ހަބަރު

އެންމެ ދުވަސްވީ މެންބަރު އަފީފް ވެސް މަޖިލިސް ރައީސްކަމަށް ޝައުގުވެރިވޭ

އަންނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ވިލުފުށީ ދާއިރާގެ މެންބަރު ކަމަށް އިންތިހާބުވި ހަސަން އަފީފްގެ ޝައުގުވެރިކަން އޮތްކަން ހާމަކުރައްވައި، އެ މަގާމުން ޕާޓީއިން ހަވާލުކޮށްފިނަމަ ގަބޫލު ކުރައްވާނެ ކަމަށް ވިދާޅުވެއްޖެ އެވެ. އަފީފަކީ ރައްޔިތުންގެ މަޖިލީހުގައި ތަޖުރިބާކާރު ބޭފުޅެކެވެ.

އަފީފް ވަނީ ތ. އަތޮޅު މެންބަރުކަން ހަތަރު ދައުރު ކުރައްވާފަ އެވެ. ދިހަ އަހަރުގެ މެދުކެނޑުމަކަށްފަހު މިދިޔަ އާދިއްތަ ދުވަހު ބޭއްވި އިންތިހާބު ކާމިޔާބު ކުރެއްވުމަށް އަލުން މަޖިލީހަށް އަފީފް ވަޑައިގަންނަވާއިރު އަންނަ މަޖިލީހުގައި އިންނަވާނެ އެންމެ ދުވަސްވީ މެންބަރަކީ ވެސް އަފީފެވެ.

އަފީފް މިއަދު "އަވަސް"އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މިފަހަރުގެ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލެއްވީ ވެސް ރައްޔިތުން ބޭނުންވާ އިސްލާހީ ބަދަލުތައް ގެނެސްދިނުމުގައި މެދުވެރިއަކަށްވުމަށްޓަކައި ކަމަށެވެ. އެ މަސައްކަތް ކުރުމުގެ އެންމެ ބޮޑަށް އިސް ނެގޭނީ މަޖިލީހުގެ ރައީސްއަށް ކަމަށާއި އެހެންވެ، އެ މަގާމު ޕާޓީއިން ހަވާލުކޮށްފިނަމަ ގަބޫލު ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަން ނިންމާނީ ޕާޓީއިން، އަޅުގަނޑަށް މަޖިލިސް ރައީސްކަން ދޭން ނިންމައިފިނަމަ ގަބޫލު ކުރާނަން، އިސްލާހީ މަސައްކަތް ގެނައުމަށް އިސް ނެގޭނެ އެންމެ މުހިންމު ފަރާތަކީ މަޖިލީހުގެ ރައީސް ކަމަށްވާނަމަ ޕާާޓީއިން އެކަން ދީފިނަމަ އަޅުގަނޑު އަދާކުރާނަން،" މަޖިލީހުގެ ރައީސްކަމަށް ޝައުގުވެރިވޭތޯ ސުވާލުކުރުމުން އަފީފް ވިދާޅުވި އެވެ.

އަފީފް ވިދާޅުވީ ނިމިގެން މިދިޔަ ދެ އަހަރު ރައްޔިތުންގެ މަޖިލީހަށާއި މެންބަރުންނަށް އަމާޒުވި ތަފާތު ތުހުމަތުތަކާ ހެދި އެ މަޖިލީހުގެ އަގު ވަރަށް ބޮޑަށް ވެއްޓިފައިވާ ކަމަށެވެ. އާ މަޖިލީހުން އެންމެ އިސްކަން ދޭނެ ކަމަކީ މަޖިލިސް ނަޒާހަތްތެރިކޮށް، ރައްޔިތުންނަށް އިސްލާހީ ބަދަލުތަކެއް ގެނެސްދިނުން ކަމަށެވެ. އެކަން އޭނާގެ ތަޖުރިބާގެ އެހީގައި ހާސިލް ކުރައްވާނެ ކަމަށް އަފީފް ވިދާޅުވި އެވެ.

ވިހި އަހަރު ރައްޔިތުންގެ މަޖިލީހުގައި އޭނާ ހޭދަކުރެއްވިއިރު ވެސް ނޭދެވޭ އެއްވެސް ތުހުމަތެއް އަމާޒުވެފައި ނޯންނާނެ ކަމަށާއި ދެން ވެސް އެފަދަ ނޭދެވޭ ތުހުމަތެއް އޭނާގެ މައްޗަށް ނުކުރެވޭނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށް އަފީފް ވިދާޅުވި އެވެ. ގާނޫނާ ހިލާފު އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށާއި ދެމިހުންނާނީ ރައްޔިތުންގެ އަޑު އިއްވައިދޭ، ނަޒާހަތްތެރި މެންބަރެއްގެ ގޮތުގައި ކަމަށް ވެސް ކުރިން ހޯމް މިނިސްޓަރުކަން ވެސް ކުރެއްވި އަފީފް ވިދާޅުވި އެވެ.

އަފީފްގެ ޝައުގުވެރިކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ހުންނެވިއިރު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އަންނަ މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްކަން ވެސް ކުރައްވާނީ އެމްޑީޕީގެ ދެ މެންބަރުން ކަމަށް ވިދާޅުވެފަ އެވެ. އަދި ރައީސް ކަމަށް މެންބަރު މުހައްމަދު އަސްލަމް ވަރަށް ރަނގަޅު ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އޭނާއަކީ ވެސް މަޖިލީހުގައި ގިނަ ދުވަސްވީ މެންބަރެކެވެ.

އޭގެ އިތުރުން އެމްޑީޕީގެ މެންބަރެއް އެހެން ނަމަވެސް އަމިއްލަ ގޮތުން އިންތިހާބުވި އަބްދުﷲ ޖާބިރު ވެސް ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ. ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އެ މަގާމު ދެއްވާނެ ބޭފުޅަކު ނިންމާނީ މެންބަރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށްފަހު އެވެ.