ފިނިޕޭޖް

ދުނިޔެ ވަށައި އުދުހުމުގެ އުންމީދުގައި އަންހެނެއް

ޒާރާ ރުތުފޯޑްގެ އަމާޒަކީ ދުނިޔެ ވަށައި އެކަނި ސިންގަލް އިންޖީނެއް އެޅި މަތިންދާބޯޓެއްގައި ދަތުރު ކުރުމެވެ. އަދި މިހާތަނަށް ދުނިޔެ ވަށައި ދަތުރުކުރާ އެންމެ ޒުވާން އަންހެނާގެ ލަގަބު ހޯދުމެވެ.

މި އަމާޒުގައި އޭނާ ބެލްޖިއަމުން ދަތުރު ފެށީ އޯގަސްޓް 18 ވަނަ ދުވަހު އެވެ. އަދި މި ދަތުރުގައި 32،000 މޭލު ދަތުރު ކުރަން ނިންމާފައި ވާއިރު އޭނާގެ މި ދަތުރުގައި ދެ މަސް ދުވަސް ހޭދަ ވާނެ އެވެ. ދެ މަސްދުވަހުގެ ތެރޭގައި ފަސް ކޮންޓިނެންޓް ހުރަސް ކޮށް 52 ގައުމެއް މަތިން އުދުހެން ނިންމާފައި ވެއެވެ. މި ދަތުރުގައި ޒާރާ ބައިވެރި ވަނީ އެކަންޏެވެ.

"ކުޑަކޮށް ޖެހިލުންވޭ، އެކަމަކު އަމާޒަކީ މަގްސަދު ހާސިލް ކުރުން. އުދުހުމަކީ ޖެހުލުމެއް ނެތި ކުރާ ކަމެއް. އެންމެ އުފާވަނީ ވެސް މަތިންދާބޯޓު ދުއްވާ އިރު،" ޒާރާ ބުންޏެވެ.

ޒާރާ މަތިންދާބޯޓު ދުންވަން ފެށީ އުމުރުން 14 އަހަރުގަ އެވެ. އޭގެ ފަހުން އެތައް ސަތޭކަ ގަޑިއިރެއް އުދުހުމުގައި ހޭދަ ކޮށްފައި ވެއެވެ.

ޒާރާ ވަނީ މި ދަތުރުގެ ތެރެއިން މިދިޔަ ބުރާސްފަތި ދުވަހުގައި އެމެރިކާގެ ނިއުޔޯކްއަށް ޖައްސާފަ އެވެ. އަދި ގިނަ ބަޔަކު ވަނީ އޭނާއަށް މަރުހަބާ ކިޔަން ގޮސްފަ އެވެ.

ޒާރާއަށް މިދަތުރު ފުރިހަމަ ކުރެވިއްޖެނަމަ އޭނާަ ވެގެން ދާނީ ދުނިޔެ ވަށައި އެކަނި މަތިންދާބޯޓެއްގައި ދަތުރުކުރި އެންމ ޒުވާން އަންހެނާ އަށެވެ. ކުރިން މި ލަގަބު ހާސިލް ކޮށްފައ ވަނީ ޝައެސްޓާ ވާއިޒެވެ. އޭނާ މި ލަގަބު ހޯދާފައި ވަނީ އުމުރުން 30 އަހަރެވެ. އޭނާ ރިކޯޑް ހާސިލް ކޮށްފައި ވަނީ 2017 ވަަނަ އަހަރުގަ އެވެ.