ބޮލީވުޑް

ފިލްމަށް އެއްބަސްވީ، ސްޓޯރީ ނުކިޔާ: ސަނާ

އާމިރް ޚާންގެ ފިލްމު "ދަންގަލް" އިން ބެލުންތެރިންގެ މަގުބޫލުކަން ހޯދި ތަރި ސަނާ ޝައިހް އަންނަނީ ބޮލީވުޑްގައި އޭނާގެ ނަން ފާޅު ކުރަމުންނެވެ. ދަންގަލް އަށް ފަހު، އާމިރްހާނާއާއެކު "ތަގްސް އޮފް ހިންދުސްތާން" ގައިވެސް ސަނާ ފެނިގެން ދިޔަ އެވެ. ސަނާގެ މޮޅު އެކްޓިންއަށް ޑައިރެކްޓަރުން ތައުރީފާއެކު ފިލްމުތަކުގެ ލީޑު ރޯލުތަކުން އަންނަނީ ފުރުސަތު ލިބެމުންނެވެ. ޑައިރެކްޓަރު އަނގް ބާސޫގެ ފިލްމަކަށް ސަނާ ވަނީ މިހާރު ވެސް އާނއެކޭ ބުނެފަ އެވެ.

ރާޖް ކުމާރު ރާއޯ އާއެކު ކުޅުމަށް ހަމަޖެހިފައިވާ މި ފިލްމަށް އެއްބަސް ވީ، އަނޫރާގް އާއެކު މަސައްކަތް ކުރަން ލިބުމަކީ ކޮންމެ އެކްޓަރެއްގެ ވެސް ހުވަފެނެއް ކަމަށް ބުނަމުންނެވެ. އިންޑިއާގެ ނޫހަކަށް، ސަނާ ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، އެންމެ ފުރަތަމަ އަނޫރާގް ފިލްމުގެ މަސައްކަތާއެކު އައުމުން، ފިލްމުގެ ސްޓޯރީ ނުވެސް ބަލާ ފިލްމަށް އާނއެކޭ ބުނީ ކަމަށެވެ. އަދި ފިލްމު އުފައްދާ ބައެއް މީހުންނަކީ މިހެން އިތުބާރު ކުރެވޭ މީހުން ކަމަށާއި ކޮންމެ ކޮންމެ މީހަކަށް އަނުރާގް އާއެކު މަސައްކަތް ކުރާނެ ފުރުސަތެއް ނުލިބޭނެ ކަމަށެވެ. އެވޯޑު ހާސިލްކޮށްފައިވާ "ބަރްފީ" ފަދަ ފިލްމުތައް އުފެއްދި އަނޫރާގް އަށް ސަނާ ވަނީ ތައުރީފު ކޮށްފަ އެވެ.

ސަނާ ޝައިޚް އަންނަނީ ބޮލީވުޑްގެ އޭ ލިސްޓުގެ ތަރިންނާއެކު ފިލްމުތަކުން ފެންނަމުންނެވެ. ހާއްސަކޮށް ސަނާ މި ދާއިރާއަށް ނެރެދިން އާމިރް ޚާން އާއެކު ޖެހިޖެހިގެން ދެ ފިލްމަކުން ފެނުމުން އޭނާ އާއި އާމިރް އުޅެނީ ލޯބީގެ ގޮތުން ގުޅިގެން ކަމަށްވެސް އަޑު ފެތުރުނެވެ. މި ޚަބަރުތައް ދޮގު ކޮށް ސަނާ ވަނީ ރައްދުވެސް ދީފަ އެވެ.

އަނޫރާގްގެ މި ފިލްމަށް ސަނާ ތައްޔާރުވެފައި ހުރި އިރު، އިންޑިއާގެ ބޯޕާލްގައި ފިލްމުގެ ޝޫޓިން، މި މަހު ފަށާނެ އެވެ.