އިނގިރޭސި ވިލާތުގެ ކުއީން އެލިޒަބަތު ދޭއް މިދިޔަ ބުރާސްފަތި ދުވަހު އަވަހާރަވުމާ ގުޅިގެން 10 ދުވަހަށް ރަސްމީ ޖަނާޒާގެ ކަންތައްތައް ކުރިއަށްދާއިރު ޖަނާޒާގެ ހަބަރުތަކަށް އާންމުންގެ ސަމާލުކަން ބޮޑެވެ.
ކުއީން އަށް ފަހުގެ ތައުޒިޔާ ކިޔާ، އެންމެ ފަހުގެ އަލްވަދާއު ކިޔަން އެތައް ކިލޯމީޓަރަކަށް ދިގުދެމިގެންވާ ކިއުތަކުގައި މީހުން އެތައް ގަޑިއިރެއް ހޭދަކޮށްފައިވެ އެވެ.
މިއަދު އޮންނަ ރަސްމީ ޖަނާޒާގައި ބައިވެރިވުމަށް އެކި ގައުމުތަކުގެ ޝާހީ އާއިލާތަކުންނާއި އެކި ގައުމުތަކުގެ ވެރިން ލަންޑަނަށް ޒިޔާރަތްކުރާއިރު، އެއްމިލިއަނަށްވުރެ ގިނަ އާންމުން ވެސް އެ ސިޓީއަށް ޒިޔާރާތްކޮށްފައިވެ އެވެ.
ކުއީން ވެސްޓްމިންސްޓާ ހޯލްގައި ރާނީގެ ހަށިކޮޅު ބާއްވާފައި އޮތް އިރު އެންމެ ބޮޑަށް ފާހަގަކުރެވިގެންދަނީ ރާނީގެ ސަންދޯކުގެ މަތީގައި އަލިގަދަކޮށް އޮތް އަދި ވިދަމުންދާ ޝާހީ ތާޖެވެ. އެއީ އިންގްލެންޑް، ސްކޮޓްލެންޑް އަދި އަޔަލެންޑް ރަމްޒުކުރާ ދިދަ އަޅާފައިވާ އެކަމަނާގެ
1937 ގައި ކުއީން އެލިޒަބަތް ދޭއްގެ ބައްޕާފުޅު ކިންގް ޖޯޖް VI އަށް ހަދާފައިވާ މި ތާޖަކީ މީގެ ކުރިން ބޭނުންކުރި ކުއީން ވިކްޓޯރިއާގެ ޝާހީ ތާޖަށް ވުރެ ލުއި އަދި އަޅަން ފަސޭހަ ތާޖެކެވެ. އެހެންނަމަވެސް މި ތާޖުގެ ބަރުދަނަކީ 2.3 ޕައުންޑް (1.06 ކިލޯ) އެވެ.
"މި ޝާހީ ތާޖުގެ ވިދުވަރާއި ދަޅަޔާހުރެ މި ތާޖާ ދިމާލަށް ބަލަން ކުޑަކޮށް އުނދަގޫވޭ، އެއީ ހަމަ ދެލޯ ތަރަތަރަ ޖަހާގެންދާ ތާޖެއް،" ހިސްޓޯރިއަން އަދި "ދަ ކްރައުން ޖޫވްލްސް"ގެ ލިޔުންތެރިޔާ އަނާ ކީ ބުންޏެވެ.
ބީބީސީގެ ޕްރެޒެންޓާ ކްލައިވް މައިރީ ބުނީ "ހަމަލޮލަށް މި ތާޖު ފެނުމަކީ ހަގީގަތެއް ހެން ހީވެސް ނުވާ" ކަމަށާއި މި ތާޖުގައިވާ ޖަވާހިރުގެ ސާފުކަމަކީ ގަބޫލުވެސް ނުކުރެވޭ ވަރުގެ ކަމެއް ކަމަށެވެ.
ކުއީން އެލިޒަބަތް 2018 ގައި މި ތާޖު އެޅުއްވުމަށްފަހު އޭގެ ބަރުދަން އިހުސާސްކުރެއްވުމާ އެކު އެކަމަށް ޖޯކު ޖައްސަވާ އޭރު ވިދާޅުވީ ރަސްމިއްޔާތުގައި ވާހަކަދައްކަވާއިރު ތާޖާ އެކު ތިރިއަށް ނުބެއްލެވޭ ކަމަށާއި އޭގެ ބަދަލުގައި އަތްޕުޅުގައި އޮންނަ ލިޔުން މައްޗަށް ނަންގަވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.
"އެހެން ނޫނީ ކަރު ބިންދައިގެން ގޮސްދާނެ،" މަޖާޒީ ގޮތަކަށް ކުއީން ވިދާޅުވި އެވެ.
