ރިޕޯޓް

އަސްލު ހަކުޅި ކުރިއަށް ކުޅުއްވަނީ ކޮން ލީޑަރެއް؟

ގަދަ ކަނޑެއްގައި އޮތް ސިޔާސީ މައިދާނުގެ ރާޅުތައް މައިތިރިވެ، އަމާންވާން ފަށައިފި އެވެ. ގަދަ ބަސް ބުނެ، ހަރުކަށިކަމުގައި އޮތް ސަރުކާރާއި އިދިކޮޅު ފަރާތްތައް ވެސް އެއްބަޔަކު އަނެއް ބަޔަކަށް ދޫދޭން ފަށައިފި އެވެ. މުޅި ސިޔާސީ ގޭމް އެފުށް މިފުށަށް ބަދަލުވީ މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގަ އެވެ. މިވީ ކިހިނެތް ހެއްޔެވެ؟ 

އެއްބަޔަކު ބުނަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމަށް، އެމްޑީޕީ އާ ސަރުކާރުން "ޑީލެއް" ހެދީ އެވެ. އަނެއް ބަޔަކު ބުނަނީ ބޭރުގެ ޕްރެޝަރުގައި ސަރުކާރު ފިތި ދޫދޭން ޖެހުނީ އެވެ. ކޮންމެ ގޮތެއް ވިޔަސް ސަރުކާރާއި އިދިކޮޅު އެމްޑީޕީއާ ދެމެދު ކޮންމެވެސް ކަހަލަ އެއްބަސްވުމެއް އެބަ އޮތެވެ. ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ފުރިހަމަ ކުރައްވަމުން އައި ނަޝީދު ވެސް ދެ މަސް ދުވަހަށް އެ ހުންނެވީ ގޭގަ އެވެ.

އެމްޑީޕީ އިން އެތައް ގުރުބާނީއެއް ވެގެން އެތައް ދުވަހަކުން ހެދި ފެހި ގާނޫނު އަސާސީ ބަދަލުކޮށްލަން ވެސް އެ ޕާޓީ އިން ބަހަނާއެއް ނުދައްކައި ދިނީ ފެހި ސިގްނަލެވެ. މިހުރިހާ ކަމަކުން ވެސް ކޮންމެވެސް ކަމެއް ވެއްޖެކަން އެބަ އެނގެ އެވެ.

ފެންނަ މަންޒަރަކީ މާ ބޮޑު އުނދަގުލެއް ނެތި ސަރުކާރުން ބޭނުންވާ ސިޔާސީ މުހިންމު ކަންކަން މި އަންނަނީ ހާސިލް ކޮށްލަމުންނެވެ. އެންމެންނަށް ވެސް ހީވެފައި އޮތީ ގާނޫނު އަސާސީ ބަދަލުކުރުމާއި ކުރިއަށް އޮތް ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓަކީ ސަރުކާރަށް ބޮޑު އިމްތިހާނަކަށް ވާނެ ކަމަށެވެ. އެއީ އިދިކޮޅު ފަރާތްތަކުގެ ތާއީދެއް ނެތި ސަރުކާރަށް ވެސް އެ ކަންކަން މަޖިލީހުގެ ތެރެއިން ވެސް ކާމިޔާބު ކުރެވެން ނެތީމަ އެވެ. އެކަމަކު މިއަށް ވުރެ ވަކި ފަސޭހަ ވޯޓެއް ސަރުކާރަކަށް މިހާރަކު ނެތެވެ. އެހެން ވީމާ ރައީސް ޔާމީންގެ ސިޔާސީ ގޭމް މާމޮޅީ ހެއްޔެވެ؟ ހަކުޅި ކުރިއަށް ސިޔާސީ ކުޅިބައި ރާވަން ރައީސް ޔާމީން ވަރެއް ނެތީ ހެއްޔެވެ؟

ސިޔާސީ ގޮތުން ރައީސް ޔާމީނަކީ އަބަދުވެސް މޮޅު ބޭފުޅެކެވެ. ސަރުކާރުގެ މިނިސްޓަރު ކަމާއި ކުންފުނިތަކުގެ އިސް މަގާމުތަކުން ފެށިގެން މަޖިލީހުގެ މެންބަރުކަމަށް ވަޑައިގަތުމާ ހަމަޔަށް ވެސް ސިޔާސީ މައިދާނުގައި އެމަނިކުފާނު ވަރަށް ގަދަޔަށް ވަކި ހިތްޕާލައިފަ އެވެ. އެ އެމަނިކުފާނަށް ވުރެ މޮޅަށް ސިޔާސީ ގޭމު ކުޅުއްވޭނެ ބޭފުޅަކު ނުހުންނާނެ ކަމަށް ގަބޫލު ކުރާ ވަރަށް އެ މަނިކުފާނުގެ ސިޔާސީ ނުފޫޒު އަބަދުވެސް ގަދަ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ގާތްބޭފުޅަކު ވިދާޅުވި ގޮތުގައި ސިޔާސީ އެމަނިކުފާނު ވަރަށް ދުރަށް ވިސްނަވަ އެވެ. އަޅައި ފިޔަވަޅެއްގެ ސަބަބުން ކުރު މުއްދަތުގައި ޑެމޭޖް ވިޔަސް އެމަނިކުފާނު އެކަމަކަށް ފަރުވާލެއް ނުބަހައްޓަވަ އެވެ. ބައްލަވަނީ ދިގު މުއްދަތުގައި އެކަމުން ކުރާނެ ފައިދާއަކަށެވެ. އަދި ސިޔާސީ ގޮތުން އެއިރެއްގައި އަޅުއްވަން ޖެހޭ ފިޔަވަޅެއް އަޅުއްވަން ޔާމީން އަކީ ޖެހިލުން ފުޅުވާ ބޭފުޅެއް ނޫން ކަމަށް ވެސް އެބޭފުޅާ ވިދާޅުވި އެވެ.

