ރައީސް މުހައްމަދު ނަޝީދު

ދެން އުފެދޭނީ ވަގުން ހިފާނެ މަޖިލީހެއް: ރައީސް ނަޝީދު

Dec 27, 2018
17

ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލިސް ވެގެން ދާނީ، ދައުލަތުގެ ބައިތުލްމާލުންނާއި ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ވައްކަން ކޮށްފައިވާ، ބޮޑެތި ވަގުން ހިފާނެ މަޖިލީހަކަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްްޑީޕީގެ ޕްރައިމަރީގައި ކ. ގުރައިދޫ ދާއިރާއާށް ވާދަކުރައްވާ، މިފްކޯގެ ކުރީގެ އެމްޑީ އާދިލް ސަލީމްގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް އެ ދާއިރާގެ މާފުށީގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ރައީސް ނަޝީދު ވިދާޅުވީ، "މަޖިލިސް 19" ވެގެން ދާނީ ރައްޔިތުން ދައުލަތަށް ދައްކާ ފައިސާއަށް ވާނުވާ ބަލައި އަމާނާތްތެރިކަމާއި އިންސާފުވެރިކަމާ އެކު އެ ފައިސާ ބެހިގެންދާނެ ގޮތަށް އެ ފައިސާ ބަލަހައްޓައިދޭނެ ނަޒާހަތްތެރި މަޖިލީހަކަށް ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ހޯދުން މުހިންމު ވަނީ ރާއްޖޭގެ ގިނަ ކަންތައްތައް އިސްލާހު ކުރުމަށް ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، އާ ރައްޔިތުން މަޖިލީހެއްގެ އެންމެ މުހިންމު މަސައްކަތަކަށް ވާނީ، އިންސާފު ގާއިމްކުރުމަށް، ޝައުރީ ދާއިރާ އިސްލާހު ކުރުމާއި ރައްޔިތުންގެ ބައިތުލްމާލުން ކޮށްފައިވާ ބޮޑެތި ވައްކަންތައް ބަލައި ހޯދައި ޒިންމާވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމެވެ.

އެމަނިކުފާނު ވިދާޅުވީ ބޭރުގެ ޖަމާއަތްތަކާ ގުޅިގެން ކުރީގެ ސަރުކާރުން ނާޖާއިޒުގޮތުގައި ކަޅު ފައިސާ ރާއްޖެ އެތެރެކޮށް ދައުރުކޮށްފައިވާ ކަމަށާއި އެކަމުގެ ސަބަބުން މަރުކަޒީ ބޭންކް، އެމްްއެމްއޭ އާއި ގައުމީ ބޭންކް، ބީއެމްލްއަށް ކޮންމެ ދުވަހަކު ކުރަން ޖެހޭ މަސައްކަތަކީ ދުނިޔޭގެ އެކި މާލީ އިދާރާތަކުގައި ރާއްޖެއާ އެކު ކުރާ މުއާމަލާތްތައް ހުއްޓާނުލުމަށް އާދޭސް ކުރުން ކަމަށެވެ. އަދި އެގޮތަށް މެދުވެރިފައި ވަނީ ރާއްޖެއަކީ ކަޅު ފައިސާގެ ހާއްޔަކަށް ހަދައި، ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ބޮޑެތި ވައްކަންތައް ކޮށްފައިވާތީ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެކަންކަން ބަދަލުވާނީ ނަޒާހަތްތެރި، ވޯޓް ނުވިއްކާ، ރައްޔިތުންގެ ހުވަފެންތަކުގައި ކުލަ ޖައްސަން މަސައްކަތް ކުރާ މަޖިލީހަށް ވެގެން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

