ދުނިޔެ

ވެއްޓުނު ލަޔަން އެއާ ބޯޓުގެ ބްލެކް ބޮކްސް ހޯދައިފި

Jan 14, 2019

ޖަކާޓާ (ޖެނުއަރީ 14) - މިދިޔަ އޮކްޓޯބަރު މަހު އިންޑޮނޭޝިއާ އިން ފުރައިގެން، ސުމާޓްރާ އަށް 189 މީހުން ގޮވައިގެން ދަތުރުކުރަނިކޮށް ވެއްޓުނު ލަޔަން އެއާގެ ބޯޓުގެ "ބްލެކް ބޮކްސް" ވޮއިސް ރެކޯޑާ ހޯދިފައިވާކަމަށް އެގައުމުގެ އޮފިޝަލުން ބުނެފި އެވެ.

ޖަކާޓާ އިން ފުރިތާ 13 ވަރަކަށް މިނެޓު ތެރޭގައި ބޯޓުގެ އެއްވެސް ހަބަރެއް ނުވެގެން އުޅެނިކޮށް، ބޯޓު ވެއްޓުނީ ޓެކްނިކަލް މައްސަލަތަކެއް ދިމާވެގެންކަމަށް އޮފިޝަލުން މީހާރުވަނީ ބުނެފަ އެވެ.

ވޮއިސް ރެކޯޑާ ހޯދިފައިވީ ނަމަވެސް، ސީދާ އޮތްތަން އަދި ނޭނގޭކަމަށް ވެސް އޮފިޝަލުން އިތުރަށް ބުނެފައިވެ އެވެ. އިންޑޮނޯޝިއާގެ ނޭވީގެ އިސްވެރިޔަކާ ހަވާލާދީ ރޮއިޓާސް އިން ބުނި ގޮތުގައި، ވޮއިސް ރެކޯޑަރުގެ ސިގްނަލް ލިބިފައިވަނީ ކަނޑުގެ ގާތްގަނޑަކަށް 26 ފޫޓު އަޑިން ކަމަށެވެ.

ބޯޓު ވެއްޓުމުގެ ކުރިން ޕައިލެޓުންގެ މެދުގައި ދެކެވުނު ވާހަކަތައް ވޮއިސް ރެކޯޑަރު ހޯދިއްޖެނަމަ އަޑުއަހައިގެން ބޯޓަށް ދިމާވި ސީދާ މައްސަލަ ދެނެގަނެވޭނެކަމަށް އޮފިޝަލުން ލަފާކުރެ އެވެ.

ބޯޓުގެ ޑޭޓާތައް ހިމެނޭ ބްލެކް ބޮކްސް މީގެ ކުރިން ވަނީ ހޯދައިފަ އެވެ. މިދިޔަ ނޮވެމްބަރު މަހު ހޯދި ޑޭޓާ ރެކޯޑަރުގެ މައުލޫމާތުތައް ދިރާސާ ކުރަން ގާތްގަނޑަކަށް ހަ މަސް ދުވަސް ވަރު ނަގާނެކަމަށް ވަނީ ބުނެފަ އެވެ.

ވެއްޓުނު ލަޔަން އެއާގެ ބޯޓުގެ ބައެއް އިންސްޓްރުމެންޓްތަކުގައި މައްސަލަތަކެއް ހުރި ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނުމާއި ގުޅިގެން، ބޮއިންގް 737 މެކްސް 8 މަރުކާގެ ހުރިހާ ބޯޓުތަކުގެ ސަލަމާތީގޮތުން ރައްކާތެރިކަން ކަށަވަރުކުރުމަށް އިންޑޮނޭޝިއާ ސަރުކާރުން ވަނީ އަންގާފައި އެވެ.

ނަމަވެސް، ލަޔަން އެއާ އިން ބުނީ އެ ދަތުރުގައި ފާހަގަވި މައްސަލަތައް ހައްލުކޮށްފައިވާ ކަމަށެވެ.