ފިލްމު "ސަންޖޫ" ގެ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ އަށް ޖިންސީ ފުރައްސައިރެ ތުހުމަތު ކޮށްފި އެވެ. މި ތުހުމަތު ކުރީ އެ ފިލްމުގައި އޭނާގެ ދަށުން މަސައްކަތް ކުރި، އެސިސްޓަންޓް ޑިރެކްޓަރެވެ.
ބޮލީވުޑްގެ ގިނަ ފިލްމުތަކެއް ޑައިރެކްޓު ކޮށްދީފައިވާ ރާޖް ކުމާރު، މި ތުހުމަތުތަކަށް ޖަވާބުދެމުން އޭނާ ބުނަނީ މިއީ ބަޔަކު ހަދަައިގެން ދައްކާ ވާހަކައެއް ކަމަށެވެ. ތުހުމަތުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް ދޮގު ކުރާ ކަމަށެވެ. މި މައްސަލައާ ގުޅިގެން ބޮލީވުޑްގެ އެއްވެސް ފަންނާނަކު އޭނާއާ އެއްކޮޅަށް ވެސް އަދި ދެކޮޅަށް ވެސް އެއްޗެކޭ ނުބުނެ އެވެ. މުޅި ބޮލީވުޑަށް ސިހުން ގެނުވި މި ތުހުމަތު ރާޖްކުމާރު ދޮގު ކުރި ނަމަވެސް، ފަންނާނުން ހަނު ތިބުމުގެ އަޑީގައި ސިއްރެއް އޮތް ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ސުވާލު އުފައްދަ އެވެ.
ފިލްމު "ސަންޖޫ" ގެ އެސިސްޓަންޓް ޑިރެކްޓަރަށް ޖިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތުގައި ރާޖްކުމާރުގެ ސްޕޯކްސްޕާސަން ނެރުނު ބަޔާނުގައި ބުނަނީ މިއީ އޭނާ އަގު ވައްޓާލަން ބަޔަކު ގަސްތުގައި ކުރި ކަމެއް ކަމަށެވެ. އަދި ތުހުމަތު ކުރި ކަން މީގެ ދެ މަސް ކުރިން އެނގުނު ކަމަށާއި، ވަގުތުން އެ މައްސަލަ ހައްލު ކުރުމަށް ގާނޫނީ ލަފާ ހޯދައި ކޮމިޓީއާ މަޝްވަރާ ކުރި ކަމަށެވެ. އެހެންނަމަވެސް، ތުހުމަތު ކުރި ފަރާތްތަކުން މައްސަލަ ހައްލު ނުކޮށް މީޑިއާގެ ކުރިމައްޗައް އެ މައްސަލަ ގެނައީ ކަމަށެވެ.
މައްސަލައިގައި ތުހުމަތު ކުރި ފަރާތުން ބުނެފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހު ފިލްމުގެ ސެޓުން އޭނާއަށް ޖިންސީ ފުރައްސާރަ ކުރި ކަމަށާއި ހަ މަސް ވަންދެން ތަކުރާރު ކުރި ކަމަށެވެ. އަދި ތުހުމަތުތަކަށްފަހު ވެސް އެ ފިލްމުގައި މަސައްކަތް ކުރީ އޭނާގެ މާލީ ހާލަތު ދަށްކަމުންނާއި އޭނާގެ ބައްޕައަށް ކުރަންޖެހޭ ބޭސް ފަރުވަގެ ސަބަބުން ކަމަށް އޭނާ ބުނެ އެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ތުހުމަތު ކުރި އެސިސްޓަންޓް ޑައިރެކްޓަރު ވަނީ އީމެއިލް މެދުވެރިކޮށް ފިލްމުގެ ޕްރޮޑިއުސަރު ވިދޫ ވިނޯދް ޗޯޕްރާ އަށްވެސް އެކަން އަންގާފަ ކަމަށެވެ.
ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކާ ގުޅިގެން އޭނާ މިހާރު މަސައްކަތް ކުރަމުންދާ ފިލްމު "އޭކް ލަޑް ކީކޯ ދޭކާ ތޮ އޭ ސާ ލަގާ" ގެ ޕޯސްޓަރުން އޭނާގެ ނަން ކަނޑާނެ ކަމަށްވެސް މި މައްސަލައާ ގުޅިގެން އަޑު ފެތުރުނެވެ.
ރާޖްކުމާރު ހިރާނީ އަކީ ބޮލީވުޑްގައި ގިނަ ފިލްމުތަކެއް ޑައިރެކްޓުކޮށްދީފައިވާ ފަންނާނެކެވެ. އޭނާގެ އެންމެ ފާހާގަ ކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "3 އިޑިއަޓްސް" "މުންނާބާއި" އަދި "ޕީކޭ" ފަދަ ބްލޮކްބަސްޓާ ފިލްމުތައް ހިމެނެ އެވެ.