ހަބަރު

މަންޒަރު ބަދަލުވެ، މަޖިލީސް ރައީސްކަމަށް ނަޝީދުގެ ނަން

ނަވާރަ ވަނަ މަޖިލީހުގެ ރައީސްކަމުގެ މަގާމަށް މަޖިލީހުގެ ސާފު އަގުލަބިއްޔަތު އޮތް އެމްޑީޕީގެ ފަރާތުން ހުށަހަޅާނެ ބޭފުޅެއްގެ އަރައިރުން ހޫނުވެ، ގައުމުގެ ޝައުގުވެރިކަން ހުއްޓިފައިވަނިކޮށް، މުޅި މަންޒަރު އެކީގައި ބަދަލުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ނަންފުޅު މަޖިލީހުގެ ރައީސް ކަމަށް ހުށަހަޅަން އެމްޑީޕީގެ ޕާލިމަންޓް ގުރޫޕުން ދާދި ދެންމެއަކު ފާސްކޮށްފި އެވެ.

މަޖިލީހުގެ ރައީސްކަމަށް ބޭފުޅަކު ގެންނަން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެކޮޅަށް އަރައިވަޑައިގެންނެވުމުން، ޕާޓީ ތެރޭގައި ހިޔާލުތަފާތުވުންތައް އުފެދި، އެ އަރައިރުން ވަނީ ބޭރަށްވެސް ބަންޑުންވެފަ އެވެ. ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފަށް ރައީސް ސޯލިހު ތާއީދުކުރެއްވިއިރު، ނަޝީދު ކެމްޕެއިން ކުރެއްވީ ހިތަދޫ އިތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމަށެވެ. އެގޮތުން، ދެ ބޭފުޅުންގެ ކޯޅުން ހަނގުރާމައަކަށް ބަދަލުވެ ރާއްޖޭގެ އެންމެ ޑިމޮކްރެޓިކް ޕާޓީގެ ގޮތުގައި އަބަދުވެސް ދައުވާކުރާ އެމްޑީޕީގެ މެމްބަރުންގެ މެދުގައި ޒާތީ ޖައްސާލުންތަކާއި އަބުރު ކަތިލުން ފަދަ ނާތަހުޒީބު އަމަލުތައް ވެސް ވަނީ ފެނިގެން ގޮސްފަ އެވެ.

މަންޒަރު ކުއްލިއަކަށް ބަދަލުވުން

އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕް ދަރުބާރުގެއަށް ޖަމާވަމުން ދިޔަ އިރު، އެންމެން ނަޒަރު ހުއްޓިފައިވަނީ، އެ މެމްބަރުންގެ ވަފާތެރިކަން އޮތީ ރައީސް ސޯލިހަށްތޯ ނޫނީ ނަޝީދަށްތޯ އެވެ. ނަމަވެސް، ނަޝީދު ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގެ ރައީސްކަމަށް ހުށަހަޅައި ބޭފުޅެއްގެ ނަމަށް ވިޕްލައިނެއް ކަނޑައެޅުމަށްނެގި ވޯޓަށްފަހު، ނަން ހުށަހަޅަންދިން ފުރުސަތާއެކު މުޅި މަންޒަރު ކުރިން ހީވެސް ނުކުރާ ގޮތަކަށް ބަދަލުވެގެން ދިއަ އެވެ.

ނަމެއް ހުށަހެޅުމަށް ލިބިވަޑައިގެންނެވި ފުރުސަތުގައި، ކެމްޕެއިނުގެ ތެރެއިން އެމްޑީޕީގެ ތެރޭގައި ބައިބައިވުން އުފެދިފައިވާކަމަށް ވިދާޅުވެ އަސްލަމް ވަނީ ހިތާމަފާޅު ކުރައްވައިފަ އެވެ. އަދި އަސްލަމް ވަނީ އެމްޑީޕީ އެކަތިގަނޑަކަށް ހައްދަވައި، ބައިބައިވުމުގެ ފުރުސަތު ނުދިނުމަށްޓަކައި، ރައީސް ނަޝީދުގެ ނަން ފުޅު ހުށަހަޅުއްވައިފަ އެވެ. އެކަމަށް ތަނާޒުލްވާކަމަށް ނަޝީދު ވިދާޅުވުމުން، އަފީފަށް ލިބުނު ފުރުސަތުގައިވެސް ވަނީ މަޖިލީސް އިންތިހާބުގެ ތެރެއިން އެމްޑީޕީ ރައްޔިތުންނަށްވި ވައުދު ފުއްދުމަށްޓަކައި، އަސްލަމްގެ ހުށަހެޅުއްވުން ގަބޫލު ކުރެއްވުމަށް ނަޝީދަށް އިލްތިމާސްކުރައްވައިފަ އެވެ.

