ދުނިޔެ

މިސްކިތްތަކުގެ އަޑު މަޑުކުރަން އިންޑޮނީޝިއާގައި އަންގަނީ

Jun 27, 2015

މިސްކިތްތަކުގެ އަޑުގަދަކުރާގެ އަޑު މަޑުކުރަން އެންގުމަށް އިންޑޮނީޝިނިއާ އިން ނިންމައިފި އެވެ.

އިންޑޮނީޝިނިއާގެ މިސްކިތްތަކާ ބެހޭ ކައުންސިލްގެ ވެރިޔާ ހުސައިން އަބްދުﷲ އިއްޔެ ބީބީސީ އަށް ވިދާޅުވި ގޮތުގައި މިސްކިތް ހުންނަ ސަރަހައްދަށް އެކަނި އަޑު އިވޭ ގޮތަށް ބަންގި އާއި އެ ނޫން ވެސް ޒިކުރުތައް ފޮނުވަން މިސްކިތްތަކަށް އަންގާނެ އެވެ.

"އެކަން ކުރެވޭނެ ވަކި ގަޑިތަކާއި ކުރެވޭނެ ދިގު މިނަށް ވެސް އެއްބަސްވާންޖެހޭނެ. މިސާލަކަށް، ފަސް މިނިޓާއި ހަތް މިނިޓަށް ދެމިގެންދާ ފަތިސް ނަމާދުގެ ބަންގި ގޮވުމުގެ ކުރިން، ފަތިހު ހަތަރަކުން ފެށިގެން އަޑުގަދަކޮށް ޒިކުރެއް ނުފޮނުވޭނެ،" އޭނާ ވިދާޅުވި އެވެ.

އަބްދުﷲ ވިދާޅުވި ގޮތުގައި އެ ގޮތަށް ނިންމީ މިސްކިތްތަކުގެ އަޑުގަދަކުރާގެ އަޑު ގަދަވެގެން ބަޔަކު ކުރި ޝަކުވާތަކެއް ބަލަން އެކުލަވާލި ކޮމިޓީ އަކުން، 10 ސިޓީއެއްގެ މިސްކިތްތައް ތަހުގީގުކުރުމަށް ފަހު އެވެ. އެ ކޮމިޓީ އަށް ފެނުނީ، އޭނާ ވިދާޅުވި ގޮތުގައި، ބައެއް މިސްކިތްތަކުގެ އަޑުގަދަކުރާގެ އަޑު މާ ގަދަކަމާއި އެކި މިސްކިތްތަކުން އެކި ވަގުތުތަކުގައި ބަންގި ގޮވުމުގެ އިތުރަށް، ނަމާދު ގަޑީގައި ނޫނަސް ދަރުހާއި ޒިކުރުތައް ބާއްވާ މައްސަލަ އެވެ.

"އަޑުގަދަ ވުމުގެ ސަބަބުން މުސްލިމުން ވެސް ތިބެންޖެހެނީ އޮޅުން ބޮޅުންގަނޑެއްގެ ތެރޭގައި. ހުރިހާ އަޑެއް އެއްވެ، އެއްވެސް ތަނަކުން ކިޔާ އެއްޗެއް ސާފުވާ ވަރެއް ނުވޭ،" އަބްދުﷲ ވިދާޅުވި އެވެ.

"މިއީ ނަމާދަށް ހުރަސްއަޅަން ކުރި ކަމެއް ނޫން. އަހަރުމެން ބޭނުން ވަނީ މީހުންނަށް މިހާރަަށް ވުރެ ރަނގަޅަށް ނަމާދު ކުރެވޭނެ ގޮތް ހަދަން، މިސްކިތްތަކުގެ އަޑުގަދަކުރާގެ އަޑު ހިތްގައިމު އަޑަކަށް ހަދަން."

އޭއެފްޕީ ނޫސް އެޖެންސީ ބުނި ގޮތުގައި މިސްކިތްތަކުގެ އަޑު ގަދަ މައްސަލަ ބަލަން ކޮމިޓީއެއް ހެދުމުގެ ކުރިން ވެސް، އިންޑޮނީޝިއާ ސަރުކާރުން ވަނީ ޓެކްނީޝަނުން ފޮނުވައިގެން މިސްކިތްތަކުގެ އަޑުގަދަކުރާގެ އަޑު ހަމައަކަށް އެޅުވުމުގެ މަސައްކަތް ކޮށްފަ އެވެ. އެ މަސައްކަތުގެ ދަށުން، ޓެކްނީޝަނުންގެ 100 ވަރަކަށް ގްރޫޕް ފޮނުވި ކަމަށް އެ އެޖެންސީން ބުންޏެވެ.

ދުނިޔޭގެ އެންމެ ބޮޑު މުސްލިމް އާބާދީ އޮތް އިންޑޮނީޝިއާގައި ގާތްގަނޑަކަށް 800،000 މިސްކިތް ހުރެ އެވެ.

މިއީ ރޯދަމަސް ކަމުން މިސްކިތްތަކުގައި ހިންގާ ދީނީ ހަރަކާތްތަކާއި ކުރާ ނަމާދުތަކުގެ އަދަދު ވަަނީ އިންޑޮނީޝިއާގައި ވެސް އިތުރުވެފަ އެވެ.