ބޮލީވުޑް

ޕްރިޔާގެ ބޮލީވުޑް ފިލްމަށް ބޮޑެތި ފާޑުކިޔުން!

މަލަޔާލަމް ފިލްމެއްގެ މަންޒަރަކުން ބެލުންތެރިންގެ މަގުބޫލުކަން ހޯދި ޕްރިޔާ ޕްރަކާޝްގެ ހަބަރު ބޮލީވުޑްގެ ފަލަ ސުރުހީތަކުގައި އަނެއްކާވެސް ފެތުރެން ފަށައިފި އެވެ. ޕްރިޔާގެ ފުރަތަމަ ބޮލީވުޑް ފިލްމުގެ ޓްރެއިލާ އިއްޔެ އާއްމު ކޮށްފައިވާއިރު މި ޓްރެއިލާއަށް ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.

"ސްރީދޭވީ" ކިޔާ ފިލްމީ ބަތަލާއެއްގެ ރޯލު، ޕްރިޔާ ކުޅޭ ފިލްމުގެ ނަމަކީ "ސްރީދޭވީ ބަންގްލާ" އެވެ. މި ފިލްމަކީ މިދިޔަ އަހަރު ކުއްލި ގޮތަކަށް މަރުވި ބޮލީވުޑްގެ ބަތަލާ ސްރީދޭވީގެ މަރުގެ ހާދިސާ އަށް ބިނާ ކޮށް ހަދާފައިވާ ފިލްމެއް ކަމަށް ފިލްމުގެ ޓީމުން ޔަގީންކޮށްދީފައި ނުވިޔަސް ދެ މިނެޓަށްވުރެ ކުރު ޓްރެއިލާ އިންނާއި ފިލްމަށް ދީފައިވާ ނަމުން ވެސް އެނގެ އެވެ.

ސްރީދޭވީ މަރުވީ، ދުބާއީގެ ހޮޓެލްއެއްގައި ބިލިގާއެއްގެ ތެރެއަށް ވެއްޓި ގެނބިގެންނެވެ. އަދި މި ފިލްމުގެ ޓްރެއިލާގެ ފަހު މަންޒަރުގައި ފެންނަނީ ބިލިގާއެއްގެ ތެރެއަށް ވެއްޓި، ޕްރިއާގެ ދެ ފައި ބިލިގާގެ ތެެރެއިން މައްޗަށް ހިއްލިފައިވާ ތަނެވެ.

ފިލްމުގެ ޓްރެއިލާ

މި ފިލްމުގެ ޓްރެއިލާ ރިލީޒް ކުރުމާ ގުޅިގެން މި ފިލްމަށާއި ފިލްމުގައި ސްރީދޭވީގެ ރޯލުން ފެންނަ ޕްރިޔާއަށް ދަނީ އެކި ގޮތް ގޮތުން ފާޑު ކިޔުންތައް އަމާޒު ކުރަމުންނެވެ. ސްރީދޭވީގެ ފިރިމީހާ އަދި ފިލްމު ޕްރޮޑިއުސަރު ބޮނީ ކަޕޫރު، މި ފިލްމު އުފެއްދި ފަރާތްތައް ކުށްވެރިކޮށް އެ ޓީމަށް ވަނީ ގާނޫނީ ނޯޓިސް އެއްވެސް ދީފަ އެވެ. އަދި "ސްރީދޭވީ ބަންގްލާ" ގެ ޓީމުން އެކަމަށް ރައްދުދީ ބުނެފައިވަނީ އެ ފިލްމުގައި ފެންނަނީ އާއްމު މީހެއްގެ ވާހަކަ އެއް ކަމަށާއި، ސްރީދޭވީ އަކީ އާއްމު ނަމެއް ކަމަށެވެ. އަދި އެ ފިލްމުގައި އުޅޭ ފަރާތަކީ އެކްޓްރެސް އަކަށް ވުމަކީ އިއްތިފާގެއް ކަމަށެވެ.

ސްރީދޭވީގެ އާއިލާއާއި ބޮލީވުޑްގެ ބައެއް ފިލްމީ ތަރިން މި މައްސަލައިގައި ޓްވިޓާ މެދުވެރިކޮށް ފިލްމު އުފެއްދި ޓީމު ކުއްވެރި ކުރެ އެވެ. "ސްރީދޭވީ ބަންގްލާ" ފިލްމުގައި ސްރީދޭވީގެ ރޯލުން ފެންނަ ޕްރިޔާ މިކަމަށް އެއްވެސް އެއްޗެކޭ އަދި ނުބުނެ އެވެ.