ބޮލީވުޑް

ރިތިކްގެ "ސުޕަ 30" ޖުލައި މަހު

ރިތިކް ރޯޝަން ދެން އެންމެ އަވަހަށް ފެންނަ ފިލްމު "ސުޕަ 30" އަޅުވާނީ އަންނަ ޖުލައި 26 ގައި ކަމަށް ރިތިކް ބުނެފި އެވެ.

ރިތިކްގެ ޓްވިޓާ އެކައުންޓު މެދުވެރިކޮށް މި ހަބަރު ދެމުން ބުނަނީ، ޖުލައި 26 ގައި އޭނާގެ ފިލްމު ރިލީޒް ކުރާނެ ކަމަށެވެ. "ސުޕަ 30" އަކީ ކިޔެވުމުގެ ފުރުސަތު ނުލިބޭ ފަގީރު އަވަށެއްގެ ކުދިންތަކަކަށް ހިސާބު ކިޔަވައިދީ، އިންޑިއާގެ އެންމެ ބޮޑު އިމްތިހާނު "އައިއައިޓީ އިމްތިހާން" އަށް ތައްޔަރު ކޮށް ދިން ޓީޗަރެއްގެ ވާހަކައަށް ބިނާ ކޮށް ހަދާ ފިލްމެކެވެ. މި ފިލްމަކީ ޕަޓްނާގެ ޓީޗަރެއް ކަމަށްވާ އަނަންދު ކުމާރު ފެށި ޕްރޮގްރާމް "ސުޕަ 30" ގެ ހަގީގީ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

ޓީޗަރުންނަށް ހާއްސަކޮށް އުފައްދާ މި ފިލްމުގެ ޕޯސްޓަރު ރިލީޒް ކޮށްފައި ވަނީ ވެސް ޓީޗަރުންގެ ދުވަހު އެވެ. ފިލްމުގެ އެންމެ މުހިއްމު ރޯލުން ރިތިކް ފެންނައިރު، އޭނާ އާއެކު މްރޫނަލް ތާކުރް އާއި އަމިތު ސާދު އަދި ނަންދިޝް ސަންދޫ ފެންނާނެ އެވެ.

މިއީ ރިލަޔަންސް އެންޓަޓެއިންމަންޓާއި ސާޖިދު ނާޑިއާވަލާ ގުޅިގެން އުފައްދާ ފިލްމެކެވެ.