ދުނިޔެ

ބަޣާވާތް ނާކާމިޔާބު ކޮށްލެވިއްޖެކަމަށް ގެބޯންގެ ސަރުކާރުން ބުނެފި

Jan 7, 2019

ލިބްރެވިލް (ޖެނުއަރީ 7) - ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ގެބޯންގެ ސިފައިން ގެންނަން އުޅުނު ބަޣާވާތް ނާކާމިޔާބުކޮށްލައި، ސިޔާސީ މަސްރަހު މިހާރު ކޮންޓްރޯލް ކުރެވިފައިވާކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފި އެވެ.

ސިފައިން ބުނެފައި ވަނީ އެ މީހުން ބަޣާވާތެއް ގެންނަން ޖެހުނީ ގައުމަށް ޑިމޮކްރެސީ ގެންނަން ކަމަށެވެ. ސިފައިން ވަނީ ގައުމީ ޓީވީ ސްޓޭޝަނުގެ ކޮންޓްރޯލް ހޯދުމަށް ފަހު ވެރިކަން ހިންގުމަށް "ނޭޝަނަލް ރެސްޓޮރޭޝަން ކައުންސިލެއް" އުފައްދާފައިވާ ކަމަށް ބުނެފަ އެވެ.

ނަމަވެސް، އެކަން ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވި ހަތަރު ސިފައިންގެ މީހަކު ހައްޔަރުކޮށްފައިވާކަމަށް، ސަރުކާރުގެ ތަރުޖަމާނު މީޑިއާތަކަށް ވަނީ ވިދާޅުވެފަ އެވެ.

ތެލުގެ މުއްސަނދިކަން ލިބިފައިވާ ގެބޯންގައި އާއިލީ ވެރިކަމެއް ކުރަމުން އަންނަތާ މިހާރު ވަނީ ގާތްގަނޑަކަށް ބައި ގަރުނުވެފަ އެވެ. އުމަރު ބޮންގޯގެ ބަދަލުގައި އޭނާގެ ދަރިކަލުން، އަލީ ބޮންގޯ އަށް ވެރިކަން ލިބިވަޑައިގެންނެވީ 2009 ވަނަ އަހަރު އެވެ. އޭނާ ވަނީ 2016 ވަނަ އަހަރު ވެސް އިންތިހާބު ކާމިޔާބު ކުރައްވައިފަ އެވެ. ނަމަވެސް ފަރުވާ އަށް އަލީ ބޮންގޯ ގައުމުން ބޭރުގައި އުޅުއްވާތާ މިހާރު ދެމަހެއްހާ ދުވަސްވެއްޖެ އެވެ.

އޮކްޓޯބަރު މަހު ސްޓްރޯކެއް ޖެހުމުން ފަރުވާ އަށް ވަނީ މޮރޮކޯ އަށް ވަޑައިގެންފަ އެވެ.