ހޮލީވުޑް

ކިމް އާއި ކަންޔޭގެ ހަތަރުވަނަ ދަރި، މިއަހަރު

ކިމް ކާޑޭޝިއަން އާއި ކަންޔޭ ވެސްޓްގެ އާއިލާ އިތުރަށް ފުޅާކޮށް، ހަތަރުވަނަ ދަރިއެއް މިއަހަރު ލިބޭނެ ކަމަށް ރިޕޯޓުތައް ޔަގީން ކޮށްދީފި އެވެ.

ބޭރުގެ ރިޕޯޓުތައް ބުނާގޮތުގައި، ކިމް އާއި ކަންޔޭ މިފަހަރު ހޯދާ ދަރިއަކީވެސް ސަރޮގޭޓް މަންމަ އެއް މެދުވެރިކޮށް ހޯދާ ކުއްޖެއް ކަމަށެވެ. މިދިޔަ އަހަރުގެ ކުރީ ކޮޅު އެމީހުންގެ ތިންވަނަ ދަރި ޗިކާގޯ ވެސްޓުވެސް ހޯދީ މިގޮތަށެވެ. ސަރޮގޭޓް މަންމަ އެއް މެދުވެރިކޮށް ހޯދި ޗިކާގޯގެ އިތުރުން، ފަސް އަހަރުގެ ނޯތު އާއި ތިން އަހަރުގެ ސެއިންޓް އަކީ މި ޖޯޑުގެ އަމިއްލަ ދަރިންނެވެ.

"ކީޕިންގ އަޕް ވިތު ދަ ކާޑާޝިއަންސް" ރިއާލިޓީ ޝޯގެ އެންމެ މުހިއްމު އެއް ތަރި، އެ ޝޯގެ އެއް އެޕިސޯޑުގައި އެނާގެ ރައްޓެއްސަކާ ފޯނުން ވާހަކަ ދައްކަމުން، ކަންޔޭ ބޭނުންވަނީ ހަތް ކުދިން ކަމަށް ތަކުރާރުކޮށް ބުނި ކަމަށް ބެލުންތެރިން ބުނެ އެވެ. އަދި ކިމް އަށް ހަތަރު ކުދިންނަށް ވުރެ ގިނަ ވާނަމަ އުނދަގޫ ވާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

ކިމް އާއި ކަންޔޭ ސަރޮގޭޓް މަންމަ އެއް މެދުވެރިކޮށް ދަރިން ހޯދަނީ، ކިމް އެންމެ ފަހުން ބަނޑުބޮޑު ވުމުން، ދިމާވި މައްސަލަތަކަށް ބެލުމަށް ފަހު އެވެ. ޑޮކްޓަރުން ލަފާ ދިނީ އެނާގެ ސިއްހީ ހާލަތު ހުރި ގޮތުން އިތުރު ކުއްޖެއް ނުވިހުމަށެވެ. ސަރޮގަސީ މެދުވެރިކޮށް އެއްކުއްޖަކު ހޯދާފައިވާއިރު، މިފަހަރުވެސް އެ ޖޯޑުގެ ސަރޮގޭޓް މަންމަ ލޮރީނާ އަކީ ކުރީ އަހަރުގެވެސް މަންމަ ކަމަށް ރިޕޯޓުތައް ދަނީ ބުނަމުންނެވެ.

ކާޑޭޝިއަން އާއިލާ އަކީ ހޮލީވުޑްގެ ޕޮޕް ކަލްޗާގައި އެންމެ ކުރީގައި އުޅޭ އެންމެ މުއްސަނދި އާއިލާ އެވެ. އެމީހުންގެ މުޅި ދިރިއުޅުން ޓީވީ ޝޯ އެއްގެ ގޮތުގައި ބެލުންތެރިންނަށް ގެނެސްދެމުން އަންނަތާ މިހާރު 12 އަހަރު ވެދާނެ އެވެ.