ބޮލީވުޑް

ކޫލީ ނަންބަރު ވަން އަލުން ހަދަނީ

ބޮލީވުޑްގެ ހެއްވާ މަޖާ ފިލްމުތަކުގެ ރަސްކަން ކުރަމުންދިޔަ ގޯވިންދާގެ މަޝްހޫރު ފިލްމު "ކޫލީ ނަންބަރު ވަން" ގެ ރީމޭކް އެއް އުފައްދާނެ ކަމަށް އިންޑިއާގެ ރިޕޯޓުތަކުން ބުނަން ފަށައިފި އެވެ.

ޑޭވިޑް ދަވަން އޭނާގެ ދެ ދަރިން، އެކްޓަރު ވަރުން ދަވަން އަދި ޑައިރެކްޓަރު ރޯހިތް ދަވަން އާއެކު އަމިއްލަ ޕްރޮޑަކްޝަން އެއްގެ ގޮތުގައި ހެއްވާ މަޖާ ފިލްމު "ކޫލީ ނަންބަރު ވަން" ހަދާނެކަން ވަނީ ޔަގީން ކޮށްދީފަ އެވެ. ތިން ބެއިން އެކުގައި އެންމެ ފުރަތަމަ ހަދަން އުޅުނީ "ބީވީ ނަމްބަރު ވަން"ގެ ރީމޭކް އެކެވެ. އެހެންނަމަވެސް އެތައް މަޝްވަރާތަކަކަށްފަހު އެންމެ ފަހުން ނިންމީ ގޯވިންދާއާއި ކަރިޝްމާގެ ފިލްމު ކޫލީ ނަމްބަރު ވަން އަލުން ހަދާށެވެ.

ރީ މޭކްގައި ގޯވިންދާގެ ރޯލުން ފެންނާނީ "ސްޓޫޑަންޓް އޮފް ދަ އިޔާ" އިން ބެލުންތެރިންގެ މަގުބޫލުކަން ހޯދި ވަރުން ދަވަން އެވެ. އޭނާ އާއެކު، ލީޑު ރޯލުން ކަރިޝްމާގެ ގޮތުގައި ފެންނާނީ ކޮން ބަތަލާއެއް ކަމެއް އަދި ޔަގީން ކޮށްދީފަ އެއް ނުވެ އެވެ. ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި ބަތަލާގެ ރޯލުން ފެންނާނީ އާލިއާ ބަޓް އެވެ. "ކޫލީ ނަންބަރު ވަން" ޓީމުން މިކަން އަދި ސާފުކޮށްދީފަ އެއް ނުވެ އެވެ.

"ކޫލީ ނަންބަރު ވަން" އަކީ ގޯވިންދާގެ ފިލްމީ ހަޔާތުގައި އެންމެ މަގުބޫލު އެއް ފިލްމެވެ. މި ފިލްމުގެ ރީމޭކް ހަދަނާނީ ކުރީގެ ފިލްމު ޕްރޮޑިއުސްކުރި ވަޝޫ ބަގްނާނީ އާއި، ދަވަން ޕްރޮޑަކްޝަންސް ގުޅިގެންނެވެ. ފިލްމުގެ ޝޫޓިން މިއަހަރު ފަށާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.