ހަބަރު

ފުރަތަމަ ދުވަހުވެސް މަޖިލީހުގެ އާ ރައީސް ތަފާތު!

14

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ރަސްމީކޮށް މިއަދު ފެށިގެން ކުރިއަށް ދިއައިރު، ގާތްގަނޑަކަށް 11:30 އެހާކަންހާއިރު ކޮންމެވެސް އެއް މެންބަރަކު މަޖިލިސް މެދުކަނޑާލައި ބްރޭކެއް ދެެއްވުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކިބައިން އެދިވަޑައިގެންނެވި އެވެ. ފަހަރުގައި މިއަދު މަޖިލީހުގެ ޖަލްސާ ކުރިއަށްދިއަ ބާރު މިނުގެ ސަބަބުން ވަރުބަލި ކަމެއް އިހުސާސް ކުރެއްވިގެން އެ މެންބަރު އެގޮތަށް އެދި ވަޑައިގަތީ ކަމަށް ވެސް ވެދާނެ އެވެ.

"އިއްޒަތްތެރި މެންބަރު ބޭނުންފުޅިއްޔާ ހަމަ ބޭރަށް ނުކުމެވަޑައިގެން ބްރޭކެއް، ނަންގަވަންވީ،" މަޖިލިސްގެ އާ ރައީސް ވިދާޅުވި އެވެ.

އެހެން މަޖިލިސްތަކުގެ ދައުރު ފަށައިގެން ގެންދާ ޖަލްސާތަކާއި ހިލާފަށް އެއީ މިއަދުގެ ޖަލްސާގައި ފާހަގަވި ބަދަލެވެ. މަޖިލިސް އޮތީ ތަފާތު ރޫހެއްގައި އަދި ކޮންޓްރޯލެއްގެ ތެރޭގަ އެވެ. ރިޔާސަތުގައި އިންނެވި އާ ރައީސްގެ ހަރަކާތްތެރިކަން މުޅި މަޖިލީހުގެ ތަޅުމަށް ފެތުރިފައި އޮތެވެ.

ފަހަރުގައި، މިއަދުގެ އެޖެންޑާގައި ހިމެނުނު މައްސަލަތަކުގެ ތަފްސީލްތަކާއި އިތުރު މައުލޫމާތުތައް ބަހުސް ކުރިއަށްދިއަ ވަގުތުގައި ދެ މެންބަރުން ވާހަކައިގެ މެދުން، ރިޔާސަތުން ގެނެސް ދެއްވައި ވަރަށް ގިނަ ފަހަރަށް ބަހުސުގެ ތެރެއަށް ވަދެ ވަޑައިގަތީމާ ކަމަށްވެސް ވެދާނެ އެވެ.

ނޫނީ މައްސަލަތަކުގެ ބޭރުން، 1950 ގެ އަހަރުތަކުގެ ތެރޭގައި ސެނެޓުގެ ރައީސާކަން ފާތިމަތު އިބްރާހިމް ދީދީ (ތުއްތު ގޮމާ) ކުރެއްވި ތާރީހީ މައުލޫމާތުކޮޅު މެންބަރުންނާއި ހިއްސާކޮށްލެވުމަކީ މިއަދު ޖަލްސާއަށް ލިބިގެންދިއަ އިތުރު ފުރިހަމަ ކަމަކީ ކަމަށް ވެސް ވެދާނެ އެވެ.

މައުލޫއާ ނުގުޅުނު ނަމަވެސް ގައިމުވެސް ޖަލްސާ ބަލަންތިބި މީހުންނަށް އެއީ ލިބުނު އިތުރު މުއްސަނދި ކަމަކަށްވި އެވެ.

މަޖިލީހުގެ ރައީސަށް ބަހުސްތަކުގައި ބައިވެރި ނުވެވޭ ގޮތަށް އޮތް ނަމަވެސް، ހަމައެކަނި ފަހަރަކު މެންބަރަކަށް ފުރުސަތު ދެއްވަމުން ގަނޑެއްގައި ލިޔެފައި އޮތް އެއްޗެއް ބާރަށް ވިދާޅުވަމުން ގެންދިއުމުގެ ބަދަލުގައި، މިއަދު ރިޔާސަތުން ދިޔައީ ހިޔާލުފުޅުތަކެއް ވެސް ހުށަހަޅަމުންނެވެ. މެންބަރުން ބަހުސް ކުރައްވަމުން ގެންދެވި މައްސަލަތަކުގެ މުހިންމުކަން ވެސް ފާހަގަ ކުރައްވަމުން ގެންދެވި އެވެ.

