ދުނިޔެ

މެސެޑޯނިއާގެ ނަން ބަދަލުކުރަން ފާސްކޮށްފި

މެސެޑޯނިއާގެ ނަން، ރިޕަބްލިކް އޮފް ނޮދާން މެސެޑޯނިއާއަށް ބަދަލުކުރަން ގާނޫނު އަސާސީއަށް ހުށަހެޅި އިސްލާހު އެ ގައުމުގެ ޕާލިމަންޓުން ފާސްކޮށްފި އެވެ.

މެސެޑޯނިއާގެ ބޮޑުވަޒީރު ޒޯރަން ޒައޭވް އިސްވެ ހުށަހެޅުއްވި އިސްލާހު ފާސްކޮށްފައިވަނީ އިއްޔެ އެވެ. ނަން ބަދަލުކުރުމަކީ، އަވަށްޓެރި ގްރީސް އާއެކު ޒަމާނުއްސުރެ އުފެދިފައިވާ މައްސަލަތައް ހައްލުކުރަން ދެ ފަރާތުން އެއްބަސްވި ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.

އޭގެ ބަދަލުގައި، މެސެޑޯނިއާ ނޭޓޯ އާއި ޔޫރަޕިއަން ޔޫނިއަން އާއި ގުޅުމަށް ހުރަސްއެޅުން ގްރީސް އިން ހުއްޓާލާނެ އެވެ. ނަމަވެސް، އެކަމާއި ދެކޮޅު ހަދާ ފަރާތްތަކުން ބުނަނީ، މެސެޑޯނިއާގެ މިނިވަންކަމަށް އަރައިގަންނަން ގްރީސްއަށް ފުރުސަތުދީފައިވާ ކަމަށާއި، އެއީ ގައުމަށް ގައްދާރުވުމުގެ އަމަލެއް ކަމަށެވެ.

ނަން ބަދަލުކުރަން މިދިޔަ ސެޕްޓެމްބަރު މަހު ނެގި ފެންނަ ނުފެންނަ ވޯޓުގައި، 90 ޕަސަންޓް މީހުން ނަން ބަދަލުކުރަން ތާއީދުކުރިނަމަވެސް، ވޯޓުލާން ނުކުތް މީހުން މަދުކަމުން، ރަސްމީކޮށް އެ ވޯޓުގެ ނަތީޖާ ބަލައިނުގަންނަން ނިންމައިފަ އެވެ.

ޔޫގޮސްލާވިއާއިން ވަކިވެގެން، 1991 އަހަރު މެސެޑޯނިއާ އިން މިނިވަންކަން އިއުލާނުކުރުމުން، ހަމަ އެނަމުގެ ސަރަހައްދެއް އޮންނަ ގްރީސް އިން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.