޫރިސްޓުން "ގެއްލިގެން" ހޯދަނީ

Dec 27, 2018

ޓައިޕެއި (ޑިސެމްބަރު 26) - ޓޫރިސްޓު ވިސާގައި މިދިޔަ ހަފްތާގައި ޓައިވާނަށް އެތެރެވި 150 އަށް ގިނަ ވިއެޓްނާމްގެ ރައްޔިތުންތަކެއް ގެއްލިގެން ހޯދަން ފަށައިފި އެވެ.

މިދިޔަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ޓައިވާނުގެ ދެކުނުން އޮންނަ ކައޯސިއަންގް ސިޓީއަށް އެތެރެވި 153 ވިއެޓްނާމް މީހުންގެ ތެރެއިން އެކަކު ފިޔަވައި ބާކީ ތިބި މީހުން ފިލާފައިވާ ކަމަށް ޓައިވާނުގެ ފުލުހުން ވަނީ ތުހުމަތު ކޮށްފަ އެވެ.

އަދި އެމީހުން ފިލާފައިވަނީ، ގަވައިދާ ހިލާފަށް ޓައިވާނުގައި ވަޒީފާ އަދާކުރަން ކަމަށްވެސް އެ ގައުމުގެ ބައެއް މީޑިއާތަކުން ވަނީ ތުހުމަތުކޮށްފަ އެވެ.

ޓޫރިޒަމް ފުޅާކުރުމުގެ ފިޔަވަޅެއްގެ ގޮތުން، ވިއެޓްނާމްގެ އިތުރުން އޭޝިއާގެ ބައެއް ގައުމުތަކުގެ މީހުންނަށް ވިސާ ފީ ކަނޑާލަން ޓައިވާނުން ވަނީ ނިންމާފަ އެވެ.

ނަމަވެސް، މިއީ 2015 ވަނަ އަހަރުން ފެށިގެން ވިސާގެ އުސޫލަށް ގެނައި ބަދަލާއެކު، އެއް ފަހަރާ އެހާ ގިނަ ޓޫރިސްޓުން ފިލި ފަހަރެވެ.

އެ ޓޫރިސްޓުން ހޯދުމުގެ އެމީހުން އެތެރެވާން އެހީތެރވި ފަރާތްތައް ހޯދާ، ފިޔަވަޅު އެޅުމަށް ޓައިވާނުގެ އިމިގްރޭޝަނުން ވަނީ ހާއްސަ ޓާސްކް ފޯސްއެއް އެކުލަވާލައިފަ އެވެ.

އެ މީހުން އަތުލައިގަނެވިއްޖެނަމަ، ތިން އަހަރާއި ފަސް އަހަރާއި ހަމައަށް އެނބުރި ޓައިވާނަށް ނާދެވޭ ގޮތަށް އެ މީހުން ޑީޕޯޓު ކުރާނެކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.

ޓައިވާނަކީ މުޅި ސަރަހައްދުގައި ވެސް އެންމެ މުއްސަދި އިގުތިސޯދެއް އޮންނަ އެއް ގައުމެވެ.