ހޮލީވުޑް

އެންޖެލީނާ ޖޮލީ ސިޔާސީ ދާއިރާއަށް!؟

ހޮލީވުޑްގެ ތަރި އެންޖެލީނާ ޖޮލީ އަކީ މިހާރު ފިލްމުތަކުން އެހާ ގިނައިން ފެންނަ މޫނެއް ނޫނެވެ. އޭނާ ބޮޑަށް ފެންނަނީ ރެފިއުޖީ ކޭމްޕުތަކާއި ކަންކަމަށް މީހުން ހޭލުންތެރި ކުރުވުމުގެ ޕްރޮގުރާމުތައް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާތީ އެވެ. މިދުވަސްކޮޅު އެންޖެލީނާ ސިޔާސީ ދާއިރާއިން އޭނާ ފެނިދާނެ ކަމުގެ އިޝާރާތެއް ކޮށްލައިފި އެވެ.

ބީބީސީއަށް ދިން އިންޓަވިއުއެއްގައި އެންޖެލީނާ މިހެން ބުނެފައިވަނީ އެމެރިކާގެ ސިޔާސީ ކަންކަމާ ގުޅުވައިގެން ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ. ސިޔާސީ ދާއިރާއިން ފެނިދާނެތޯ އެހުމުން ޖަވާބުގައި ބުނީ "މީގެ ވިހި އަހަރު ކުރިން އެ ސުވާލު ކޮށްފިއްޔާ ހެވޭނީ" ކަމަށެވެ. އަދި ސިޔާސީ ދާއިރާއަށް ނުކުންނަށް އޭނާ އަދި "ފިޓް" ކަން ޔަގީން ނުވާ ކަމަށެވެ.

އެހެން ނަމަވެސް އެންޖެލީނާ ބުނީ އޭނާ އަކީ ސަރުކާރުގެ މަތީ ބޭފުޅުންނާ އިސް ވެރިންނާއި ގިނަގިނައިން ބައްދަލު ކޮށް އެކި މައްސަލަތަކަށް ބަދަލު ގެނެވޭތޯ މަސައްކަތް ކުރާ މީހެއް ކަމަށާއި އެ ހުރިހާ ކަމަކަށް ބެލިއަސް އަދި ހުންނާނީ މަޑުން ކަމަށެވެ.

އެންޖެލީނާ ޖޮލީ އަކީ ހޮލީވުޑްގެ އެންމެ އަގުބޮޑު ފިލްމީ ތަރީގެ އިތުރުން، ފިލްމު ޕްރޮޑިއުސަރެއް ވެސް މެ އެވެ. އޭނާގެ ގިނަ ފިލްމުތައް ހާއްސަ ކުރެވިފައިވަނީ އިންސާނިއްޔަތާ ގުޅުންހުރި މައްސަލަތަކަށެވެ.