ކުއީން އެލިޒަބަތް ދޭއް ކޮންމެ އަހަރަކު ގާނޫނު ހަދާ މަޖިލިސް ހުޅުވުމުގެ ރަސްމިއްޔާތުގައި ތާޖު އަޅައި، ރަން ތަހުތުގައި އިންނަވައިގެން ކުރިއަށް އޮންނަ އަހަރަށް ސަރުކާރުން ރާވާފައިވާ މުހިއްމު މަސައްކަތްތައް ވިދާޅުވަމުން ގެންދަވަ އެވެ. ކުއީންގެ އުމުރުފުޅުން 90 ގެ އަހަރުތަކަށް އެޅުމުން މިއަށް ވުރެ ލުއި ތާޖު ބޭނުންކުރައްވާފައިވެ އެވެ. މިދިޔަ އަހަރު ގާނޫނު ހަދާ މަޖިލިސް ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ރާނީ، ތާޖު އަޅުއްވާފައެއް ނުވެ އެވެ.
ޝާހީ ތާޖް
ޝާހީ ތާޖަކީ ދި ޔުނައިޓެޑް ކިންގްޑަމް އޮފް ގްރޭޓް ބްރިޓަން އަދި ކޮމަންވެލްތް ރެއަލްމްސްގެ ކިންގް ނުވަތަ ކުއީން އަޅުއްވާ ތާޖެވެ. މި ތާޖުގައި 2،868 ޑައިމަންޑްސް، 273 ޕާލްސް، 17 ސެފަޔާ، 11 އެމަރަލްޑް އަދި ފަސް ރޫބީ ހިމެނެ އެވެ.
މި ތާޖުގައި 317 ކެރެޓްގެ ކަލިނަން 11 ޑައިމަންޑް ހިމެނެ އެވެ. މި ޑައިމަންޑަށް ސެކަންޑް ސްޓާ އޮފް އެފްރިކާގެ ނަމުންވެސް މުހާތަބްކުރެ އެވެ.
ކަލިނަން ޑައިމަންޑް ކަނޑާފައިވަނީ ދުނިޔޭގައި މިހާތަނަށް ހޯދާފައިވާ އެންމެ ބޮޑު ޑައިމަންޑުންނެވެ. މި ޑައިމަންޑް ވަނީ އިނގިރޭސި ކޮލޮނީއެއް ކަމުގައިވާ ޓްރާންސްވާލް (މިހާރުގެ ސައުތް އެފްރިކާ)ގެ ސަރުކާރުން ކިންގް އެޑްވާޑްގެ 66 ވަނަ އުފަން ދުވަހަށް ހަދިޔާކޮށްފަ އެވެ.
މި ތާޖުގައި ޝާހީ ޖަވާހިރުތަކުގެ ކަލެކްޝަނުގެ އެންމެ ގިނަ ދުވަސްވީ ޖަވާހިރު -- 11 ވަނަ ގަރުނުގެ ކިންގް އޮފް އިންގްލަންޑް، ސެއިންޓް އެޑްވާޑް ދަ ކޮންފެސާ ތުރުކުރެއްވި އަނގޮށްޓިއެއްގެ ސެފަޔާ އެކުލެވިގެންވެ އެވެ. މި ސެފަޔާ ހަރުކުރެވިފައިވަނީ ތާޖުގެ އެންމެ މަތީގެ މެދުގަ އެވެ.
ކުއީން އަށް މި ތާޖުން އެންމެ ކަމުދިޔަ އެއް ޖަވާހިރަކީ ކަލިނަން 11 ޑައިމަންޑްގެ މަތީގައި ހަރުކުރެވިފައިވާ ބްލެކް ޕްރިންސްގެ ރޫބީ އެވެ.
ގަބޫލުކުރެވޭ ގޮތުގައި މި ރޫބީއަކީ 1415 ގައި ހަންޑްރެޑް އިޔާސް ވޯގެ ތެރޭގައި އިނގިރޭސީން ފަރަންސޭސި ވިލާތް ބަލިކުރި ބެޓަލް އޮފް އަޖިންކޯޓްގައި ކިންގް ހެންރީ V ތުރުކުރެއްވި ހެލްމެޓްގައި އިން ރޫބީ އެކެވެ.
މި ޖާތުގެ އަގު ކިއުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި މިއީ އަގެއް ކިއުމަށް ވުރެ މާ އަގުހުރި ނޫނީ "ޕްރައިސްލެސް" ތާޖެއް ކަމަށް ރޯޔަލް އެކްސްޕާޓް އެލަސްޓާ ބްރޫސް ބުންޏެވެ. މި ތާޖު ދެން ވާރުތަ ވާނީ ކިންގް ޗާލްސް ތިނަކަށެވެ.
މި ޝާހީ ތާޖު ބޭނުން ނުކުރާއިރު، އާންމުންނަށް ފެންނަ ގޮތަށް ޑިސްޕްލޭ ކޮށްފައި ހުންނަނީ ޓަވާ އޮފް ލަންޑަންގެ ޖޫވްލް ހައުސްގަ އެވެ. މިއީ ވޭތުވެ ދިޔަ 600 އަހަރަށް ވުރެ ގިނަ ދުވަހު ޝާހީ ތާޖުތަކާއި ޖަވާހިރުތަކާއި ގަހަނާތައް ރައްކާކުރެވިފައިވާ ތަނެވެ.