ބޮލީވުޑް

"ޗީޓް އިންޑިއާ" ރިލީޒް ކުރުން އަވަސްކޮށްފި

މި މަހުގެ 25 ގައި ރިލީޒް ކުރަން ހަމަޖެހިފައިވާ ފިލްމު "ޗީޓް އިންޑިއާ"ގެ ރިލީޒްކުރާ ތާރީހު 18 އަށް އަވަސްކޮށްފި ކަމަށް މި ފިލްމުގެ ކާސްޓުންނާއި ފިލްމުގެ ކްރޫއިން ބުނެފި އެވެ.

އިމްރާން ހާޝްމީ ލީޑް ރޯލުން ފެނިގެންދާ މި ފިލްމު، ކުރީގެ ތާރީހަށްވުރެ އަވަސް ކުރީ ހަމަ އެ ތާރީހުގައި އެހެން ފިލްމެއްވެސް އެޅުވުމަށް ހަމަޖެހިފައިވާތީ ކަމަށް ފިލްމުގެ ޕްރޮޑިއުސަރު، ބުޝަން ކުމާރު އާއި އިމްރާން ހާޝްމީ ވަނީ ބުނެފަ އެވެ. މި ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ އިންޑިއާގެ ސިޔާސީ ފަރާތެއް ކަމަށްވާ ބަލް ތާކްރޭގެ ބަޔޯޕިކް ފިލްމު "ތާކްރޭ"ވެސް ރިލީޒް ކުރާ ތާރީހުގަ އެވެ.

"ޗީޓް އިންޑިއާ" ފިލްމުގެ ރިލީޒް ތާރީހު އަވަސް ކުރުމުގެ ގޮތުން، އިންޑިއާގެ މީޑިއާތަކާ ބައްދަލުކުރަމުން ފިލްމުގެ ޕްްރޮޑިއުސަރު ބުޝަން ކުމާރު ބުނެފައިވަނީ، ތާރީހު އަވަސް ކުރީ އެއް ދުވަހަކު ދެ ފިލްމު ނެރުމަށް ހަސަދަވެރިވެ އުނދަގޫ ވާތީ ނޫން ކަމަށެވެ. އަދި އެއީ ހަމަ އެކަނި ވިޔަފާރީގެ އުސޫލުން ވިސްނާފަ ކަމަށާއި، މިއީ "ޗީޓް އިންޑިއާ" ފިލްމުން ބާލް ތާކްރޭ އަށް އިހުތިރާމް ކުރުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ.

"ޗީޓް އިންޑިއާ" ނެރުމަށް ކުރިން ހަމަޖެހިފައިވާ ތާރީހުގައި ފިލްމު "ތާކްރޭ"ގެ އިތުރުން، ކަންގަނާ ރަނާއުޓު ލީޑު ރޯލުން ފެންނާނެ ފިލްމު "މަނީކަރްނިކާ"ވެސް ރިލީޒް ކުރާނެ އެވެ. އެހެންނަމަވެސް "މަނީކަރްނިކާ" ފިލްމު ނެރޭ ތާރީހަށް ނުވިސްނާ ކަމަށް "ޗީޓް އިންޑިއާ"ގެ ޓީމުން ބުނެ އެވެ.

"ޗީޓް އިންޑިއާ" ފިލްމުގައި އިމްރާން ފެންނާނީ ޝްރެޔާ ދަންވަންތްރީ އާއެކު އެވެ. މި ފިލްމު ނެރުމުގެ ތާރީހަށް ބޮލީވުޑް ފޭނުންގެ މެދުގައި ބަހުސް ކުރެވެމުން ދަނިކޮށް، މި ތާރީހަށް އަވަސް ކުރުމަކީ އެންމެ ރަނގަޅު ނިންމުން ކަމަށް ފިލްމުގެ ސަޕޯޓަރުން ބުނެ އެވެ.