އިނގިރޭސި ރާނީ

ރާނީ އެލިޒަބަތްގެ ނުފޫޒު ހޮލީވުޑްގައި

އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތް || މިދިޔަ ބުރާސްފަތި ދުވަހު އަވަހާރަވުމަކީ ދުނިޔޭގެ އެތައް ބަޔަކަށް ލިބުނު ހިތާމަވެރި ހަބަރެކެވެ.

ރާނީ އެލިޒަބަތް އަވަހާރަވުމާ ގުޅިގެން ދުނިޔެ ހިތާމަފާޅުކުރަމުން ދާއިރު، ވަރުގަދަ ޝަހްސިއްޔަތެއްގެ ހައިސިއްޔަތުން ރާނީގެ ހަޔާތްޕުޅުގައި ހޮލީވުޑް ފަދަ ފިލްމީ ދާއިރާތަކަށް ވެސް ވަނީ ނުސީދާ ނުފޫޒު ހިނގާފަ އެވެ. އެކި ފިލްމްތަކާއި ޓީވީ ސީރީޒްތަކުގައި ރާނީ އެލިޒަބަތް ސިފަވާ ރޯލްތައް ފެނިގެންދިއުމަކީ އެކަމުގެ ހެއްކެކެވެ.

މިގޮތުން 2006 ގައި "ދަ ކުއީން"ގެ މައި ރޯލް އަދި ކުއީން އެލިޒަބަތްގެ ރޯލް ކުޅުނު ހެލެން މިރަން އަކީ ރާނީ އަށް ވެސް ހާއްސަ ބޭފުޅެކެވެ. ރާނީ އެލިޒަބަތަށް ހެލަން މިރަންގެ އެކްޓިން ކަމުދިއުމާ ގުޅިގެން އެކަމަށް ތައުރީފްކޮށް، ބަކިންގަމް ޕެލެސްއަށް ހެލަން ގެންގޮސް ކެއުމެއް ދެއްވާފައިވެ ވެއެވެ.

"ދި އޯޑިއަންސް" ހެދި ޕީޓާ މޯގަން ވަނީ އޭގެ ކާމިޔާބާ ގުޅިގެން ކްލެއާ ފޯއި، ރާނީ އެލިޒަބަތްގެ ބަޔަށް ހިމަނައިގެން "ދަ ކްރައުން" ސީރީޒް ހަދާފަ އެވެ.

ކްލެއާ އަށްފަހު މި ރޯލް އަދާކޮށްފައިވަނީ އޮލީވިއާ ކޯލްމަން އެވެ. މި ދެ ތަރިންނަށް ވަނީ މި ސީރީޒްގައި ރާނީ އެލިޒަބަތްގެ ރޯލް ކުޅެގެން ގިނަ އެވޯޑްތަކެއްވެސް ލިބިފަ އެވެ.

ޑޭމް ޖޫޑީ ޑެންޗަށް، ރާނީ އެލިޒަބަތް ވަނީ 1970 ގައި "އޯޑާ އޮފް ދަ ބްރިޓިޝް އެމްޕަޔާ" އަދި 1988 ގައި "ޑޭމް ކޮމާންޑަރު"ގެ ލަގަބް ދީފަ އެވެ. އަދި އޭގެ 10 ވަރަކަށް އަހަރު ފަހުން ޑޭމް ޖުޑީ ޑެންޗް "ޝޭކްސްޕިއާ އިން ލަވް" ގައި ރާނީ އެލިޒަބަތް 1ގެ ރޯލް އަދާކޮށްގެން ވަނީ އޮސްކާ އެވޯޑެއް ހާސިލްކޮށްފަ އެވެ.

"ސައުންޑް އޮފް މިއުޒިކް"، "މޭރި ޕޮޕިންސް" ފަދަ ފިލްމް ކުޅެފައިވާ ޑޭމް ޖޫލީ އެންޑްރޫޒްއަށް ވެސް މި ލަގަބެއް ލިބިފައިވަނީ 2000 ވަނަ އަހަރު އެވެ. ޑޭމް އެމާ ތޮމްސަންއަށް ވެސް މި ލަގަބް ލިބުނީ 2018 ގައި "ޕްލޭހައުސް ޕްރެޒެންޓްސް" ގައި ރާނީ އެލިޒަބަތްގެ ރޯލް އަދާކޮށްގެންނެވެ.

މީގެ އިތުރުން އޮލީވިއާ ނިއުޓަންޖޯން، އެލްޓަން ޖޯން، ޕޯލް މެކާޓްނީ، ރިންގޯ ސްޓާ، މިކް ޖެގަ، އެންޖެލީނާ ޖޯލީ ފަދަ ގިނަ ތަރިންތަކަކަށް ރާނީ އެލިޒަބަތް ވަނީ ނައިޓްހުޑް ފަދަ ލަގަބް ދެއްވާފަ އެވެ. އަދި ހޮލީވުޑްގެ ގިނަ ތަރިންތަކަކާ ބައްދަލުކުރުމުގެ އިތުރުން، އެ ތަރިންނަށް ޝާހީ ގަނޑުވަރުތަކަށް ދައުވަތު ދީފައިވެ އެވެ.