"ރައީސް ކައިރީގައި މިވެނި ކަމެއް މިހެން ކުރީމައި މިކަހަލަ ކަންތައްތަކެއް ނުކުމެދާނެ ވިދާޅުވާ އިރަށް އެމަނިކުފާނު ވިދާޅުވާނީ ދިގު މުއްދަތުގައި މިހެން ހެދީމާ މިވެނި ކަހަލަ ނަތީޖާތަކެއް ނިކުންނާނެ. މިވެނި ކަމެއް މިހެން ހާސިލް ކުރެވޭނޭ. ކުރު މުއްދަތުގައި އައިސްފާނެ ކަންކަމަށް ވުރެ ބޮޑަށް ދިގު މުއްދަތުގައި އެކަމުން ކުރާނެ އަސަރުތަކަށް ބައްލަވާނީ،" އެބޭފުޅާ ވިދާޅުވި އެވެ.

ސަރުކާރުން ތާއީދުކޮށްގެން ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމާއި ކުރީގެ ރައީސް ނަޝީދަށް މާފުދެއްވަން ދެކޮޅު ހެއްދެވުމާއި ޖިނާއީ އެކި ކުށްކުށުގައި ފުލުހުން ބައެއް ސިޔާސީ ބޭފުޅުން ހައްޔަރު ކުރުން އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްސަލަގަނޑާ ހުރެ ރައީސް ޔާމީންއަށް ފާޑުކިޔުންތައް އަމާޒުވި އެވެ. މުޅި އިދިކޮޅު ފަރާތްތައް އެކީ އެއްވާނެއްގައި ނިކުމެ ދެންމެ ދެންމެހެން ހީވީ ސަރުކާރު ވައްޓާލަފާނެ ހެނެވެ. ބޭރުގައި ހުރެ މަންޒަރު ބަލައި މީހަކަށް ހީވާނީ ދެތިން މުޒާހަރާއަކުން، ރައީސް ޔާމީންގެ ސަރުކާރު މުލުން ލުހެ އެއްލައި ލެވިދާނެ ކަމަށެވެ.

އެކަމަކު މިވީ ހީކުރި ގޮތަކަށް ނޫނެވެ. އަނިޔާވެރިކަމުން ލޭބަލް ކުރި ސަރުކާރަށް އިތުބާރު ދިނުމަށް ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީ އިން ވެސް ފަސޭހަ ކަމާ އެކު ދޫދީ ސަރުކާރާ އެއްކޮޅަށް ވޯޓު ވެސް ދިނީ އެވެ. މަންޒަރު ފެންނަ ފެނުމަށް ނަޝީދު ޝިކާރައަކަށް ހަދައިގެން، ސަރުކާރުގެ ސިޔާސީ ގޭމް ކާމިޔާބުކޮށް އެ މީހުންގެ ކޮޅަށް ގޭމް އަނބުރާލީ އެވެ. އެއްކަލަ އެއްވާނެއްގައި ނިކުތް އިދިކޮޅު ފަރާތްތައް ވެސް ހިމޭންކޮށްލީ، ޖިނާއީ އެކި ކުށްކުށުގައި ބެދިފައި ތިބި އިސްލީޑަރުންނަށް، ފަސޭހަ ގޮތްތަކެއް ހަދައިދޭނެ ކަމުގެ އުންމީދުގަ އެވެ.

އެހެން ވީމާ ރައީސް ޔާމީންގެ ގޭމް ޕްލޭން މޮޅީ ނޫންތޯ އެވެ؟ ހަމަ ގައިމު ވެސް ރައީސްޔާމީންއާ ވާދަ ކުރައްވަން ތިއްބެވި ސިޔާސީ މީހަކު އަދި ސަލާމަތް ވިއްޔަކީ ނޫނެވެ. މާފެއް ދެއްވިއްޔަކީ ނޫނެވެ. އެހެން ވީމާ، މިހާރު މިދާ ޑީލްގައި ވެސް މި ކުރި ހޯއްދެވީ ރައީސް ޔާމީންތާ އެވެ.

