ހަބަރު

ކުޅުދުއްފުށީ ހޮސްޕިޓަލުގައި އެޕޮއިންޓްމަންޓު ސިސްޓަމް ގާއިމްކުރަނީ

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އެޕޮއިންޓްމަންޓް ހެދޭނެ ސިސްޓަމް ގާއިމް ކުރުމަށް މިނިސްޓްރީ އޮފް ހެލްތު އާއި ދިރާގާ ދެމެދު އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، އެ މިނިސްޓްރީގެ އެންމެ ބޮޑު މަސައްކަަތަކީ އަތޮޅު ތެރޭގައި އަދި މާލެ ސަރަހައްދުގައި ސިއްހީ ހިދުމަތް ޑިޖިޓަލް ކުރެވޭތޯ އާއި އެ ހިދުމަތްތައް ފަސޭހައިން ފޯރުކޮށްދެވޭނެ އިންތިޒާމެއް ގާއިމް ކުރުން ކަމަށެވެ. އަދި ކުޅުދުއްފުށީގައި ފަށާ ހިދުމަތާއެކު، ކުޅުދުއްފުށީގެ އިތުރުން އެ ސަރަހައްދުގެ ރައްޔިތުންނަށް ވެސް ފަސޭހަތަކެއް ވެގެން ދާނެ ކަމަށް ވިދާޅުވި އެވެ.

"އުތުރުގެ ރައްޔިތުންނަށް ދިމާވެފަ އޮތް އެންމެ ބޮޑު މައްސަލައަކީ ހޮސްޕިޓަލުތަކުގައި އެޕޮއިންޓުމަންޓު ހެދުމުގެ މައްސަލަކަމުން، މިއަދު މި ފެށޭ މަސައްކަތް ނިމުނީމަ އެޕޮއިންޓްމަންޓު ހެދުމުގެ މަަސައްކަތް ހައްލުވެގެންދާނެ. އަދި ކުޅުދުއްފުއްޓާއި އެ ސަރަހައްދުގެ ރަށްތަކުގެ ރައްޔިތުންނަށް ފަސޭހަތަކެއް ލިބިގެން ދާނެ. މި މަސައްކަތް ނިމުމާއެކު ހޮސްޕިޓަލުން މިސްވާ ކޯލުތަކަށް ޖަވާބުދެވި، މުޅި ހޮސްޕިޓަލުގެ ނެޓްވޯކް އަޕްގްރޭޑުވެގެން ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އެޕޮއިންޓްމަންޓު ސިސްޓަމް ގާއިމް ކުރުމުގެ މަސައްކަތަށް ތިން ލައްކަ ރުފިޔާ ހަރަދުވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ މަސް ދުވަސް ތެރޭ މި މަސައްކަތް އެއްކޮށް ނިމި، ސިސްޓަމް މެދުވެރިކޮށް އެޕޮއިންޓްމަންޓު ނެގޭނެ ކަމަށް ވެސް ހެލްތު މިނިސްޓަރު އަމީން ވަނީ މިއަދުގެ ރަސްމިއްޔާތުގައި ވިދާޅުވެފަ އެވެ.