މަޖިލީހަކީ ދިވެހިން ރައްޔިތުންގެ މޫނު ބަލައި ލޯގަނޑުކަން ފާހަގަ ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ކަޅު ފައިސާ ގޯނި ހިފައިގެން ނުކުމެ މީހުންނަށް އެ ފައިސާ ބަހާ ވާހަކަ އެއްވެސް ލަދެއް ނެތި ދައްކަން ކެރޭ މަޖިލީހެއް އިންތިހާބުކޮށްފި ނަމަ، އެއީ ރައްޔިތުން ވެސް އެފަދަ ހުތުރު އަމަލުތަކަށް އާބަސް ބުނުން ކަމަށެވެ. އަދި ނަޒާހަތްތެރި މަޖިލީހެއް ބިނާ ކުރުމުގެ ހުރިހާ ބާރެއް އޮތީ ރައްޔިތުންގެ އަތް މަތީގައި ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"މިވައްކަންތައް ބެލުމަށް ވެސް، މިކަންކަމުގައި ޒިންމާވާ ފަރާތްތަކަށް އަދަބު ދިނުމަށް ވެސް އޮތް މުއައްސަސާއަކީ ރައްޔިތުންގެ މަޖިލިސް. އެ މަސައްކަތްތައް ހިންގާނެ ރައްޔިތުންގެ މަޖިލީހަށް ހެދުން އެއީ ރައްޔިތުންނަށް ލިބިފައިވާ ފުރުސަތެއް. 19 ވަނަ ރައްޔިތުންގެ މަޖިލިސް އިރާދަކުރެއްވިއްޔާ ވެގެން ދާނީ، ވަގުން ހިފާ މަޖިލީހަކަށް. މަޖިލިސް 19 އިރާދަކުރެއްވިއްޔާ ވާނީ އަޅުގަނޑުމެންގެ ޝަރުއީ ނިޒާމު އިސްލާހު ކުރާނެ މަޖިލީހަކަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ. "މަޖިލިސް 19 ވެގެން ދާނީ އަލުންފަށާ އާ ފެށުމަކަށް. މަޖިލިސް 19 ތަފާތު ވާނެ. މަޖިލިސް 19 ތެދުވެރި ވާނެ. މަޖިލިސް 19 ނަޒާހަތްތެރިވާނެ، އިންސާފުވެރިވާނެ. މަޖިލިސް 19ގައި ވޯޓެއް ނުއެއް ވިއްކާނެ. މަޖިލިސް 19ގައި ލަދެއް ހަޔާތެއް ނެތި ގޯނި ގޯންޏަށް ފައިސާ އަޅައިގެން ހިނގާ ވާހަކަ މަޖިލިސް ތަޅުމުގައި ނުދައްކާނެ. މަޖިލިސް 19 އިން މި ދައުލަތުގެ ފައިސާ ބަލަހައްޓައިދޭނެ. މަޖިލިސް19 އިން ރައްޔިތުންގެ ހާލު އަހުވާލު ކައިރިން ބަލާނެ. މަޖިލިސް 19 ސިއްރުވެރިއެއް ނުވާނެ މާލީ ބަޔާން ހާމަކުރާނެ. މަޖިލިސް 19ގެ މެންބަރުން ހަފްތާއަކު އެއްފަހަރު ދާއިރާގެ ރައްޔިތުންނާ ބައްދަލު ކުރާނެ. މަޖިލިސް 19 ރައީސް ސޯލިހުގެ ވައުދުތައް ފުއްދަން ގާނޫނީ ބާރުވެރިކަން ހޯދައިދޭނެ. މަޖިލިސް 19 އަކީ ރައްޔިތުން ތިޔަ އުންމީދު ކުރާ ފަދަ ރައްޔިތުން މަޖިލީހަކަށް ވެގެންދާނެ،"

ރައްޔިތުން މަޖިލީހުގެ އިންތިހާބާ އެމްޑީޕީއިން ކުރިމަތިލާއިރު އެ ޕާޓީގައި 84،000 މެންބަރުން އެބަ ތިބި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އެމްޑީޕީއަކީ ރައްޔިތުންނަށް ހައްގު މިންވަރު ހޯދައިދޭން އަބަދުވެސް ވަކާލާތު ކުރާ ޕާޓީއެއް ކަމަށާއި ފުދުންތެރި ދިވެހި ރާއްޖެއެއް ގާއިމް ކުރެވޭނެ ކަމުގެ ތަސައްވަރަކީ އެމްޑީޕީގެ ތަސައްވަރެއް ކަމަށެވެ. ރައްޔިތުން މަޖިލީހަކީ މީހުންނަށް އަދަބު ދޭން ހަމައެކަނި ގާނޫނުތައް ހަދައި ތަނެއް ނޫން ކަމަށާއި ރައްޔިތުންނަކީ ފުދުންތެރި ބަޔަކަށް ހަދައި އިގްތިސާދީ ފުދުންތެރިކަން ހޯދުމަށް ގާނޫނީ ބާރުވެރިކަން ހޯދައިދޭ މައި މުއައްސަސާއަކީ ވެސް މަޖިލިސް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ، އެ ފަލްސަފާ ގަބޫލުކޮށް އެމްޑީޕީއަށް މަޖިލީހުގެ އަގުލަބިއްޔަތު ހޯދައިދޭން ރައްޔިތުން ތިބީ ތެދުވެ އެވެ.

"ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީއަށް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ދިނުމަށް ރާއްޖޭގެ ރައްޔިތުން މާބޮޑަށް، މާބޮޑަށް ތިބީ ތެދުވެ. ދިވެހި ރައްޔިތުންނަށް އެބަ ސާފުވޭ އެ ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހެދުމަށް އެމްޑީޕީގެ އަގުލަބިއްޔަތު ރައްޔިތުން މަޖިލީހުގައި އޮންނަން ޖެހޭނެކަން. މަޖިލީހަކީ ހަމައެކަނި އުގޫބާތްދޭ މަނާކަންކަން ކިޔައިދޭން އެ މާނައިގައި އޮންނަތަނެއް ނޫންކަން އެންމެ ރަނގަޅަށް ބުނެދިނީވެސް މި މާފުށި. މަޖިލީހަށް ހުށަހެޅުނު ގާނޫނަކުން ގެސްޓްހައުސް ވިޔަފާރިއަށް ހުއްދަ ލިބިގެން އައީ. އެއާ އެކު މި ރަށަށް ވީ ގޮތް އަޅުގަނޑުމެން އެންމެނަށް ވެސް އެބަ އެނގޭ،" ރައީސްް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މާފުށިން އެކަނި 10 މިލިއަނަށް ވުރެ ގިނަ ޑޮލަރު، 50 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ދައްކާ ކަމަށާއި ނަމަވެސް ކައުންސިލްގެ ބަޖެޓަކީ 2.5 މިލިއަން ރުފިޔާ ކަމަށެވެ. ކައުންސިލަށް ވެސް މަސައްކަތް ވެސް ނުކުރެވޭ ވަރުގެ ކުޑަ ބަޖެޓެއް ލިބޭއިރު، އެމްޑީޕީގެ ވިސްނުމަކީ އަދި މި ސަރުކާރުގެ ވިސްނުމަކީ ވެސް ކައުންސިލްތައް ބާރުވެރި ކުރުވުން ކަމަށެވެ. އަދި އެކަމުގެ ތެރެއިން، ކޮންމެ ރަށަކީ ވެސް ފުދުންތެރި ރަށަކަށް ހެދޭނެ ކަމަށާއި ނަމަވެސް އެކަންކަމަށް ގާނޫނީ ބާރުވެރިކަން ހޯދޭނީ މަޖިލީހުގެ ތެރެއިން ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް އަނބުރާ ސިޔާސީ މައިދާނަށް އާދެވުނީ ރައްޔިތުން ކުރި ބުރަ މަސައްކަތުން ކަމަށެވެ. އެކަމަަށް ޓަކައި ރައީސް ނަޝީދު ވަނީ ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. އަދި ރާއްޖެ ޑިމޮކްރަސީގެ ހަމަތަކުގެ މައްޗަށް އަލުން ގެނެވުނީ، މުއައްސަސާތަކަކުން ކުރި މަސައްކަތުން ނޫން ކަމަށާއި އެ ދަނޑިވަޅުގައި ރައްޔިތުންގެ އަޑު އިއްވި ބަޔަކީ ޕާޓީތައް ކަމަށް ވިދާޅުވި އެވެ. އެހެންކަމުން ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށް ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހަދައިދޭން މަސައްކަތް ކުރާ ޕާޓީއަކަށް މަޖިލީހުގެ އަގުލަބިއްޔަތުން ދިނުން މުހިންމު ކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވި އެވެ.