ގާނޫނު އަސާސީއަށް ގެނައި ފުރަތަމަ ބަދަލު އެމްޑީޕީގެ އިސްލާހާ އެކު ފާސްވި ދުވަހު މި ސަރުކާރުގެ ސެކަންޑްއިން ކޮމާންޑް އަދި ރައީސް ޔާމީން އެންމެ އިތުބާރު ކުރައްވައި، ޓްއަރިޒަމް މިނިސްޓަރު އަދީބު ވިދާޅުވީ، އިދިކޮޅު ފަރާތްތައް ވެސް އެއްގަލަކަށް އެރުމުން ފެނިގެން އެ ދިޔައީ ރައީސް ޔާމީންގެ ހިކުމަތު އަމަލީ ކަމަށެވެ. ދުރުވިސްނުމާ އެކު ދޫދޭން ޖެހޭ ފަހަރު ރައީސް ޔާމީން ދޫދެއްވަން އިނގިވަޑައިގަތުމުގެ ލާމަސީލް ނަމޫނާއެއް ކަމަށް އަދީބު ވިދާޅުވި އެވެ. އޭނާ ވެސް ސިފަކުރެއްވި ގޮތުގައި އެއީ ޒުވާނުން ބާރުވެރި ކުރުވައިގެން ރައީސް ޔާމީން ނިކަން ފަސޭހަައިން ހޯއްދެވި ތާރީހީ ކާމިޔާބެކެވެ.

"ރައީސް ޔާމީނާ އެއްވަރަށް ސިޔާސީ ކަންކަމުގައި މަސައްކަތް ކުރެއްވޭނެ ބޭފުޅެއް ނެތްކަން ސާބިތުވެގެން މި އަންނަނީ. އިދިކޮޅު ފަރާތްތަކާ އެކުވެސް މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާ އިރު އެކަމަށް ވެސް ރައީސް ހުންނަވާނީ ތައްޔާރަށް. ރައީސްގެ ހިކުމަތުގައި އަމަލީ މި ހުރިހާ ކަމަކުން ފެނިގެން މި އަންނަނީ،" އަދީބު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވާ ގޮތަށް ހަގީގަތުގައި ހަކުޅި ކުރިއަށް ކުޅުއްވާ ބޭފުޅަކީ ރައީސް ޔާމީން ކަމަށް ބުނުމުގެ ފުރުސަތު މި ވަނީ ބޮޑުވެފަ އެވެ. އެކަން އެމަނިކުފާނު ކުރިން ވެސް ސާބިތު ކޮށްދެއްވާފައި ވަނީ ވެރިކަމަށް ވަޑައިގަންނަވަން ފިޔަވަޅު އަޅުއްވަން ދުރާލައި ފެއްޓެވުމުންނެވެ. ރައީސް މައުމޫންގެ ދުވަސްވަރު ޔާމީން ވަނީ ސަރުކާރުގެ ގިނަ މަގާމުތަކެއް ފުރުއްވައި އެ ކަންކަމުގެ ތެރެއިން އެމަނިކުފާނަށް ވަފާތެރި ފަރާތްތައް އުފައްދަވައިފަ އެވެ. އަނެއްހެން ބުނާ ނަމަ ރައީސް ޔާމީންގެ ކަލްޓެއް އުފައްދައިފަ އެވެ. އެމަނިކުފާނުގެ ބާރު ހިނގާނެ އާ ވިޔަފާރިވެރިންތަކެއް ވެސް އުފަން ކުރުވައިފަ އެވެ. އަމިއްލައަށް އުފެއްދެވި ޕީއޭ ދޫކޮށްލައި ޕީޕީއެމް އުފެއްދުމުގައި ރައީސް މައުމޫނާ އެކު ޔާމީން މަސައްކަތް ކުރައްވައި މައުމޫނަށް ގެއްލުނު އިތުބާރު އަލުން ހޯއްދެވި އެވެ. ޕާޓީގެ އިސްމަގާމަގަށް ވަޑައިގެން ޕީޕީއެމްގެ ތެރޭގައި ވެސް ނުފޫޒު ގަދަ ކުރެއްވި އެވެ. ރައީީސް ޔާމީންގެ ޕޮޕިއުލާކަން ނުފެނި އޮތަސް ސިޔާސީ ސާކަލްގައި އެމަނިކުފާނަށް ވުރެ ވަކި، ޕޮޕިއުލާ ބޭފުޅަކު ނުދެއްކެވޭނެ އެވެ. އެމަނިކުފާނު ބޭނުންވާ ސިޔާސީ ކަމެއް، ހުރަސްތައް ފޫއަޅުއްވާފައި ވެސް ކުރައްވާނެ ފޯމިއުލާއެއް ޔާމީން އަބަދުވެސް ހޯއްދަވަ އެވެ.

ގާނޫނު އަސާސީއަށް ބަދަލު ގެނައުމާއި ނައިބު ރައީސް ބޭރުކޮށްލުމުގެ ޑްރާމާއަކީ ވެސް ރައީސް ޔާމީންގެ ސިޔާސީ ގޭމްގެ މޮޅުކަން އިތުރަށް ކަށަވަރުކޮށްދޭ ކަމެކެވެ.