ދުނިޔެ

އިންޑިއާގައި ފެންބޮޑުވެ އެތައް ހާސް ބަޔަކު ހާލުގައި ޖެހިއްޖެ

Jun 26, 2015

އިންޑިއާގެ އެކި ކަންކޮޅުތަކަށް ބޯކޮށް ވާރޭވެހި ބޮޑެތި ގެއްލުންތަކެއް ލިބި، އެތައް ހާސް ބަޔަކު ހާލުގައި ޖެހިއްޖެ އެވެ.

ހުޅަނގު މޫސުމުގެ ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ ގުޖުރާތު ސްޓޭޓަށެވެ. އެ ސޭޓުޓުން 70 އެއްހާ މީހުން މިހާތަނަށް މަރުވެފައި ވާއިރު، 10،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފަ އެވެ. އޭގެ ތެރޭގައި ހެލިކޮޕްޓަރުގެ އެހީގައި ގެންދަން ޖެހުނު ހާހެއްހާ މީހުން ހިމެނެ އެވެ. ގުޖުރާތު ސްޓޭޓުން ވެސް އެންމެ ބޮޑަށް އަސަރުކޮށްފައި ވަނީ އައްސޭރި ފަށުގެ އަަވަށެއް ކަމަށްވާ އަމްރެލީ އަށާއި ސައުރަޝްތުރާ އަވަށެވެ. އަމްރެލީގައި ހިމެނޭ 600 އަށް ވުރެ ގިނަ ކުދި ވިލެޖުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވާއިރު، މިއީ ސައުރަޝްތުރާ ސަރަހައްދުގައި މިދިޔަ 90 އަހަރުގެ ތެރޭގައި އެންމެ ބޮޑަށް ފެން ބޮޑުވި ފަހަރު ކަމަށް ބައެއް ރިޕޯޓުތައް ބުނެ އެވެ.

މީގެ އިތުރުން، ގުޖުރާތުގެ ޖުނާގަދު އަވަށުގައި އޮންނަ ގިރު ނަމަކަށް ކިޔާ ޖަންގަލީގައި ދިރިއުޅޭ ސިންގާތައް ވެސް ފެންބޮޑުވުމުގެ ސަބަބުން އެ އަވަށުގެ ތެރެއަށް ވަންނަމުންދާ ކަމަށް ވެ އެވެ. އެ ޖަންގަލީގައި ވަރަށް ބޮޑަށް ފެން ބޮޑުވެފައި ވާއިރު، އެއީ މުޅި ދުނިޔޭގައި ވެސް އޭޝިއެޓިކް ނަމަކަށް ކިޔާ ބާވަތުގެ ސިންގާ ދިރިއުޅޭ ހަމައެކަނި ޖަންގައްޔެވެ .ގުޖުރާތުގެ ހެލްތު މިނިސްޓަރު ނިޓިން ޕަޓޭލް ވިދާޅުވި ގޮތުގައި ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކޮށްފައި ވަނީ ދަނޑުވެރިންނަށެވެ.

"މީހުން ސަލާމަތްކުރުމާއި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމުގެ މަސައްކަތް މި ދަނީ ކުރަމުން،" އޭނާ، ބީބީސީ އަށް ވިދާޅުވި އެވެ. އިންޑިއާގެ ޑިފެންސް މިނިސްޓްރީން އިއްޔެ ބުނި ގޮތުގައި ގުޖުރާތުގައި ހާލުގައި ޖެހިފައިވާ މީހުންނަށް ވައިގެ މަގުން ކާއެއްޗެހި ފޮނުވުމަށް 23 ދަތުރު ހެލިކޮޕްޓަރުގައި މިހާތަނަށް ވަނީ ކޮށްފަ އެވެ.

ގުުޖުރާތުގެ އިތުރުން، ފެންބޮޑުވުމުގެ ނުރައްކާ އޮތް ކަމުގެ އިންޒާރު އިންޑިއާ އިން ބަލަހައްޓާ ކަޝްމީރު ސަރަހައްދުގައި ވެސް ވަނީ މިއަދު ދީފައެވެ. ބައެއް ރިޕޯޓުތައް ބުނާ ގޮތުން އެ ސްޓޭޓުގެ ޖީލަމް ކޯރުގެ ފެންގަނޑު ދަނީ އާދަޔާ ހިލާފަށް އުފުލެމުންނެވެ. އެ ސްޓޭޓުގައި ހަމަ މި ދުވަސްވަރު ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން 300 އަށް ވުރެ ގިނަ މީހުން މަރުވި އެވެ.

އިންޑިއާގެ އުތުރަށް ބަލާލާއިރު، ބޯކޮށް ވާރޭވެހުމުގެ ސަބަބުން އުއްތަރަކަންދުގެ ސަރުކާރުން ވަނީ އެ ސްޓޭޓުގައި ހުރި ހިންދޫންގެ މުގައްދަސް ތަންތަނަށް ޒިޔާރަތްކުރުން ވަގުތީ ގޮތުން މިއަދު މަނާކޮށްފަ އެވެ.

އިންޑިއާ އަށް ހުޅަނގު މޫސުމުގެ ވިއްސާރައާ ކޮންމެ އަހަރެއްގެ ވެސް ޖޫން މަހުން ސެޕްޓަރުމަހުގެ ނިޔަލަށް ކުރިމަތިލާންޖެހެ އެވެ.