ކެމެރޫންގައި ބާއްވަން ހަމަޖެހިފައި އޮތް މިއަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަން، މިސްރުގައި ބާއްވާގޮތަށް އެފްރިކާ ބައްރުގެ ފުޓްބޯލް ކޮންފެޑްރޭޝަނުން ނިންމައިފި އެވެ. އަދި އެފްރިކާ ބައްރުގެ މޮޅު ކުޅުންތެރިޔާއަށް އަކަށް އަނެއްކާވެސް ލިވަޕޫލްގެ ފޯވަޑް މިސްރުގެ މުހައްމަދު ސަލާހް ވަނީ ހޮވާފަ އެވެ.
އެފްރިކާގެ ފުޓްބޯޅައާ ގުޅޭ، އެ ދެ ނިންމުންވެސް އިއުލާން ކޮށްފައި ވަނީ، ސެނެގާލްގެ ވެރިރަށް ޑަކަރުގައި އިއްޔަ ބޭއްވި އެފްރީކާ ފުޓުބޯލް ކޮންފެޑްރޭޝަން (ކޭފް) ގެ ބައްދަލުވުމުގަ އެވެ. އެފްރިކަން ކަޕް މިސްރުގައި ބާއްވާ ގޮތަށް ކޭފް ގެ ހިންގާކޮމިޓީން ނިންމާފައި ވަނީ އިއްޔަ ހެދުނުގެ ވަގުތެއްގަ އެވެ.
އިއްޔަގެ ހަވީރުގެ ވަގުތުގައި، އެފްރިކާ ބައްރުގެ ގައުމީ ޓީމުތކުގެ ކޯޗުން ވަނީ، އެފްރިކާ ބައްރުގެ މޮޅު ކުޅުންތެރިޔާ ހޮވުމަށް ވޯޓް ދިފަ އެވެ. އެވޯޑްގައި ސަލާހްއާ ވާދަ ކުރީ އޭނާއާ އެކު ލިވަޕޫލަށް ކުޅެމުންގެންދާ ސެނެގާލްގެ ފޯވަޑް ސެޑިއޯ މާނޭ އެވެ.
އަމިއްލަ ގައުމުގެ ސަޕޯޓަރުންގެ ކުރިމަތީގައި، ކުޅެން ލިބުމަކީ އަނެއްކާވެސް ސަލާހްގެ ވިދާލަން ލިބޭނެ ބޮޑު ފުރުސަތެކެވެ. އެހެންނެނަމަވެސް މިސްރަށް އޮތް ގޮންޖެހުން ބޮޑެވެ. ޖޫން އިން ފެށިގެން ޖުލައި މަހަށް ކުރިއަށް ގެންދާ، މުބާރާތުގެ އިންތިޒާމުތައް ހަމަޖެއްސުމަށް މިސްރަށް އޮތީ ފަސް މަހެވެ. އަދި މިފަހަރުގެ މުބާރާތުގައި ވާދަ ކުރާ ޓީމުތަކުގެ އަދަދު 16 އިން 24 އަށް އިތުރު ކުރުމަށް ވަނީ ނިންމާފަ އެވެ.
މިފަަހަރަކީ، އެފްރިކަން ކަޕް މިސްރުގައި ބާއްވާ ފަސް ވަނަ ފަހަރެވެ. މުބާރާތް ބާއްވަން ދެން ބިޑް ކުރީ 2010 ވަނަ އަހަރު ވޯލްޑް ކަޕު ބޭއްވި ދެކުނު އެފްރިކާ އެވެ. އެހެންނަމަވެސް ކޭފްގެ އެގްޒެކެޓިވް ކޮމިޓީގައި ހިމެނޭ 16 މެންބަރުންވެސް ވޯޓް ދީފައި ވަނީ މިސްރުގައި މުބާރަތް ބޭއްވުމަށެވެ.
ދެކުނު އެފްރިކާއިން މުބާރާތް ބާއްވަން ބިޑު ކޮށްފައި ވީނަމަވެސް، އެގައުމުގެ ސަރުކާރުން އެކަމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ޔަގީންކަން ނެތުމުން ކޭފްގެ ހިންގާ ކޮމިޓީގެ މެންބަރުން ނިންމީ މިސްރަށް ފުރުސަތު ދޭށެވެ. އެއީ ލޮޖިސްޓިކާއި ދަތުރަށް ފަތުރަށް ބަލާއިރު މިސްރު ފަސޭހަ ވާނެތީ އެވެ.
ކެމެރޫންގައި ބާއްވަން ހަމަޖެހިފައި އޮތް މުބާރާތް، އެގައުމުގެ އަތުން މިދިޔަ ނޮވެމްބަރު މަހު ނެގީ އެ ގައުމުގެ އެތެރޭގައި ސިޔާސީ އަދި ދާހީލީ ހަމަނުޖެހުމާ ހެދި މުބާރާތް ބޭއްވޭނެ މާހައުލެއް ނެތުމުންނެވެ. މިއީ އެފްރިކާގެ ކަޕު އޮފް ނޭޝަން މުބާރާތް ބާއްވަން ހަމަޖެހިފައިވާ ގައުމުގައި ނުބޭއްވި ގައުމު ބަދަލު ކުރި ޖެހިޖެހިގެން ހަތަރު ވަނަ ފަހަރެވެ.
މިސްރުގައިވެސް ސިޔާސީ ކަންތައްތައް ހަމަޔަކަށް އެޅުނީ ދާދި ފަހުންނެވެ. ދެހާސް އެގާރަ ވަނަ އަހަރު ހުސްނީ މުބާރަކުގެ ވެރިކަން ނިމުމަކަށް ގެނައި ފަހުން އެގައުމުގައި ސިޔާސީ ހަމަނުޖެހުންތައް އިތުރުވި އެވެ. މަގުމަތީގައި ބޭއްވި ސިޔާސީ ހަތަކާތްތަކުގައި 100 ގާތްކުރާ އަދަދަކަށް މީހުން މަރުވި އެވެ.
އެފްރިކަން ކަޕުގެ އެންމެ ކާމިޔާބު ޓީމަކީވެސް މިސްރެވެ. އެ ގައުމުން ވަނީ އެ މުބާރާތް ހަތް ފަހަރު ކާމިޔާބު ކޮށްފަ އެވެ.