ރިޕޯޓް

ނާސްތާއާ އެކު ދަރިވަރުން ހެވިފައި!

ސްކޫލް ތަކުގެ ނާސްތާ ޕްރޮގްރާމް ފެށުން

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ދަރިވަރުންނަށް ހިލޭ ނާސްތާ ދިނުމުގެ ޕްރޮގްރާމް މިއަދު ފަށައިފި އެވެ. މި ވައުދުގެ ދަށުން، ރާއްޖޭގެ 25 ސްކޫލެއްގައި މިއަދު ވަނީ ނާސްތާ ދޭން ފަށައިފަ އެވެ.

މި ޕްރޮގްރާމްގެ އެންމެ ފުރަތަމަ ނެރުނު މެނޫ އަށް ބަދަލުތަކެއް ގެނެސް މާލޭގެ ސްކޫލްތަކުގެ ތެރެއިން، އަމީނިއްޔާ ސްކޫލް އާއި އިސްކަންދަރު ސްކޫލް އަދި މަޖީދިއްޔާ ސްކޫލު ދަރިވަރުންގެ އިތުރުން ކޮންމެ އަތޮޅުތަކުން އެއް ސްކޫލުގެ ދަރިވަރުންނަށް ވަނީ ނާސްތާ ދީފަ އެވެ.

ނާސްތާ ޕްރޮގްރާމާ ބެހޭ ގޮތުން، އަމީނިއްޔާ ސްކޫލުގެ ސާރާ ޔުމްނު ސައީދު "އަވަސް"އަށް ބުނީ ހުރިހާ ކުދިން އެކީގައި ކްލާސްރޫމް ތެރޭގައި ހެނދުނުގެ ނާސްތާ ނެގުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަދި ސްކޫލަށް ނުކައި އަންނަ ކުދިންނަށް ސްކޫލުގައި ނާސްތާނެގި އޭގެ ސަބަބުން ކިޔެވުމަށް ސަމާލުކަން ދެވޭނެކަމަށް އޭނާ ދެކެ އެވެ.

ހަމަ އެ ސްކޫލުގެ ތިހުނާން އިބްރާހިމް ޒުހައިރުވެސް ބުނީ، ހެނދުނު ނާސްތާ ނުނަގާ އަންނަ ބައެއް ކުދިން، ސްކޫލުގެ އެސެމްބްލީގައި ގިނަ ވަގުތު ކޮޅަށް ހުންނަން ޖެހި އަނބުރައިގަނެގެން ވެއްޓޭ ކަމަށެވެ. އެކަމުގެ ސަބަބުން ބައެއް ކުދިން ގެއަށް ދާ ތަންވެސް ފެންނަ ކަމަށް ތިހުނާން ބުންޏެވެ. އަދި މި ޕްރޮގްރާމް ހިންގާ ގޮތުން ގެއިން ނާސްތާ ނުނަގާ އަންނަ ކުދިންނަށް ފައިދާ ވާނެ ކަމަށް ބުންޏެވެ.

އަމީނިއްޔާ ސްކޫލްގެ ޓީޗަރެއް ކަމަށްވާ، އައިމިނަތުފުޅު، އައިންތް މިސް ބުނި ގޮތުގައި ނާސްތާ ޕްރޮގްރާމްގެ ސަަބަބުން، ދަރިވަރުން ދުވަސް ފަށާނީ ހަކަތަ ލިބިގެން އެވެ. އަދި އެކުވެރި މާހައުލެއްގައި ކާނެ ފުރުސަތު ލިބުމަކީ އެކުދިންގެ އެކުވެރިކަންވެސް ބަދަހިވާނެ ކަމެއް ކަމަށެވެ. މީގެއިތުރުން، ސްކޫލުގައި ނާސްތާ ނަގާނަމަ ކެއުމުގައި ގެންގުޅެން ޖެހޭ ސާފުތާހިރު ކަމުގެ މުހިއްމު ކަންވެސް ޓީޗަރުންނަށް ކިޔައިދެވޭނެ ކަމަށް އައިންތް ބުންޏެވެ.

ނާސްތާ ޕްރޮގްރާމާ ބެހޭގޮތުން ދަރިވަރުން ދެކޭގޮތުގައި އެކިކަލަ ސަބަބުތަކާ ހުރެ ބެލެނިވެރިންނަށް ނާސްތާ ނުދެވޭ ކުދިންނަށް މި މައްސަލަތައް މިހާރު ހައްލުވެގެން ދާނެ އެވެ. އަދި ދުވަސް ފަށާއިރު އެކުވެރި މާހައުލެއްގައި ޓީޗަރުންގެ ބެލުމުގެ މަތިން ނާސްތާ ނެގުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ދެކި ކުދިން ހިޔާލު ފާޅު ކުރި އެވެ.
މި ޕްރޮގްރާމުގެ ފުރަތަމަ ނާސްތާ މިއަދު ނަގާފައި ވާއިރު ދަރިވަރުންނަށް ދީފައި ހުރީ މީރު ރަނގަޅު ކާނާ އެވެ.