ބޮލީވުޑް

ރެމޯގެ ފިލްމު ކެޓްރީނާ ދޫކޮށްލައިފި

ކެޓްރީނާ ކެއިފް އާއި ވަރުން ދަވަން އެކުގައި އެންމެ އަވަހަށް ފެންނާން އޮތީ، ރެމޯ ޑި ސޫޒާ އުފައްދާ ނެށުމުގެ ފިލްމަކުންނެވެ. މި ފިލްމުގެ ލީޑު ތަރިން ހޮވައި، އަންނަ އަހަރު ޝޫޓިން ފެށުމަށް ހަމަޖައްސާފައި ވަނިކޮށް މި ފިލްމު ދޫކޮށްލީ ކަމަށް ކެޓްރީނާ ބުނެފި އެވެ.

ކެޓްރީނާގެ އޮފިޝަލް ސްޕޯކްސްޕާސަން ބުނި ގޮތުގައި މި ފިލްމުން ވަކިވާން ނިންމީ މިހާރު ކުޅެމުން އަންނަ ސަލްމާން ޚާންގެ ފިލްމު "ބާރަތު" ގައި މާ ބުރަ ކޮށް މަސައްކަތް ކުރަން ޖެހުމުން ކަމަށާއި، ދެ ފިލްމު އެކީގައި ކުޅުމަށް އުނދަގޫތަކެއް ކުރިމަތިވެ ޝެޑިއުލަށް ބުރޫ އަރާފާނެތީ ކަމަށެވެ. ކެޓްރީނާ މި ނިންމުން ނިންމީ ފިލްމުގެ ޝޫޓިންގެ ނެގުމަށް ކައިރި ވެފައި ވަނިކޮށެވެ.

ރެމޯ އުފައްދާ މި ފިލްމުގެ ނަން ސިއްރު ކޮށްފައި ވާއިރު، މި ފިލްމުގައި ކެޓްރީނާ ފެންނާނީ ޕާކިސްތާނު އަންހެން ކުއްޖެއްގެ ރޯލުންނެވެ. އަދި ވަރުން އިންޑިއާގެ ފިރިހެން ކުއްޖެއްގެ ގޮތުގައި ހުރެ، ދެ މީހުން ދިމާވާނީ ނެށުމުގެ މުބާރާތަކުން ކަމަށް ރިޕޯޓުތައް ބުނެ އެވެ. މި ފިލްމަކީ ބޮލީވުޑްގައި ތްރީ ޑީ ކޮށް ނެރޭނެ އެންމެ ބޮޑު ފިލްމު ކަމަށާއި، އަށެއް ނޮވެމްބަރުގައި ފެންނާނެ ކަމަށް ވަރުން ވަނީ މީގެ ކުރިން ބުނެފަ އެވެ.

ބޮލީވުޑްގައި ފަހަކަށް އައިސް ނެރޭ ނެށުމަށް ހާއްސަ ފިލްމުތަކަކީ ރެމޯގެ މޮޅު އުފެއްދުންތަކެވެ. "އޭބީސީޑީ" އާއި "އޭބީސީޑީ 2" ވަނީ ނެށުމަށް ލޯބި ކުރާ ގިނަ ބައެއްގެ ތެރޭގައި މަގުބޫލު ދެ ފިލްމަށެވެ. ރެމޯއަކީ ވެސް ނެށުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ފަންނާނެކެވެ. އެހެންވެ އަލަށް އުފައްދާ ފިލްމުގައި ކެޓްރީނާ އާއި ވަރުން އެކުގައި ފެންނާނެ ކަމަށް ބެލުންތެރިން ތިބީ އުއްމީދު ކޮށްގެންނެވެ.