ދުނިޔެ

ދަތިކުރުމުގެ ފިޔަވަޅުތައް އުވާނުލަނީސް ނިއުކްލިއާ ޕްރޮގްރާމް ހުއްޓޭކަށް ނެތް: ހާމަނާއީ

Jun 25, 2015

އިރާނާ ދެކޮޅަށް ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ވަގުތުން އުވައިނުލަނީސް އެ ގައުމުން ކުރިއަށް ގެންދާ ނިއުކްލިއާ ޕްރޮގްރާމް ހުއްޓައި ނުލާނެ ކަމަށް އެ ގައުމުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ ވިދާޅުވެއްޖެ އެވެ.

"[އެމެރިކާގެ] މަގްސަދަކީ އީރާންގެ ނިއުކްލިއާ ސިނާއަތް އެކީ އެކަށް ފުނޑުފުނޑުކޮށްލުން. އެއްބަސްވުމެއްގައި ހިމެނެންޖެހޭނީ ހަމައެކަނި އީރާނުން އަދާކުރަންޖެހޭ ޒިންމާތަކެއް ނޫން،" ހާމަނާއީ ވިދާޅުވި އެވެ.

އީރާނާއި ބޮޑެތި ބާރުތަކުން މިހާރު އެއްބަސްވެފައި ވަނީ ނިއުކްލިއާ މައްސަލަ ހައްލުކުރުމާ ބެހޭ ފަހުގެ އެއްބަސްވުން މި މަހުގެ 30ގެ ކުރިން އެކުލަވާލުމަށެވެ. އެހެން ނަމަވެސް، އީރާނުގެ ކަންކަމުގައި ފަހު ބަސް ވިދާޅުވާ ހާމަނާއީގެ މި ވާހަކަފުޅާ އެކު އެ ސުންގަނޑީގެ ކުރިން އެއްބަސްވުމަކަށް އާދެވިދާނެ ކަމާ މެދު ވަނީ ވަރަށް ބޮޑަށް ޝައްކު އުފެދިފަ އެވެ.