ކުޅިވަރު

ސަލާހްގެ ލަނޑުން މިސްރު ގަދަ 16 އަށް

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ ކޮޅަށް ލިވަޕޫލްގެ ފޯވަޑް މުހައްމަދު ސަލާހް ލަނޑު ކާމިޔާބު ކޮށް، މިހާރު ކުރިއަށް ދާ އެފްރިކަން ކަޕް އޮފް ނޭޝަންގެ ދެ ވަނަ ބުރަށް، މުބާރާތް ބާއްވާ ގައުމު މިސްރު ދަތުރު ކޮށްފި އެވެ.

މިސްރުން މެޗު ކާމިޔާބު ކުރީ، 2-0 ންނެވެ. ކޮންގޯ ކޮޅަށް ސަލާހް ޖެހި ލަނޑަކީ، މިފަހަރުގެ މުބާރާތުގައި އޭނާ ކާމިޔާބު ކުރި ފުރަތަމަ ލަނޑެވެ. މިސްރުގެ ފުރަތަމަ ލަނޑު 25 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އަހްމަދު އަލް މުހައްމަދީ އެވެ. މެޗުގެ 25 ވަނަ މިނެޓްގައި އޭނާ ލަނޑު ކާމިޔާބު ކުރީ ސަލާހް ނަގައިދިން ހުރަހަކުން ތަނަވަސްވި ބޯޅައިންނެވެ.

މިސްރުގެ ދެ ވަނަ ލަނޑު، ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ސަލާހް ކާމިޔާބު ކުރީ މަހްމޫދު އިބްރާހިމް ހަސަން ޓްރެޒްގޭޓް ތަނަވަސް ކޮށްދިން ބޯޅައިންނެވެ. އޭރިއާ ތެރެއަށް ވަދެ ސަލާހް ބޯޅަ ފޮނުވާލީ ކޮންގޯގެ ޑިފެންޑަރުންނަށްވެސް ފުރުސަތު ނުދީ އެވެ. އޭގެ ކުރިންވެސް ސަލާހް އަށް ވަނީ ލަނޑު ޖަހާނެ އެހެން ފުރުސަތެއް ވެސް ލިބިފަ އެވެ.

މިސްރަށް ލިބުނު ހިލޭ ޖެހުމެއްގައި ކޮންގޯގެ އޭރިއާ ބޭރުން ސަލާހް ފޮނުވާލި ހިލޭ ޖެހުން، ކޮންގޯގެ ކީޕަރު ލޭ މަމްޓްޕީ ދިފާއު ކުރީ ގޯލް ލައިން މަތިންނެވެ.

އެފްރިކަން ކަޕް އޮފް ނޭޝަންގެ ޗެމްޕިއަންކަން ހަތް ފަހަރު ހޯދާފައިވާ މިސްރަށް ދެން އޮތީ ގުރޫޕްގެ ދެ ވަނައިގައި އޮތް ޔޫގެންޑާ އާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗުން ގުރޫޕްގެ އެއް ވަނައަށް ދާ ޓީމު ފައިނަލު ވެގެންދާނެ އެވެ.

މިސްރުގެ ކުރިން، ގަދަ 16 ޖާގަ ހޯދީ، ނައިޖީރިއާ އެވެ. އިއްޔަ ގިނީއާ ދެކޮޅަށް ކުޅުނު މެޗު ނައިޖީރިއާ ކާމިޔާބު ކުރީ 1-0 ންނެވެ.