ބަހުސްގައި ބައިވެރިވެ ވަޑައިގަތް ނަމަވެސް މައިނޯރިޓީއެއް މެޖޯރިޓީއެއް ބެލުމެއްނެތި، ހުރިހާ މެންބަރުންނަށް ހަމަ ފުރުސަތު ދެއްވި އެވެ. ގަވައިދާ އެއްގޮތަށެވެ. ނިޒާމީ ނުކުތާއަކަށް ނުފެތުނަސް، މެންބަރުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އަޑުއެއްސެވި އެވެ. އެކަމަށް ޖަވާބުދާރީ ވެސް ވެވަޑައިގަތެވެ. އެ ކަންބޮޑުވުންތައް ހައްލު ކޮށްދެއްވަން މަސައްކަތް ކުރައްވާނެކަ މަށް ތަކުރާރުކޮށް ވައުދުވެ ވަޑައިގަންނަވަމުންނެވެ.

ހެނދުނު 10.00 ގައި ފެށި ޖަލްސާ ކުރިއަށް ގެންގޮސް މެންދުރު ނަމާދުގެ ބަންގިއާ ހަމައަށް ދިއުމުން އެކަން ރިޔާސަތުގެ ސަމާލުކަމަށް މެންބަރަކު ގެންދިޔަ އެވެ. އެކަމުގައި ވެސް ރިޔާސަތުން ދެއްކެވީ މަޖިލީހުގެ ހިންގުމުގައި ހުރި މައްސަލަތެކެވެ. ބަންގި ގަޑިތަކާއި ފުށުއަރާ ގޮތަށް މަޖިލީހުގެ ޖަލްސާތަކުގެ ވަގުތުތައް ހަމަޖައްސާފައިވާކަން ފާހަގަ ކުރައްވަމުންނެވެ. އެ އެދުމަށް ވެސް މަޖިލީސް މެދުކަނޑައެއް ނުލެއްވި އެވެ. ބަންގި ގަޑިއަށް ފުށު އެރި ނަމަވެސް، ނަމާދުގެ ވަގުތަށް ފުށުނާރާނެ ކަމަށް ވިދާޅުވި އެވެ. މަޖިލީހުގެ އުސޫލު ބަދަލު ނުކޮށް އެއާ ހިލާފަށް އަމަލު ނުކުރެއްވީ އެވެ.

މުޅީންހެން ފެނުނީ މަޖިލީހުގެ ތަޅުން ރިޔާސަތުގެ ކޮންޓްރޯލްގައި އޮތްތެނެވެ. ބަހުސްގެ ތެރެއިން ދެ މެންބަރުންގެ މެދުގައި ކުޑަކޮށް ހޫނުކަމެއް އުފެދެން ދިޔަ ވަގުތުކޮޅެއްގައި މުހާތަބު ކުރެއްވުމުގައި "އިއްޒަތްތެރި" ބޭނުން ކުރައްވަން ރިޔާސަތުން އެންގެވި އެވެ. ކޮންމެ މެންބަރެއް ދެއްކެވި ވާހަކަފުޅުތައް ކަނުލާ އަޑުއެއްސެވިކަން ސާފެވެ. މައުލޫން ބޭރުވެގެން ދިއުމަށް މެންބަރުންނަށް ފުރުސަތެއް ނުދެއްވި އެވެ.

މިއަދުގެ ޖަލްސާގެ ތެރެއިން ދޭތެރަކުން ހުރިހާ މެންބަރުންނަށް އެމީހުންގެ ޒިންމާ ރިޔާސަތުން ހަނދުމަފުޅުކޮށް އަރުވަ އެވެ. ނަޒާހަތްތެރި މަޖިލީހެއް ކަށަވަރު ކުރުމަށްޓަކައި ރައްޔިތުންގެ ކުރި އުއްމީދާ އެއްގޮތަށް މަސައްކަތް ކުރަންޖެހޭކަމަށް ވިދާޅުވަމުން، އެކަމަށް ބާރުވެސް އަޅުއްވަމުންނެވެ.