ލަންޑަން (ޑިސެމްބަރު 28) – އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުތަކުން އެއްވަނައިގައި އޮތް ޗެލްސީ އާއި ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ ވެސް ޕޮއިންޓަކާއެކު ފުއްދާލަން ޖެހިއްޖެ އެވެ.
ރަށުން ބޭރުގައި ސައުތުހެމްޓަންއާ ދެކޮޅަށް ޗެލްސީ ކުޅުނު މެޗު 1-1 އިން އެއްވަރުވިއިރު، އަމިއްލަ ދަނޑުގައި ބާންލީ އަތުން މެންޗެސްޓާ ސިޓީ އެއްވަރުވީ 2-2 އިންނެވެ. ބަންލީ މެޗުން އެއްވަރުކުރީ ސިޓީން ދެ ލަނޑުގެ ލީޑެއް ނަގައިފައި ވަނިކޮށެވެ.
މި ނަތީޖާތަކާއެކު، ޗެލްސީ ވަނީ ސިޓީގެ މައްޗަށް އޮތް ތިން ޕޮއިންޓްގެ ލީޑު ހިފަހައްޓައިފަ އެވެ. ޗެލްސީ 46 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައި އޮތްއިރު، ދެވަނައިގައި ސިޓީ އޮތީ 43 ޕޮއިންޓާއެކު އެވެ.
ތާވްލްގެ ތިން ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑް މިރޭ ކުޅުނު މެޗު ވެސް ނިމުނީ އެއްވަރުވެގެންނެވެ. ރަށުން ބޭރުގައި ޓޮޓެންހަމް ހޮޓްސްޕާ އާއި ޔުނައިޓެޑް ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެެވެ.
އެކަމަކު އާސެނަލް ވަނީ ރަށުން ބޭރުގައި ވެސްޓް ހޭމް އަތުން 2-1 އިން މޮޅުވެ، ތާވަލްގެ ފަސް ވަނަ އަށް ޖެހިލައިފަ އެވެ. އާސެނަލް އަށް މި މެޗުގައި ލަނޑު ޖަހައިދިނީ ޑެނީ ވެލްބެކް އާއި ސަންޓި ކަޒޯލާ އެވެ.
ސައުތުހެމްޓަންގެ ދަނޑުގައި ކުޅުނު މެޗުގައި 17 ވަނަ މިނިޓުގައި ޗެލްސީ ސިއްސުވާލުމަށް ފަހު، ސައުތުހެމްޓަން އިން ލީޑު ނެގީ ސަދިއޯ މާނޭ ޖެހި ލަނޑުންނެެވެ.
ޗެލްސީގެ ލީޑު އެއް ޕޮއިންޓަށް ކުޑަކުރުމަށް ސިޓީ އަށް ފުރުސަތު ލިބުނު ނަމަވެސް، ހައިރާންކުރެވުނު ގޮތަކަށް ސިޓީ ވަނީ ތިން ޕޮއިންޓް ގެއްލުވާލައިފަ އެވެ. ސިޓީގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ސިޓީން ދެ ލަނޑުގެ ލީޑެއް ނެގީ ސްޕެއިންގެ މިޑްފީލްޑަރު ޑަވިޑް ސިލްވާ އާއި ފެނާންޑީނިއޯ ޖެހި ލަނޑުތަކުންނެވެ.
އެހެން ނަމަވެސް މެޗުގެ ފޯރިގަދަވީ ދެވަނަ ހާފުގެ ކުރީކޮޅު ބާންލީގެ ކްރިސް ބޮއިޑް ލަނޑެއް ޖަހައި، ތަފާތު ކުޑަކުރުމުންނެވެ. އަދި މެޗުގެ 81 ވަނަ މިނިޓުގައި ބާންލީ އިން ނަތީޖާ އެއްވަރުކުރީ އޭޝްލީ ބާންސް ޖެހި ލަނޑުންނެވެ.
އިނގިރޭސި ލީގުގައި މިރޭ ކުޅުނު މެޗުތަކުގެ ނަތީޖާ: