އިންޑިއާގެ ގައުމީ އެވޯޑު ހާސިލްކޮށްފައިވާ ތަރި، އަނުޕަމް ކޭރް ލީޑް ރޯލްގައި ފެނިގެންދާ، ސިޔާސީ ފިލްމު "ދަ އެކްސިޑެންޓަލް ޕްރައިމް މިނިސްޓާ" ގެ ޓްރެއިލާ ރިލީޒް ކުރި ދުވަހުން ފަށައިގެން މި ފިލްމަށް އަންނަނީ ތަފާތު ފާޑު ކިޔުންތައް ރައްދު ވަމުންނެވެ.
އިންޑިއާގެ ކުރީގެ ބޮޑު ވަޒީރު މަންމޯހަން ސިންގްގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ ބަޔޯޕިކް ފިލްމު އިންޑިއާގެ ބައެއް ސަރަހައްދުތަކުގައި ދެއްކުން ވެސް ވަނީ މަނާ ކޮށްފަ އެވެ. މީގެ އިތުރުން، ފިލްމުގެ ސަބަބުން މަންމޯހަން ސިންގުގެ ސިޔާސީ ހަޔާތަށް ކިލަނބުކަން އަންނާނެ ކަމަށް ބުނެ، ބިހާރުގެ ލޯޔަރަކު ވަނީ އަނޫޕަމްގެ މައްޗަށް ދައުވާ ވެސް ކޮށްފަ އެވެ.
މަންމޯހަން ސިންގުގެ ހަޔާތް ދައްކުވައިދޭ "ދަ އެކްސިޑެންޓަލް ޕްރައިމް މިނިސްޓާ" ފިލްމަށް އެކި ގޮތްގޮތުން ފާޑު ކިޔަމުން ދާއިރު، މި ކަމާމެދު އަނުޕަމް ބުނަނީ، ފިލްމު ބަލަން ސިނަމާއަށް ވަންނަ މީހުންނަކީ ވޯޓު ލާން ވަންނަ މީހުން ނޫން ކަމަށެވެ. އެމީހުން ސިނަމާއަށް ދަނީ ފިލްމު ބަލަން ވަންނަ މީހުންގެ ގޮތުގައި ކަމަށެވެ. އަދި، ސިނަމާ އާއި ޕޮލިޓިކްސް އަކީ ވަކި ނުކުރެވޭނެ ދެ ކަމެއް ކަމަށް އަނޫޕަމް ވަނީ އިންޑިއާގެ ނޫސް އައިއޭއެންއެސް އަށް ދިން އިންޓަވިއުގައި ބުނެފަ އެވެ.
މި ފިލްމުގެ ޓްރެއިލާ ރިލީޒް ކުރުމަށްފަހު، އެ ޓްރެއިލާ ވަނީ ޔޫޓިއުބް އިން އެއްފަހަރު ޑިލީޓްވެސް ކޮށްފަ އެވެ. ޑިލީޓް ކުރި ވަކި ސަބަބެއް ނުބުނެ، އަނުޕަމް ވަނީ އޭނާގެ ޓްވީޓާ އެކައުންޓުގައި ފިލްމުގެ ޓްރެއިލާ އަލުން ހިއްސާ ކޮށްފަ އެވެ. ޓްރެއިލާއަށް ފަހު، މި ފިލްމުގެ އާ ޕޯސްޓަރެއް މިހާރު މިވަނީ ރިލީޒް ކޮށްފަ އެވެ. ޕޯސްޓަރުގައި އަނުޕަމް ހުއްޓިގެން ހުންނަނީ މަންމޯހަންއާ ހަމަ ދާދި އެއްގޮތަކަށެވެ. ހާއްސަކޮށް މަންމޯހަންގެ "ސިގްނޭޗާ" ނޫ ކުލައިގެ (ފަގުޑި/ ޓާބަން) އަޅައިގެން ހުންނަ މަންޒަރު ފެނެ އެވެ.
"ދަ އެކްސިޑެންޓަލް ޕްރައިމް މިނިސްޓާ" ފިލްމުގައި އަނުޕަމްގެ އިތުރުން، އަކްޝޭ ކަންނާ ވެސް ފެންނާނެ އެވެ. އަކްޝޭ މި ފިލްމުގައި ފެންނާނީ މަންމޯހަން ސިންގުގެ ޕާސަނަލް އެޑްވައިޒަރު، ސަންޖާޔާ ބަރޫ ގެ ގޮތުގަ އެވެ. މި ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ މި މަހުގެ 11 ވަނަ ދުވަހު އެވެ.