މަޖިލީހުގެ ރައީސްކަމަށް ކެމްޕެއިން ކުރެއްވި ދެބޭފުޅުންވެސް އެދިވަޑައިގެންނެވުމާއެކު ނަޝީދު ވަނީ "ގާތް ރަހުމަތެރިއަކަށް" ފޯނު ކޯލެއް ކުރެއްވުމަށްފަހު، އެ ހުށަހެޅުން ގަބޫލުކުރައްވާކަމަށް ވިދާޅުވެފަ އެވެ. ނަޝީދުގެ ނަން ހުށަހަޅަން ފާސްވެގެންދިއައީ އެމްޑީޕީ ޕީޖީގެ 64 މެމްބަރުންގެ އިއްތިފާގުންނެވެ.

ނަޝީދުގެ ފޯނު ކޯލެއް "ގާތް ރަހުމަތެރިއަކަށް"

ރައީސް ސޯލިހުއާ ނަޝީދު އާދެމެދު އޮންނަ "ހިތާ ހިތުގެ ގުޅުމަށް" މި އަރައިރުމުގެ ތެރެއިން ލޮޅުން އަރާފައިވާކަމަށް ގިނަ ބަޔަކު ދިއައީ ބުނަމުންނެވެ. އަދި ދެބޭފުޅުންގެ މެދުގައި ކުޑައިރުއްސުރެ އޮންނަ ރަހުމަތްތެރިކަން ނިމުމަކަށް އައީތޯ ވެސް ސުވާލު އުފެދުނެވެ. ނަމަވެސް، މަޖިލީހުގެ ރައީސް ކަމަށް އެމްޑީޕީ މެމްބަރުން ހުށަހެޅުން ގަބޫލުކުރެއްވުމުގެ ކުރިން، ނަޝީދު ވަނީ ރިޔާސަތު ދޫކުރައްވައި، "ގާތް ރައްޓެއްސަކަށް" ފޯނު ކޯލެއް ކޮށްލަން ބޭނުންފުޅުވާކަމަށް ވިދާޅުވެފަ އެވެ. ސީދާ ވިދާޅުނުވި ނަމަވެސް، ބެލެވޭ ގޮތުގައި، ނަޝީދު އެ ހުށަހެޅުން ގަބޫލުކުރެއްވީ ރައީސް ސޯލިހުގެ އިޒުނަ ހޯއްދަވައިގެންކަމެވެ.

"އިމްތިހާނުން" އެމްޑީޕީ ފާސްވެއްޖެ

މިރޭގެ ބައްދަލުވުމުގެ ކުރިން އެންމެންގެ ހިތުގައި އުފެދިފައި އޮތް ސުވާލަށް އެމްޑީޕީން ވަނީ ވަރަށް ފުރިހަމަ ޖަވާބެއް ދީފަ އެވެ. ޕާޓީގެ ކޯޅުން ބޮޑުވެ، މަޖިލީހުގެ ރައީސްކަމަށް އަފީފް ވިއަސް އަސްލަމް ވިއަސް ވަޑައިގެންނެވިނަމަ، އެ މައްސަލަ ހައްލުނުވާނެ މަންޒަރުގެ މަލަމަތި ފެނިގެން ދިޔަ އެވެ.

ނަމަވެސް، އެންމެން ސިއްސުވާލި ނިންމުމާއެކު، އެތެރޭގެ އިންތިހާބެއްގެ ތެރެއިން ޕާޓީ ދެކަފިވެގެން ދިޔުން އެވަނީ ހުއްޓުވައިފަ އެވެ. ހުރިހާ ބޭފުޅުންނަށް ވެސް ސުވާލެއްނެތި އިއްތިފާގުވެވޭނެ ބޭފުޅެއްގެ ނަން ހުށަހެޅީ އެވެ. އެއް ފަހަރުން ދެކަފިވެގެން ދިޔަ ޕާޓީ އެއްތަންވީ އެވެ.

ޕާޓީގެ ހުށަހެޅުން ނަޝީދު ގަބޫލުކުރެއްވުމާއެކު ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަން ގުގުމާއިގެންދިއަ އަތްތިލަބަޑީގެ އަޑުން، އެމްޑީޕީ ތެރޭގައި އުފެދުނު ބައިބައިވުން ކުއްލިއަކަށް ނެތިގެން ދިޔައީ އެވެ. އުފެދޭ ހިޔާލުތަފާތުވުމަކުން ގައުމުގެ އެންމެ ނުފޫޒުގަދަ ދެ ބޭފުޅުންގެ މެދުގައި އޮތް ރަހުމަތެރިކަމަށް ގުޑުމެއް ނާންނަކަން ސާބިތުކޮށްދިނީ އެވެ.