ލައިފްސްޓައިލް

ރަތް ފުޅިއާާ ބުޅަލާ ކޮން ގުޅުމެއް؟

މާލޭ ގޭގޭ ދޮރުމަތީ ކުލަ ކުލައިގެ ފުޅީ ބަހައްޓާފައި ހުންނަތަން ފެނޭ ހެއްޔެވެ؟ މީގެ ކުލަފުޅިތަކެއް މިހާރު ފެންނަތާ ދުވަސްކޮޅެއް ވެއްޖެ އެވެ. ސްކޫލްތަކުގެ ގޭޓް ދޮރުމަތީ އާއި، ގޭގޭ ދޮރުމަތީ ދެ ފަރާތުގައި ކުލަފުޅިތައް ބަހައްޓާފައި ހުންނައިރު ހީވަނީ ގޭ ދޮރުވާނެއް ހެންނެވެ. ރަތްކުލައިގެ ފުޅި އާއި، ރީނދޫ ފުޅި އަދި ނޫ ކުލައިގެ ފުޅިތައްވެސް ހުރެ އެވެ. އެކި އެކި ސައިޒުގަ އެވެ. އެންމެ ގިނައީ ފަސް ލީޓަރުގެ ފެން ހުސްކުރި ފުޅި އެވެ. މާފަންނަކަސް، ހެންވޭރަކަސް، ގަލޮޅަކަސް މީގެ ފުޅިއެއް ނެތް މަގެއް މިހާރު މާލޭގައި ނެތެވެ. ކޮންމެ ދެ މަގެއް ދޫކޮށް މީގެ ކުލަ ފުޅި އެއް ފެންނާނެ އެވެ.

މިކަހަލަ ފުޅިތައް މާލެ ކައިރީ ހުޅުމާލެއިންވެސް ފެންނަތާ ދުވަސްކޮޅެއް ވެއްޖެ އެވެ. ހުޅުމާޅެ މަގުމަތީ ފީސަބީލިއްލާހިއަށް ބަހައްޓާފަ ހުރީ، ޕެޓްރޯލް ފުޅިތަކެއް ކަމަށްވެސް ބަޔަކު ހީކުރި އެވެ. އަދި، ޕެޓްރޯލް ކަމަށް ހީކޮށް ވަގުވަގަށް މި ފުޅިތައް ގެންދިޔަ މީހުންވެސް އެބަ ތިއްބެވެ.

މި ކާކުލަފުޅީގެ ސިއްރަކީ ކޮބައިތޯ ދެތިން މީހެއް ކައިރީ އެހުމުން ބުނީ އެއީ ބުޅާ ފައްސަން ބަހައްޓާފައި ހުރި އެއްޗެއް ކަމަށެވެ. ކުލަ ފުޅި ފެނުމުން ބުޅާތައް ބިރުން ދާނެ ކަމަށާއި، ގޭގޭ ދޮރުމައްތި އަދި ގޯތިތެރެ ނަޖިސް ނުވާނެ ކަމަށް ޔަގީން ކޮށް ކަށަވަރުކޮށްދިން މީހުންވެސް ވަރަށް ގިނަ އެވެ.

ބުޅާ ފައްސަންވެސް ދިވެހިން މިއޮތީ މުޅިން އާ ގޮތެއް ހޯދާފަ އެވެ. މިއީ މުޅިން އާ ވައްތަރެއްގެ ޖާދުލެކެވެ! ރަށްރަށުގެ، ގޯތި ތެރޭގަ އާއި ދަނޑުތަކުގައި ސީޑީ އެލުވާފައި ހުންނަތަން ކުރިން ފެނެ އެވެ. މި ކުލަފުޅީގެ ބިރުވެރިކަން ބުޅަލަށް ދައްކަން ފެށުނީ ދާދި ފަހުންނެވެ. މާލެ، އަދި ހާއްސަކޮށް ހުޅުމާލޭގައި ބުޅާ އުޅޭ މިންވަރު، ކުރިއާ ބަލާފައި މިހާރު ގިނަ ކަމުން ކަމަށްވެސް ވެދާނެ އެވެ. ބުޅަލުގެ "އުނދަގުލުން" ސަލާމަތްވުމަށް ދިވެހިން މި ގެންގުޅޭ އުކުޅުން ހަގީގަތުގައި ބުޅާ ފެއްސޭނެ ހެއްޔެވެ؟

