ބޮލީވުޑް

ރީތީގެ ރާނީ މަނޫޝީ ޗީލާރު ބޮލީވުޑް އަށް

ރީތީގެ ރާނީންނަށް ހޮވޭ ގިނަ އަންހެން ކުދިންނަށް ތާޖު ލިބުމަށްފަހު އެންމެ އަވަހަށް ބަލާނީ ފިލްމަކުން އެމީހުންގެ ރީތިކަން ދައްކާލެވޭތޯ އެވެ. ރީތީގެ ރާނީންގެ ގޮތުގައި މުޅި ދުނިޔެއިންވެސް ހޮވިފައިތިބި އެތަށް ތަރިންނެއް ބޮލީވުޑްގެ އެންމެ އުހުގައި މިހާރުވެސް ދަނީ ފިޔަ ޖަހަމުންނެވެ.

އެންމެ ފަހުގެ މިސް ވޯލްޑް، 2017ގެ ތާޖާއެކު އިންޑިއާއަށް އުފާވެރިކަން ގެނެސްދިން މަނުޝީ ޗީލާރު އަށް ވެސް ބޮލީވުޑްގެ ފިލްމެއް ހުށަހަޅައިފި ކަމަށް އިންޑިއާގެ ރިޕޯޓުތަކުން ބުނަން ފަށައިފި އެވެ. މަނޫޝީއަށް ހުށަހަޅާފައިވަނީ، ފިލްމު ޑައިރެކްޓަރު/ޕްރޮޑިއުސަރު ފަރާ ޚާން އެންމެ އަވަހަށް އުފައްދާ ފިލްމެވެ.

ރިޕޯޓުތައް ބުނާގޮތުގައި، ފިލްމުގެ މަޝްވަރާތައްކޮށް، ސްކްރިޕްޓްގެ މަސައްކަތަށް ފަރާ މި ވަގުތު ހުރީ އިންޑިއާގެ ގޯއާގަ އެވެ. އަދި ސްކްރިޕްޓުގެ މަސައްކަތްތައް އެއްކޮށް ނިންމައިލުމަށްފަހު ފިލްމު ރަސްމީކޮށް އިއުލާން ކުރަން ވަނީ ހަމަޖެހިފަ އެވެ.

މަނޫޝީ ސްކްރީނުގެ ކުރިމައްޗަށް މިކަހަލަ ގޮތަކަށް ނިކުންނަނީ އަލަކަށް ނޫނެވެ. އެނާ ވަނީ ކަރީނާ ކަޕޫރާ އެކު ގަހަނާ އިސްތިހާރެއް ކުޅެފަ އެވެ. އަދި ރަންވީރު ސިންގްއާ އެކުވެސް އިސްތިހާރަކުން ފެނުނެވެ. މި އިސްތިހާރު ތަކުގައި މަނޫޝީ ދެއްކި އެކްޓިންގް އަށް ބޮލީވުޑްގެ އެހެން ތަރިން ތައުރީފު ކުރަމުން ބުނީ އޭނާ އަކީ ބޮލީވުޑްއަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަ މީހެއް ކަމަށެވެ.

ފަރާ ހާންގެ ފިލްމަކަށް މަނޫޝީ އަށް ފުރުސަތު ދެވިފައިވާއިރު، ފަރާ އަކީ މިހާރުގެ ބޮލީވުޑްގެ ރާނީ ދީޕިކާ ޕަޑުކޯންވެސް މި ދާއިރާ އަށް ނެރުނު ޕްރޮޑިއުސަރެވެ.