ވިޔަފާރި

ސްކޫޓްގެ ޓިކެޓް ރާއްޖޭގައި ވިއްކަން އާ އެޖެންޓުންތަކެއް ހަމަޖައްސައިފި

ސިންގަޕޯ އެއާލައިންސްގެ ދަށުން ހިންގާ، ބަޖެޓް އެއާލައިން ފްލައިސްކޫޓް ގެ ޓިކެޓް ރާއްޖޭގައި ވިއްކުމަށް އާ ތިން އޭޖެންޓުން ހަމަޖައްސައިފި އެވެ.

ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ފްލައި ސްކޫޓްގެ ފަރާތުން ވާހަކަ ދައްކަވަމުން، އެ ކުންފުނީގެ ސައުތް އީސްޓް އޭޝިއާ އަދި ސައުތް އޭޝިއާގެ ސީނިއާ މެނޭޖާ ސޭލްސް، ބްރަޔަން ޓޮރޭ ވިދާޅުވީ، ސްކޫޓްގެ ޓިކެޓް ރާއްޖޭގައި ވިއްކުމަށް ހަމަޖެއްސީ، ސަންލޭންޑް ޖާނީސް އާއި ވޮޔޭޖާސް މޯލްޑިވްސް އަދި ޔުނިވާސަލް އެންޓަޕްރައިސަސް ކަމަށެވެ.

މި އަހަރު ޖުލައި އިން ފެށިގެން ސްކޫޓްގެ ފްލައިޓްތައް ރާއްޖެއަށް އިތުރުކޮށް، ހަފްތާއަކު ފަސް ފްލައިޓް ބާއްވާނެ ކަން މި މި ރަސްމިއްޔާތުގައި ބްރަޔަން އިއުލާން ކުރެއްވި އެވެ. ފްލައި ސްކޫޓަކީ ދުނިޔޭގައި މަގުބޫލްކަން ހޯދަމުން އަންނަ ބަޖެޓް އެއާލައިން އެކެވެ. ބްރަޔަން ވިދާޅުވީ އެ އެއާލައިންގެ ފްލައިޓްތައް އިތުރު ކުރީ ރާއްޖެއިން އެ އެއާލައިނަށް އޮންނަ ޑިމާންޑް ބޮޑުވުމުން ކަމަށެވެ. އަދި ވީހާ ވެސް ހެޔޮ އަގުގައި ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރުކުރުމުގެ ފުރުސަތު ދިވެހިންނަށް ފަހިކޮށްދިނުމަކީ ވެސް އަމާޒެއްކަމަށް ބްރިޔަން ވިދާޅުވި އެވެ.

ސްކޫޓްގެ ފްލައިޓްތައް ރާއްޖެއަށް ދަތުރުފެށީ 2014 ވަނަ އަހަރުން ފެށިގެން އެވެ. އެ އެއާލައިނުން ސިންގަޕޫރުގެ އިތުރުން މެލޭޝިޔާ، އޮސްޓްރޭލިޔާ، ގްރީސް، އިންޑޮނޭޝިޔާ ފަދަ ގައުމުތަކަށް ވެސް އުދުހެ އެވެ.