ދުނިޔެ

އަފްޣާނުގެ ރިޔާސީ އިންތިހާބު ބާއްވާ އާ ތާރީހު އިއުލާނުކޮށްފި

Dec 31, 2018

ކާބުލް (ޑިސެމްބަރު 30) - އަފްގާނިސްތާނުގައި އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު އަންނަ ޖުލައި މަހުގެ 20 ވަނަ ދުވަހު ބާއްވަން ނިންމާފައިވާކަމަށް އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އަންނަ އަހަރުގެ އޭޕްރީލް މަހަށް ތާވަލްކޮށްފައިވާ އިންތިހާބު، ތިން މަސް ދުވަހަށް ފަސްކޮށްފައިވަނީ، މމިދިޔަ އޮކްޓޯބަރު މަހު ބޭއްވި މަޖިލީސް އިންތިހާބުގައި ކުރިމަތިވި ދަތިތަކާއި މައްސަލަތައް ހައްލުކުރަން ވަގުތު ހޯދަންކަމަށް ވެސް އެ ކޮމިޝަނުން އިތުރަށް ބުންޏެވެ.

ޕާލިމަންޓު އިންތިހާބުގައި ބަޔޯމެޓްރިކް ސިސްޓަމަށް އިލެކްޝަން އޮފިޝަލުން އެކަށީގެންވާ މިންވަރަށް ތަމްރީން ކުރެވިފައިވާ ނުވުމުން، ގިނަ އަދަދެއްގެ މީހުންނަށް ވޯޓުލުމަށް ގިނަ ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ.

އެކަމާއި ގުޅިގެން، ގިނަ ވޯޓު ފޮށިތަކުގެ ނަތީޖާ އާމެދު ސުވާލު އުފެދި، ގިނަ އަދަދެއްގެ ވޯޓު ފޮށިތަކުގެ ރަސްމީ ނަތީޖާ އަދިވެސް އިއުލާނުނުކުރެވެ އެވެ.

އިންތިހާބު ފަސްކުރަން ނިންމާފައިވަނީ، އަފްގާނިސްތާނުގައި ހަރަކާތްތެރިވަމުންދާ އެމެރިކާ ސިފައިން ބާލަން އެމެރިކާ ސަރުކާރުން ނިންމާފައިވާ ދަޑިވަޅެއްގަ އެވެ. އެ ގައުމުގައި މިހާރު ތިބި 7،000 އެއްހާ އެމެރިކާ ސިފައިން ކުރިއަށް އޮތް މަދު މަސްކޮޅެއްގެ ތެރޭގައި ފައިބާނެކަމަށް އެމެރިކާ ސަރުކާރުން ވަނީ ބުނެފަ އެވެ.

އިންތިހާބު ފަސްކުރަން ނިންމާފައިވާއިރު، އަފްގާނިސްތާނުގައި ހަރަކާތްތެރިވަމުންދާ ދީނީ ހަރުކަށި ޖަމާއަތްތަކުން ދަނީ ސަރުކާރާއި ދެކޮޅަށް އެކިއެކި ހަމަލާތައް ދެމުންނެވެ.

މިދިޔަ ހޯމަ ދުވަހު އަފްގާނިސްތާނު ސަރުކާރުގެ އިމާރާތަކަށް ޖާނުން ފިދާ ވެގެންނާއި ބަޑީގެ ހަމަލާތަކެއްގައި 43 މީހަކު ވަނީ މަރުވެފަ އެވެ.