ބޮލީވުޑް

ވިވޭކް އޮބްރޯއީ ދެން ކުޅޭނީ ނަރެންދުރަ މޯދީގެ ރޯލު

އިންޑިއާގެ މަޝްހޫރު ސިޔާސީ ފަރާތެއް ކަމަށްވާ ބާލް ތަކެރާއީއަށް އުފެއްދި ބަޔޯޕިކް ފިލްމަށްފަހު، ދެން އެންމެ އަވަހަށް އުފައްދާނީ އިންޑީއާގެ ޕްރައިމް މިނިސްޓަރު، ނަރެންދްރާ މޯދީގެ ބައޯޕިކް އެކެވެ. މޯދީގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ މި ފިލްމުގައި މޯދީގެ ރޯލުން ފެންނާނީ ބޮލީވުޑްގެ ގިނަ ފިލްމުތަކެއް ކުޅެފައިވާ ވިވޭކް އޮބްރޯއި އެވެ.

މެރީ ކޮމް ފަދަ ފިލްމުތައް ޑައިރެކްޓުކޮށްފައިވާ، ޑައިރެކްޓަރު އޮމުންގް ކުމާރުގެ ބެލުމުގެ ދަށުން އުފައްދާ މި ފިލްމުގައިި، މޯދީގެ ރޯލު ވިވޭކް އަށް ދިން ކަން ވަނީ ޔަގީންކޮށްދީފަ އެވެ. އަންނަ ޖަނަވަރީ މަހު ޝޫޓިންގ ފެށުމަށް ހަމަޖެހިފައިވާ އިރު މި ފިލްމުގައި ވިވޭކް އާއެކު ދެން ފެންނާނީ ކޮން ތަރިންނެއްް ކަމެއް އަދި ނުބުނެ އެވެ. ފިލްމުގެ ޝޫޓިން ނެގުމަށް ހަމަޖެހިފައިވަނީ ޕްރައިމް މިނިސްޓަރު މޯދީގެ އުފަން ރަށް ގުޖުރާތުގެ އިތުރުން، ދިއްލީ، ހިމާޗަލް ޕްރަދޭސް އަދި އުއްތަަރުޚަންދުގަ އެވެ.

ވިވޭކް އަކީ ބޮލީވުޑްގައި ދެހާހުގެ އަހަރުތަކުގެ ފިލްމުތަކުން ފެނުނު ފަންނާނެކެވެ. އޭނާގެ ނަން ބޮލީވުޑްގައި ވިދާލީ، އައިޝްވާރިޔާ އާއެކު ކުޅުނު "ޗުޕްކޭސޭ" ލަވައަށްފަހު އެވެ. ވިވޭކް މި ލަވަ ކުޅުނު އިރު އުޅުނީ އައިޝްްވާރިޔާއާ ލޯބީގެ ގޮތުން ގުޅިގެން ކަމަށްވެސް އޭރު އަޑު ފެތުރުނެވެ.

ބޮލީވުޑްގެ ފިލްމުތަކުން މިހާރު އެހާގިނައިން ނުފެނުނު ކަމުގައި ވިޔަސް، ވިވޭކް ފިލްމު ކުޅުމާ މުޅިން ދުރެއް ނުވެ އެވެ. ތެލުގޫ އަދި މަލަޔާޅަމް ފިލްމުތަކުގައި އޭނާގެ ހުނަރު ދަނީ ދައްކަމުންނެވެ. އަންނަ ޖަނަވަރީގައި ޝޫޓު ކުރަން ހަމަޖެހިފަިއިވާ މޯދީގެ ބަޔޯޕިކް ވެގެންދާނީ އޭނާ ކުޅޭނެ އެންމެ ތަފާތު ފިލްމަށެވެ.