ދުނިޔެ

މޭގެ އެއްބަސްވުން ފޭލްވުމުން، އީޔޫން ވަކިނުވުމަށް ގޮވާލައިފި

Jan 16, 2019

ބްރަސަލްސް (ޖެނުއަރީ 16) - ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އިނގިރޭސިވިލާތް ވަކިވުމަށް ބޮޑުވަޒީރު ތެރޭސާ މޭ ހުށަހަޅުއްވާފައިވާ އެއްބަސްވުމަށް އިނގިރޭސި ޕާލިމަންޓުގެ ބޮޑު އަގުލަބިއްޔަތަކުން ބޭރުކޮށްލުމާއެކު، އީޔޫއިން ވަކިނުވުމަށް، ޔޫރަޕިއަން ކައުންސިލްގެ ރައީސް ޑޮނަލްޑް ޓަސްކް ގޮވާލައްވައިފި އެވެ.

އަންނަ މާޗު މަހުގެ 29 ވަނަ ދުވަހު އީޔޫއިން ވަކިވުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކޮށް މޭ އިސްވެ އެކުލަވާލި އެއްބަސްވުން، ބޭރުކޮށްލީ 432 މެމްބަރުން އެއާ ދެކޮޅަށް ވޯޓު ދީގެންނެވެ. މިއީ އިނގިރޭސި ޕާލިމަންޓުގެ ތާރީހުގައި ވެރިކަން ކުރާ ޕާޓީއަކަށް ލިބުނު އެންމެ ބޮޑު ނާކާމިޔާބީ އެވެ.

"އެއްބަސްވުމަކަށް އައުމަކީ ނުވާނެކަމެއްނަމަ، ކޮން ބޭފުޅެއްގެތޯ އެ ހިތްވަރުހުރީ މިކަންވާނެގޮތަކަށް ނިންމުމެއް ނިންމަން،" އީޔޫ މެމްބަރެއްގެ ގޮތުގައި އިނގިރޭސިވިލާތް މަޑުކުރުމަށް ގޮވާލައްވަމުން ޓަސްކް ވިދާޅުވި އެވެ.

ޓަސްކުގެ އިތުރުން، ޔޫރަޕިއަން ކޮމިޝަނުގެ ރައީސް ޖޯން ކްލައުޑް ޔަންކާ ވެސް ވަނީ ކޮންމެވެސް ނިންމުމެއް އަވަހަށް ނިންމުމަށް އިނގިރޭސި ސަރުކާރަށް ގޮވާލައްވައިފަ އެވެ.

"ވީ އެންމެ އަވަހަކަށް ކޮންމެވެސް ގޮތެއް ނިންމަން އަޅުގަނޑު އިނގިރޭސިވިލާތަށް ގޮވާލަން، ވަގުތު މިހާރު ވަނީ ވަރަށް ބޮޑަށް ކުޑަތަންވެފައި،" ޔަންކާ ވިދާޅުވި އެވެ.

ހައުސް އޮފް ކޮމޮންސްގައި އެންމެ ފުރަތަމަ އެއްބަސްވުމުގެ ވޯޓު ތާވަލްކުރީ މިދިޔަ ޑިސެމްބަރު މަހު އެވެ. ނަމަވެސް، އޭރު މެމްބަރުންގެ ތާއީދު ނުލިބޭނެކަމަށް ނިންމައި، މޭ ވަނީ އެ ވޯޓު ފަސްކުރައްވައިފަ އެވެ.

މޭގެ ބޮޑު ނާކާމިޔާބީއަށްފަހު، އެކަމަނާގެ އިތުބާރުނެތް ކަމުގެ މައްސަލައެއް އަލުން ވަނީ ވައްދައިފަ އެވެ.

އެއްބަސްވުން ފާސްނުވުމުން، އީޔޫއިން ވަކިވާނެ ގޮތަކާއިމެދު މިހާރުވަނީ ވަރަށް ބޮޑަށް ސުވާލު އުފެދިފަ އެވެ.

އެއްބަސްވުމެއް ނެތި އީޔޫއިން ވަކިވުމާއި، އީޔޫއިން ވަކިވާން ރައްޔިތުންގެ މެދުގައި އަލުން ވޯޓެއްލުމަށް އެކި މެމްބަރުން ގޮވާލައި ގޮވާލުންތައް އަޑުއައްސަވަން މޭއަށް މިހާރު ވަނީ މަޖުބޫރުވެފަ އެވެ.

މޭ ހުށަހެޅުއްވި އެއްބަސްވުމުގައި އެންމެ ބޮޑަށް ހިޔާލު ތަފާތުވެފައި ވަނީ ކަސްޓަމްސް ޗެކު ކުރާ ބޯޑަރު ޕޯސްޓުތަކާއި ގުޅޭ ގޮތުންނެވެ. މިގޮތުން ދެކުނު އަޔަލަންޑުގެ ބޯޑަރުގައި އިނގިރޭސި ޗެކް ޕޮއިންޓެއް ގާއިމު ނުކުރުމަށް ހިމަނާފައި ވުމަކީ، އީޔޫއިން ވަކިވި ނަމަވެސް، އެ އިއްތިހާދުގެ ގަވާއިދުތަކަށް ތަބާވާންޖެހުން ކަމުގައި، މޭ އާ ދެކޮޅު ޕާލިމަންޓް މެމްބަރުން ވަނީ ސިފަ ކުރައްވާފަ އެވެ.

މި އެއްބަސްވުމަކީ އިނގިރޭސިވިލާތް އީޔޫ އިން ވަކިވުމަށްފަހު ދެ ފަރާތުން ވެސް އަމަލު ކުރަންޖެހޭ ކަންތައްތައް ކަނޑައެޅުމަށް އެކުލަވާލެވޭ އެއްބަސްވުމެކެވެ.

އޭގެ ތެރޭގައި، 21 މަހުގެ އިންތިގާލީ މަރުހަލާއެއްގެ އިތުރުން، އިނގިރޭސިވިލާތުން އީޔޫއަށް ދައްކަންޖެހޭ 35 އާއި 39 ބިލިއަން ޑޮލަރުގެ އަދަދެއް ވެސް ވަނީ ހިމަނާފަ އެވެ.