އާމިރް ޚާންގެ ފިލްމު "ދަންގަލް" އިން ބެލުންތެރިންނަށް ހުނަރު ދައްކާލި ފާތިމާ ސަނާ ޝައިޚް ބޮލީވުޑްގައި ފައި އަޅަމުންވެސް ބުނީ، އެންމެ ބޭނުންވަނީ ދާއިރާގެ ކިންގް، ޝާހްރުކް ޚާނާއެކު ފިލްމެއް ކުޅެން ކަމަށެވެ. އޭނާގެ އެ ހުވަފެން ހަގީގަތަކަށް ހަދައިދީ ޝާހުގެ ކުރިއަށް އޮތް ފިލްމު "ސާރޭ ޖަހާން ސެ އައްޗާ"ގައި ބަތަލާގެ މަގާމު ސަނާ އަށް ދީފި ކަމަށް ރިޕޯޓުތައް ބުނަމުންދެ އެވެ.
މީގެ ކުރިން އާމިރް ޚާނާއެކު ދެ ފިލްމެއްގައި ފާތިމާ ސަނާ ޝެއިޚް ވަނީ މަސައްކަތްކޮށްފަ އެވެ. އެއީ ދަންގާލް އަދި ތަގްސް އޮފް ހިންދުސްތާނެވެ. އަދި މި ފިލްމުތަކާ ގުޅިގެން ދިން އިންޓަވިއުއެއްގައި، އޭނަ ދެން އެންމެ ބޭނުންވަނީ ޝާހު އާއެކު ފިލްމެއް ކުޅުމަށް ކަމަށް ވެސް ބުންޏެވެ.
"ސާރޭ ޖަހާން ސެ އައްޗާ" އަކީ އިންޑިއާއިން ޖައްވަށް ދިޔަ ފުރަތަމަ މީހާ، ޕަޓިއާލާއަށް އުފަން އިންޑިއަން އެއާ ފޯސް އޮފިސަރު އަދި އެސްޓްރޮނޯޓް، ރާކޭޝް ޝަރްމާގެ ހަޔާތުގެ މައްޗަށް ހަދާ ބަޔޯޕިކް ފިލްމެކެވެ. ރިޕޯޓުތައް ބުނާ ގޮތުގައި، ފިލްމުގައި ދައްކުވައިދޭ ރާކޭޝް ޝަރްމާގެ ޖައްވީ ދަތުރު ނިންމާލައި އެންބުރި އައުމުން އިންޑިއާ ފެނުނީ ކޮން ގޮތަކަށްތޯ އޭރުގެ ބޮޑުވަޒީރު އިންދިރާ ގާންދީ ސުވާލު ކުރެއްވި އެވެ. އަދި ޖަވާބުގައި ރާކޭޝް ޝަރްމާ ބުނެފައިވަނީ "ސާރޭ ޖަހާސެ އައްޗާ" އޭއެވެ. މާނަ އަކީ މުޅި ދުނިޔެއަށްވުރެ ވެސް ރީތި ކަމަށެވެ.
މި ފިލްމުގެ ނަމާމެދު މީގެ ކުރިންވަނީ ދެބަސްވުންތަކެއް ކުރިމަތި ވެފަ އެވެ. އެންމެ ފުރަތަމަ މި ފިލްމަށް ކިޔަން އުޅުނީ "ސެލިއުޓް" އެވެ. އޭގެ ފަހުން "ސާރޭ ޖަހާން ސެ އައްޗާ" އަށް ވަނީ ނަން ބަދަލުކޮށްފަ އެވެ. ނަމަވެސް، ކުރީގެ ނަމަށް ބަދަލުވުން އެކަށީގެންވާ ކަމަށް ބައެއް ރިޕޯޓުތައް ބުނެ އެވެ. ފިލްމުގެ ނަމާމެދު ފިލްމުގެ ޓީމުން އަދި އެއްޗެއް ނުބުނެ އެވެ.
މީގެ ކުރިން ސަނާގެ އުމުރުން ނުވަ އަހަރުގައި ޝާހުރުކް އަދި ޖޫހީގެ ފިލްމް "ވަން ޓޫ ކާ ފޯ" ގައި އޭނާގެ ކުޑަ ރޯލެއް ފެނުނެވެ.