ހޮލީވުޑް

މާގޯ ރޮބީ އާއެކު "ބާބީ" ފިލްމު އުފައްދަނީ

ކުޑަކުދިންގެ މެދުގައި، ހާއްސަކޮށް އަންހެން ކުދިންނަށް އަބަދުވެސް އެންމެ މަގުބޫލު އެއް ކާޓޫން އަދި "ޓޯއި" ބާބީގެ ލައިވް އެެކްޝަން ފިލްމެއް ހަދަން ނިންމައިފި އެވެ. މި ފިލްމުގައި ބާބީގެ ރޯލުން ފެންނާނީ "ސޫސައިޑް ސްކޮޑް"، "ޓޮންޔާ"، "އައި"، އަދި "މެރީ ކުއީން އޮފް ސްކޮއްޓްސް" އިން މަގުބޫލުކަން ހޯދި، މާގޯ ރޮބީ އެވެ.

"ބާބީ" ފިލްމު އުފައްދަނީ، ކުޅޭއެއްޗެހި އުފެއްދުމަށް މަޝްހޫރު ކުންފުނި މެޓަލް އާއި ވާނާ ބްރަދާސް ގުޅިގެންނެވެ. ބާބީގެ ރޯލުން ފެންނަ މާގޯ، މި ފިލްމުގެ ކޯ-ޕްރޮޑިއުސާއެއްގެ ގޮތުގައި ވެސް ބައިވެރިވާނެ އެވެ. ވާނާ ބްރަދާސްގެ ޕްރޮޑިއުސަރު ޓޮބީ އެމެރިޗް ބުނަނީ، މި ފިލްމު ބެލުންތެރިންނާ ހަމައަށް ގެނެސްދޭ އަސްލު ފަރާތަކީ މާގޯ ކަމަށެވެ. އަދި ފިލްމު ނެރޭނީ ތަފާތުކޮށް، މިހާރުގެ މުޖުތަމައު އާ ގުޅޭ ގޮތަށް ކަމަށްވެސް ޕްރޮޑިއުސަރު ބުންނެވެ.

މާގޯގެ ކުރިން މި ފިލްމުގައި "ބާބީ"ގެ ރޯލު ކުޅޭނީ އެހެން ދެފަރާތެއް ކަމަށް އަޑު ފެތުރުނެވެ. އެގޮތުން، ކޮމީޑިއަން އެމީ ޝުމާ އަށް މި ފިލްމު ކުޅުމަށް ހަވާލު ކުރެވުނެވެ. މިދިޔަ އަހަރު އެމީ ވަނީި މި ފިލްމުގައި ބައިވެރި ނުވާނެ ކަން ބުނެފަ އެވެ. އެމީގެ އިތުރުން، ހޮލީވުޑްގެ މަޝްހޫރުތަރި އޭން ހެތުއަވޭ އަށްވެސް "ބާބީ"ގެ ރޯލު ހަވާލު ކުރެވުނު ކަމަށް އަޑު ފެތުރުނެވެ.

މި ފިލްމު ރިލީޒް ކުރާނެ ތާރީހަކާއި، ފުރިހަމަ ކާސްޓު އަދި، ފިލްމަށް ކިޔާނެ ނަމެއްވެސް ޕްރޮޑިއުސަރުން ރަސްމީކޮށް އަދި އިއުލާން ނުކުރެ އެވެ.

"ބާބީ" ފިލްމު ހެދުމަށް ތައްޔާރުވަމުން ދާއިރު، މި ފިލްމު މި ހަދަަނީ އަސްލު ބާބީ ޑޯލް ނެރުނުތާ 60 އަހަރު ފަހުންނެވެ. އެންމެ ފުރަތަމަ "ބާބީ" އެއް ވިއްކީ ނިއުޔޯކްގައި އޮތް ކުޅޭއެއްޗިހި ވިއްކާ ފެއާ އެއްގަ 1959ގަ އެވެ. ކުޑަކުދިންގެ މެދުގައި، "ބާބީ" މަގުބޫލުވެ، ކާޓޫނުތަކާއި ލަވަތައްވެސް ވަނީ މީގެ ކުރިން ހަދާފަ އެވެ.