ދުނިޔެ

ޖަރުމަނުގެ ވެރިންގެ ޑޭޓާތައް ލީކްކުރީ 20 އަހަރުގެ ޒުވާނެއް

Jan 9, 2019

ބާލިން (ޖެނުއަރީ 8) - ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކަލްގެ އިތުރުން އެ ގައުމުގެ ސިޔާސީ ލީޑަރުންނާއި މަޝްހޫރު ތަރިންގެ ޒާތީ މައުލޫމާތު ލީކުކޮށްލި މައްސަލާގައި، 20 އަހަރު ޒުވާނެއް އެކަމަށް އިއުތިރާފުވެފައިވާކަމަށް އެގައުމުގެ ފުލުހުން ބުނެފި އެވެ.

އިންޓަނެޓުގައި ޝާއިއުކޮށްފައިވާ މައުލޫމާތުތަކުގެ ތެރޭގައި، އެތަކެއް ސިޔާސީ ބޭފުޅުންނާއި، މަޝްހޫރު ނޫސްވެރިންނާއި މަޝްހޫރު މީހުންގެ އަމިއްލަ ޗެޓު ލޮގުތަކާއި، މާލީ މައުލޫމާތުތަކާއި، ކޮންޓެކްޓު ލިސްޓު ހިމެނެ އެވެ.

ފުލުހުން ބުނިގޮތުގައި، އެ 20 އަހަރު ފިރިހެން ކުއްޖާ އަކީ އަދިވެސް ކިޔަވަމުންދާ ދަރިވަރެއްކަމަށާއި އޭނާ ދިރިއުޅެނީވެސް މައިންބަފައިންނާއެކުގައި ކަމަށެވެ.

ޑޭޓާތައް ލީކުކޮށްލީ ޖަރުމަނުގެ ނުފޫޒުގަދަ މީހުން ދައްކަމުންދާ ވާހަކަތަކާއިހެދު ރުޅިގަދަވެގެން ކަމަށާއި، އެ އަމަލުގައި އިތުރު މީހެއްގެ ބައިވެރިވުމެއްނެތް ކަމަށް އޭނާ ވަނީ ފުލުހުންނަށް އިއުތިރާފުވެފަ އެވެ.

ގާތްގަނޑަކަށް 1،000 އެއްހާ މަޝްހޫރު މީހުންގެ މައުލޫމާތު އޭނާ އެއްކޮށްފައިވަނީ އެތަކެއް ދުވަހުގެ މަތިން ކަމަށާއި، އެ ދައިރާގެ އެއްވެސް ތައުލީމެއް ނެތް އެ ޒުވާނާ ހެކު ކުރަން ދަސްކޮށްފައިވަނީ އިންޓަނެޓުންކަމުގައި ވެސް ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފަ އެވެ.