ބުޅަލަކީ "ކަލާ ބްލައިންޑް" އެއްޗެއް؟!
ބުޅާ ފައްސަން ބަހައްޓާފައި ހުރި ފުޅިތަކަށް ހުންނަނީ ކުލަ އަޅާފަ އެވެ. އެންމެ ގިނައިން ފެންނަނީ ރަތް ކުލައިގެ ފުޅި ތަކެވެ. ކުލަ ފުޅިތައްދެކެ ބުޅާ ބިރުގަންނާނެ ކަމަށް އެތައް ބަޔަކު ބުންޏަސް ބުޅަލަށް އަސްލު ފެންނާނީ އަހަރުމެންނަށް ކުލަ ފެންނަ ގޮތަށް ވުރެ ތަފާތު ކޮންނެވެ. ބައެއް ދިރާސާތައް ބުނާގޮތުގައި ބުޅަލައް ކުލަ ފެނުމުގައި އިންސާނުންނާ ވަރަށް ބޮޑު ތަފާތުތަކެއް ހުރެ އެވެ. ނޫކުލަ އާއި ފެހި ކުލަ ރީއްޗަށް ފެންނަ އިރު، ރަތް ކުލަ އާއި ފިޔާތޮށި ކުލަ ފެންނަނީ ކުޑަކޮށް ފަނޑު ކޮންނެވެ. އެހެންކަމުން، ކުލަ ފުޅި، ހާއްސަކޮށް ރަތް ފުޅި ބެހެއްޓުމުގެ ބޭނުމެއް އެބަ އޮތް ހެއްޔެވެ؟

ރާއްޖެ ނޫނަސް އެހެން ގައުމުތަކުގައިވެސް މީގެ ކުލަ ފުޅި ބަހައްޓަ އެވެ. ޖަޕާނާއި ޗައިނާގައި ބަހައްޓަނީ ނޫ ކުލަ ފުޅި އެވެ. ޖަޕާނުގެ މީހުން ބުނާ ގޮތުގައި ފެން ކުލަ ފުޅި އަވީގައި ބެހެއްޓުމުން، "ރިފްލެކްޝަން" އެއް އުފެދި އެ ފުޅި ކައިރިއަށް އަންނަ ބުޅަލަށް އޭގެ ސިފަ ފެންނާނީ އަސްލަށް ވުރެ ބޮޑުކޮށް ކަމަށެވެ. އަދި އެހެން ފެނުމުން، ބިރުގަންނާނެ ކަމަށްވެސް ޖަޕާނުގެ ބައެއް މީހުން ބުނެފައި ވެ އެވެ. ޖަޕާނުގައި މިކަން ކުރާތާ މިހާރު އެތައް އަހަރެއް ވެއްޖެ އެވެ. ދިވެހިން މިކަން ކުރަން ފަށައިގެން މިއުޅެނީ އަދި އިހަކަށް ދުވަހު އެވެ.

މިކަހަލަ ފުޅިތައް ބަހައްޓާފައި ހުރުމުން އެ ފުޅި ކައިރިއަށް ބުޅާ ނާންނާނޭ ބުނެ ސޯޝަލް މީޑިއާގައިވެސް މި ވާހަކަ ބަޔަކު ހިއްސާ ކުރި އެވެ. ޖަވާބުގައި ކުލަ ފުޅި އެއް ކައިރީ ބުޅަލެއް ހަމަޖެހިލައިގެން އޮތް ފޮޓޯ އެއް މީހަކު ފޮނުވާ އެ ޕޯސްޓަށް ޖޯކުވެސް ޖަހާލި އެވެ. އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް މީހުން ބުނާ ގޮތުގައި، ފުޅި ބެހެއްޓުމުން ބުޅާ ކުލަ ފުޅި ކައިރިއަށް އަންނަ މިންވަރު އަދި މާ ބޮޑެވެ.

ބޭރު ގައުމުތަކުގައިވެސް މިކަމާ ދެބަސްވާ މީހުން އުޅެ އެވެ. މިކަމާ ގުޅުންހުރި އެއްވެސް ބޮޑު ތަހުގީގެއް އަދި ކުރެވިފައި ނުވާއިރު، ޖަނަވާރު ބަލަހައްޓާ މީހުން ބުނަނީ މިއީ ހަމަޖެހޭ ވާހަކަތަކެއް ނޫން ކަމަށެވެ. މި ކުލަ ފުޅީގެ ސަބަބުން ބުޅާ ކައިރި ނުވެ، އެތަން ނަޖިސް ނުކުރާނެ ކަމަށް އެއްބަޔަކު ބުންޏަސް، މިކަމާ ހިޔާލު ތަފާތުވާ މީހުން ބުނަނީ މިއީ ހަމަ ހުސް ފުލޯކު
ވާހަކަ ކަމަށެވެ. އެއްބަޔަކު ކުރީމައި އަނެއްބަޔަކު ކުރާ އުސޫލުން ކަން ކުރަނީ އެވެ.