ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެމްޑީޕީއާ އެކު ކުރެއްވި ކެމްޕޭނަށް ނިންމާލުމަށްފަހު އެ ޕާޓީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ޗުއްޓީ ހޭދަކުރައްވަން އިނގިރޭސި ވިލާތަށް ފުރާވަޑައިގެންފި އެވެ.
ނަޝީދުގެ އޮފީހުން މިއަދު ބުނީ އެމަނިކުފާނު އިގިރޭސިވިލާތުގައި ޗުއްޓީ ހޭދަކުރައްވަނީ އެމަނިކުފާނުގެ އާއަލާއާއި އެކުގައި ކަމަށެވެ. މަޖިލިސް އިންތިހާބަށް އެމްޑީޕީން ކުރި ކެމްޕޭންގައި ނަޝީދު ވަނީ ރާއްޖޭގެ ގިނަ ރަށްތަކަކަށް ވަޑައިގެންފަ އެވެ.
އިގިރޭސިވިލާތުގައި ޗުއްޓީ ހޭދަކުރުމަށްފަހު ނަޝީދު ދެން ވަޑައިގަންނަވާނީ އެމެރިކާއަށެވެ. ނަޝީދު އެމެރިކާއަށް ވަޑައިގަންނަވަނީ، މަޝްހޫރު އެކްޓަރު ޖޯޖް ކްލޫނީ އާއި އޭނާގެ އަންހެނުން އަދި މަޝްހޫރު ގާނޫނީ ވަކީލް އަމާލް ކްލޫނީ ހިންގާ ކްލޫނީ ފައުންޑޭޝަން ފޯ ޖަސްޓިސް އިން ބާއްވާ ހަރަކާތެއްގައި ބައިވެރިވުމަށެވެ. އެ ހަރަކާތުގައި ގާނޫނީ ވަކީލުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ މުހިއްމު އެކި އެކި ފަރާތްތަކުން ބައިވެރިވާނެ ކަމަށް ނަޝީދުގެ އޮފީހުން ބުންޏެވެ.
ކްލީނީ ފައުންޑޭޝަން އޮފް ޖަސްޓިސްއަކީ ހުދުމުހުތާރު ސަރުކާރުތަކުން އިންސާފުން ބޭރުން ޝަރީއަތް ކުރާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމުގެ މަސައްކަތް ކުރާ ފައުންޑޭޝަންއެކެވެ. މި ފައުންޑޭޝަންގެ އެއް ފައުންޑާ ކަމަށްވާ އާމާލް ކްލޫނީ ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނަޝީދު ޖަލަށް ލުމަށް ހުކުމްކުރުމުން ނަޝީދުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވެފަ އެވެ.